ދައުލަތަށާއި ޢިލްމީ ގޮތުން ގިނަ ޚިދުމަތްތަކެއް ކުރެއްވި ޑރ. މުޙައްމަދު ޢަލީ އަވަހާރަވެއްޖެ

ޑރ. މުޙައްމަދު ޢަލީ: ދައުލަތަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި --

ދައުލަތަށާއި ޢިލްމީ ގޮތުން ގިނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ޑރ. މުޙައްމަދު ޢަލީ މިއަދު އަވަހާރަވެއްޖެއެވެ.

ކުރީގެ ސަރުކާރުތަކުގައި އެކި މަގާމުތައް ފުރުއްވާފައިވާ ޑރ. މުޙައްމަދު ޢަލީ އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އައިޖީއެމް ހޮސްޕިޓަލުގައެވެ. އަވަހާރަވީއިރު އުމުރުފުޅަކީ 67 އަހަރެވެ.

ޑރ. މުޙައްމަދު ޢަލީ ވަނީ އޮސްޓްރޭލިއާއިން ތިމާވެށީގެ ދާއިރާއިން ޕީއެޗްޑީ ހާސިލުކުރައްވައިފައެވެ. އޭނާ ސަރުކާރަށް 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާއިރު، އެންމެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވީ ރާއްޖޭގެ ތިމާވެށީގެ ދާއިރާގައެވެ. އެގޮތުން 12 އަހަރަށްވުރެ ދިގު ޚިދުމަތެއް ކުރެއްވިއިރު، ރާއްޖޭގެ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކާ ގުޅޭ އެކި ދިރާސާތައް ހައްދަވައި، އެކަމާ ގުޅޭ މައުލޫމާތު އެކި މަންސަތަކުގައި ހިއްސާ ކުރެއްވިއެވެ.

ޑރ. މުޙައްމަދު ޢަލީ ސަރުކާރުގެ ޚިދުމަތް ފެއްޓެވީ މާރިޗް 28، 1985ގައި މަޖީދިއްޔާ ސްކޫލުގެ ޖިއޮގްރަފީ ޓީޗަރެއްގެ ވަޒީފާއިންނެވެ. އޭގެ ފަހުން މިނިސްޓްރީ އޮފް ހޯމް އެފެއާޒް އެންޑް ސޯޝަލް ސާވިސަސްގެ އެސިސްޓެންޓް އަންޑަ ސެކްރެޓަރީ ކަމުގެ މަގާމާއި ޕްލޭނިންސް އެންޑް އެންވަޔަރަމެންޓް މިނިސްޓްރީގެ އަންޑަ ސެކްރެޓަރީގެ މަގާމު ފުރުއްވިއެވެ.

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދުގެ ވެރިކަމުގައި ޑރ. މުޙައްމަދު ޢަލީ ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމަށް، އަދި ފަހުން އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމަށް ވެސް އޭނާ އައްޔަންކުރެއްވިއެވެ. އަދި ދެން އައި ސަރުކާރު ކަމަށްވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރެއްވިއެވެ.

މީގެ އިތުރުން ޑރ. މުޙައްމަދު އަލީ ވަނީ ގައުމީ ޕާޓީގައި ގިނަ މަސައްކަތްތަކެއް ކުރައްވައި، އަދާލަތު ޕާޓީގައި ވެސް މެންބަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންފައެވެ.

ސައިންސުގެ އިތުރުން ގުރުއާނުގެ ޢިލްމަށް ވެސް ޝައުގު ބަހައްޓަވައި، މީޑިއާ މެދުވެރިކޮށާއި އެހެން ގޮތްގޮތުން ވެސް މައުލޫމާތު ފޯރުކޮށްދެވުމުގައި ޑރ. މުޙައްމަދު ޢަލީ ޚިދުމަތް ކުރައްވައިފައިވެއެވެ. އަދި ރޯދަމަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ޕްރޮގްރާމުގައި ތަގުރީރު ކުރައްވައި، އިސްލާމިކް މިނިސްޓްރީގެ ހަނދު ސާބިތު ކުރާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ވެސް އޭނާ ހުންނެވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު