ބޮޑެތި މީހުންނަށް ކުއްލިއަކަށް އެލާޖީގެ މައްސަލަތައް ކުރިމަތިވަނީ ވަކި ހާއްސަ ސަބަބުތަކަކާހުރެ ކަމަށް ސައިންސްވެރިންގެ ފަހުގެ ހޯދުންތަކުން ވަނީ އެނގިފައި--ފޮޓޯ/ބީބީސީ

އެލާޖީއަކީ އާންމުކޮށް ކުޑައިރު ނުވަތަ އުފަންވާއިރުންސުރެ ވާރުތަވަމުން އަންނަ ކަމެއްގެ ގޮތުގައި ދެކެވުނު ނަމަވެސް، އެލާޖީއާ ބެހޭ މާހިރު ކެލީ ކޯލަސް ފާހަގަކުރައްވާ ގޮތުގައި، ޢުމުރުގެ ކޮންމެ ހިސާބެއްގައި ވެސް ކޮންމެ މީހަކަށް ވެސް އަލަށް އެލާޖީއެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.

ބޮޑެތި މީހުންނަށް ނުވަތަ ޢުމުރުން ދުވަސްވެފައިވާ މީހުންނަށްވެސް ކުއްލިއަކަށް އެލާޖީގެ މައްސަލަތައް ކުރިމަތިވެދާނެއެވެ. މިފަދަ ކަންކަން ބޭރުފުށުން ކުއްލި ކަމެއްގެ ގޮތުގައި ފެނުނު ނަމަވެސް، ދިރާސާތަކުން ދައްކާ ގޮތުގައި ސޫފާސޫފި ދަތްއެޅުމާއި، ހަށިގަނޑުގެ ހޯމޯންތަކަށް އަންނަ ބަދަލުތަކަކީ މިފަދަ އައު އެލާޖީތައް އުފެދުމަށް މަގުފަހިކުރާ މައިގަނޑު ސަބަބުތަކެވެ.

ބައެއް މީހުންގެ ޖީންސް ނުވަތަ 'ޖެނެޓިކްސް'ގެ ގޮތުން ޠަބީޢީ ގޮތުން ވެސް އެލާޖީއަށް ހުށަހެޅުމުގެ ފުރުޞަތު ބޮޑުވެއެވެ. އެހެންނަމަވެސް، މިއީ ހަމައެކަނި ވިރާސީ (ޖެނެޓިކް) ކަމެއް ނޫން ކަމަށް ނޯތުވެސްޓަން ޔުނިވަސިޓީގެ ފުޑް އެލާޖީ އެންޑް އެސްމާ ރިސާޗް ސެންޓަރުގެ ޑައިރެކްޓަރ ރުޗީ ގުޕްތާ ވިދާޅުވެއެވެ. އޭގެ ބަދަލުގައި ގިނަ ފަހަރަށް މިކަން މެދުވެރިވުމަށް ޚާއްޞަ ސަބަބުތަކެއް ދިމާވާ ކަމަށް އޭނާ އިއްތިފާގުވެވަޑައިގަންނަވައެވެ.

މިގޮތުން ދިމާވާ މައިގަނޑު އެއް ސަބަބަކީ ކޮވިޑް-19އެވެ. މީގެ ސަބަބުން ދިފާޢީ ނިޒާމަށް އަންނަ ބަދަލުތަކާއެކު އައު އެލާޖީތައް އުފެދެއެވެ. ދިރާސާތަކުން ހާމަވާ ގޮތުގައި، ކޮވިޑް-19 ޖެހުމަކީ އެލާޖިކް ރައިނައިޓިސް (ހޭ ފީވާ) އަދި ނޭވާލާ ނިޒާމުގެ އެކި ބަލިތައް ފެންމަތިވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

އާންމުކޮށް ފެތުރޭ ބައެއް ވައިރަސްތަކުގެ ސަބަބުން، ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި އަލަށް އެލާޖީ އުފެދުމަށް މަގުފަހިވޭ--ފޮޓޯ/ބީބީސީ

ދިރާސާވެރިޔާ ފިލިޕް ކާމަން ބަޔާންކުރައްވާ ގޮތުގައި، ބަލި ޖެހުމުން މި ނުރައްކާ އިތުރުވި ނަމަވެސް، ވެކްސިން ޖެހުމުން އެ ފުރުޞަތު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ. ކޮވިޑް-19ގެ ސަބަބުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ހަލަބޮލިވެ، އިންފްލެމޭޝަން (ދުޅަވުން) އިތުރުވެގެންދެއެވެ. މީގެއިތުރުން، އާދައިގެ ރޯގާތަކާއި އާރްއެސްވީ ފަދަ ވައިރަސްތަކުގެ ސަބަބުން ވެސް މިފަދަ ނަތީޖާއެއް ނުކުމެދާނެއެވެ.

ހައިރާންވާންޖެހޭ ކަމަކީ، ބައެއް ބަލިތަކަށް ކުރާ ފަރުވާގެ ސަބަބުން ވެސް ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެވެ. މިސާލަކަށް، އެންޓިބަޔޮޓިކްސް ބޭނުންކުރުމަކީ ފަހުން އެލާޖީ އުފެދުމަށް މެދުވެރިވާ ސަބަބެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ. ޑރ. ގުޕްތާ ވިދާޅުވާ ގޮތުގައި މިއީ ގޮހޮރުގައި ހުންނަ ފައިދާހުރި ބެކްޓީރިއާތަކުގެ ހަމަހަމަކަން (މައިކްރޯބަޔޯމް ބެލެންސް) ގެއްލިގެން ދިއުމުގެ ސަބަބުން ދިމާވާ ކަމެކެވެ.

