ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލުކުރި މެޗުގެ ތެރެއިން، ނިއުގެ އެސިސްޓެންޓް ކޯޗު ލޫސިއާނޯ ސީކުއެއިރާ ބާބޯސާ އަށް މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) ހަމަލާދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ ނިއު ރޭޑިއަންޓުގެ ފަރާތުން ހުށަހެޅި މި މައްސަލައިގެ ތަހުގީގު ކުރިއަށްދިޔަ ނަމަވެސް، މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
ވާދަވެރި ކުޅުމަކަށްފަހު 3-2 އިން މާޒިޔާ ބަލިކޮށް، އެ ޓީމުގެ ދެ ސީޒަންވީ ބަލިނުވުމުގެ ރެކޯޑު ނިއުއިން ނިމުމަކަށް ގެނައި މި މެޗުގެ 76 ވަނަ މިނިޓުގައި ހިނގި ހަމަނުޖެހުމުގައި، ސުޒޭރު ދިން ހަމަލާއިން ލޫސިއާނޯގެ އަނގަމަތި ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ކުޅުންތެރިއެއްގެ މެދުގައި އުފެދުނު ހަމަނުޖެހުން މާރާމާރީއަކަށް ބަދަލުވީ، ދެ ޓީމުގެ އިތުރު ކުޅުންތެރިންނާއި އޮފިޝަލުން މައްސަލަ ހުއްޓުވަން އުޅުމުގެ ތެރޭގައެވެ. މި ހާދިސާއާ ގުޅިގެން ރެފްރީ ވަނީ ސުޒޭރުގެ އިތުރުން މާޒިޔާގެ ހަސަން ޝިފާޒް (ޑުންގާ) އަދި ނިއުގެ އިބްރާހީމް މައިސާން އަށް ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.
މި ހާދިސާއާ ގުޅިގެން ނިއު ރޭޑިއަންޓުން ނެރުނު ރަސްމީ ބަޔާނެއްގައި، ސުޒޭރުގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އޭނާއަށް އެކަށީގެންވާ ޑިސިޕްލިނަރީ އަދަބެއް ދިނުމަށް ވަނީ ގޮވާލައިފައެވެ.
އެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖިސްމާނީ ގޮތުން ދޭ މިފަދަ ހަމަލާތަކަކީ ކުޅިވަރުގެ ނަޒާހަތްތެރިކަމާއި، ސަލާމަތާއި ރައްކާތެރިކަމުގެ އަސާސީ މިންގަނޑުތަކަށް ސީދާ ހުރަސްއެޅޭ، ފުޓްބޯޅައިގައި އެއްވެސް ޖާގައެއް އޮތް ކަންކަމެއް ނޫނެވެ. އަދި މި މައްސަލަ ކަމާބެހޭ ޑިސިޕްލިނަރީ އިދާރާތަކަށް ހުށަހަޅައި ހެކި ހިއްސާކޮށްފައިވާނެ ކަމަށާއި، ޓީމުގެ ކުޅުންތެރިންނާއި ސްޓާފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކްލަބުގެ އެންމެ ބޮޑު އިސްކަންދޭ ކަންތައް ކަމަށްވެސް ނިއުއިން ބުނެފައިވެއެވެ.