ހަމައެއާއެކު، މާބަނޑު ދުވަސްވަރަކީ ވެސް ދިފާޢީ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނަ މަރުޙަލާއެކެވެ. ބައެއް އަންހެނުން މާބަނޑުވުމުން ކުރިން ހުންނަ އެލާޖީތައް އިތުރަށް ގޯސްވެއެވެ. އަދި "ޕްރެގްނަންސީ ރައިނައިޓިސް"ގެ ސަބަބުން، ކުރިން އެލާޖީގެ އެއްވެސް މައްސަލައެއް ނެތް މީހުންނަށް ވެސް ކިނބިހިއެޅުމާއި ނޭފަތުން ފެންއައުން ފަދަ އުނދަގޫތައް ކުރިމަތިވެއެވެ. މިއީ މައިގަނޑު ގޮތެއްގައި ހޯމޯންތަކަށް އަންނަ ބަދަލުތަކާ ގުޅިފައިވާ ކަމެކެވެ.

މާބަނޑުވުމާ ގުޅިގެން، ގިނަ އަންހެނުންގެ އެލާޖީގެ މައްސަލަތައް އިތުރަށް ގޯސްވާކަން ފާހަގަކުރެވޭ--ފޮޓޯ/ބީބީސީ

އުތުރު އެމެރިކާގައި އާންމު ސޫތްޕެއް ކަމަށްވާ "ލޯން ސްޓާ ޓިކް" ދަތްއެޅުމުގެ ސަބަބުން ވެސް އާދަޔާޚިލާފު އެލާޖީއެއް އުފެދެއެވެ. އެއީ ރަތް މަސް (ރެޑް މީޓް) ކެއުމުން ދިމާވާ އެލާޖީއެކެވެ.

މެޑިސިން އަދި މައިކްރޯބަޔޮލޮޖީގެ ޕްރޮފެސަރު ތޯމަސް ޕްލެޓްސް-މިލްސްއަށް މިފަދަ ތަޖުރިބާއެއް ކުރިމަތިވުމާ ގުޅިގެން ކުރެއްވި ދިރާސާތަކުން އެނގުނު ގޮތުގައި، މި ސޫފި ދަތްއެޅުމުން އިންސާނާގެ ހަށިގަނޑުގެ ތެރެއަށް "އަލްފާ-ގަލް" ކިޔާ މޮލިކިއުލެއް ވާސިލުވެއެވެ.

މިއީ އާންމުކޮށް ޖަނަވާރުގެ މަހުގައި އެކުލެވޭ މާއްދާއެކެވެ. ސޫފި ދަތްއެޅުމާ ގުޅިގެން، ދިފާޢީ ނިޒާމުން މި މޮލިކިއުލަކީ ނުރައްކަލެއް ކަމަށް ދެކި، އެއާ ދެކޮޅަށް ހަނގުރާމަކުރަން ފަށައެވެ. ނަތީޖާއެއްގެ ގޮތުން، އެ މީހަކު ފަހުން ރަތް މަސް ކެއުމުން ހަށިގަނޑު ދުޅަވުމާއި، ކަހައި ހިރުވުން ފަދަ އެލާޖިކް ޢަލާމާތްތައް ފެންމަތިވެއެވެ.

މާބަނޑު ދުވަސްވަރު ދިމާވާ އެލާޖީތައް ވިހެއުމަށްފަހު ރަނގަޅުވި ނަމަވެސް، އެހެނިހެން ސަބަބުތަކާ ހުރެ އުފެދޭ އައު އެލާޖީތަކަކީ ދާއިމީ ކަމަކަށް ވުމުގެ ފުރުޞަތު ބޮޑެވެ. އެލާޖީ އުފެދެނީ ހަށިގަނޑަށް ގެއްލުމެއް ނުދޭ އާދައިގެ މާއްދާތަކަކީ ނުރައްކާތެރި އެއްޗެއް ކަމަށް ދިފާޢީ ނިޒާމަށް އޮޅި، އެއާ ދެކޮޅަށް މަސައްކަތް ކުރަން ފެށުމުންނެވެ.

އެންޓިބަޔޮޓިކްސް ބޭނުންކުރާ ދުވަސްވަރު ޔޯގަޓް ފަދަ ޕްރޯބަޔޮޓިކްސް އެކުލެވޭ ކާނާ ބޭނުންކުރުމަކީ، ގޮހޮރުގެ ދުޅަހެޔޮކަން ދަމަހައްޓައި މިފަދަ މައްސަލަތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް ޑރ. ގުޕްތާ ލަފާދެއްވައެވެ.

މިހާރު ސައިންސްވެރިން މަސައްކަތް ކުރަމުންދަނީ ދިފާޢީ ނިޒާމު އަލުން ތަމްރީނުކޮށް، އެލާޖީތަކުން ދާއިމީކޮށް ސަލާމަތްވުމަށް އެހީތެރިވެދޭނެ އައު ބޭސްތަކާއި ވެކްސިންތައް އުފެއްދުމަށެވެ. މިވަގުތު މިކަމަށް މުޅިން ފުރިހަމަ ޝިފާއެއް ހޯދިފައި ނެތް ނަމަވެސް، ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން އުންމީދީ ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް