ރަސްމާލޭގެ 20 ބިލިއަން ޑޮލަރުގެ މަޝްރޫއާ ހަވާލުވި އީގަލް ހިލްސްއަކީ ކޮންބައެއް؟

ސަން ގްރެފިކްސް

ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އަބޫދާބީގެ އީގަލް ހިލްސްއާ ދެމެދު މިއަދު ސޮއިކުރި އެއްބަސްވުމާއެކު، އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ އެ މަޝްރޫއުގެ އަގުގެ ގޮތުގައި އިއުލާންކުރި 20 ބިލިއަން ޑޮލަރަށެވެ. މިއީ ރާއްޖޭގެ ތާރީހުގައި ވެސް އިއުލާންކުރި އެންމެ ބޮޑު އެއް އިންވެސްޓްމަންޓެވެ. ނަމަވެސް މި ބޮޑު އަދަދުގެ ފަހަތުގައި ވަނީ، ހަމައެކަނި ވަކިވަކި އިމާރާތްތަކެއް އެޅުމުގެ ބަދަލުގައި މުޅި މަންޒިލެއް އެކީގައި ތަރައްގީކުރުމުގެ ވިޔަފާރީގެ މޮޑެލްއެއް ގެންގުޅޭ ކުންފުންޏެކެވެ.

އީގަލް ހިލްސްއަކީ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ މާކެޓުތަކުގައި ބޮޑެތި، އެކި ބޭނުންތަކަށް ޚާއްސަ މަންޒިލްތައް ތަރައްގީކުރުމަށް އަމާޒުކޮށްގެން ހިންގާ އަމިއްލަ ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް އަދި ޑިވެލޮޕްމަންޓް ކުންފުންޏެކެވެ. އެ ކުންފުނީގެ މަޝްރޫއުތަކުގައި އާންމުގޮތެއްގައި މީހުން ދިރިއުޅޭ ގޯތިގެދޮރާއި، ހޮޓާތަކާއި، ފިހާރަތަކާއި، ރެސްޓޯރެންޓްތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ވަސީލަތްތަކާއި އާންމު މައިދާންތައް ހިމެނެއެވެ.

އީގަލް ހިލްސްއަކީ އަމިއްލަ ކުންފުންޏަކަށް ވުމުން، ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކެކޭ އެއްފަދައިން މާލީ ތަފްސީލުތައް އާންމެއް ނުކުރެއެވެ. އެހެންކަމުން އަހަރީ އާމްދަނީއަށް ބަލައިގެން ކުންފުނީގެ ބޮޑުމިން ވަޒަންކުރުމަކީ ދަތިކަމެކެވެ. އެހެންނަމަވެސް، އެ ކުންފުނިން ހިންގާ މަޝްރޫއުތަކަށް ބަލާއިރު ކުންފުނީގެ ފުޅާމިން އަންދާޒާކުރެވެއެވެ.

ހައުސިން މިނިސްޓަރު މުއްތަލިބާއި އީގަލް ކުންފުނީގެ ވެރިޔާ މުހައްމަދު އަލީ އަލަބާ--- ފޮޓޯ: ހައުސިން މިނިސްޓްރީ

ކުންފުނިން ބުނާ ގޮތުގައި އެ ކުންފުނީގެ މަޝްރޫއުތައް ތިން ބައްރަކަށް ފެތުރިފައިވާއިރު، 20 ގައުމެއްގައި ހަރަކާތްތެރިވެއެވެ. އަދި ކުންފުނީގެ ޕޯޓްފޯލިއޯގެ އަގު 40 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާކަމަށް، ސާބިއާގައި ހިންގާ ބެލްގްރޭޑް ވޯޓާފްރަންޓް މަޝްރޫއުގެ މައުލޫމާތުތަކުގައި ބަޔާންކޮށްފައިވެއެވެ. ޔޫއޭއީ، ސާބިއާ، އުރުދުން، މޮރޮކޯ، އަލްބޭނިއާ އަދި ޖޯޖިއާ ފަދަ ގައުމުތަކުގައި އެ ކުންފުނިން ދަނީ މަޝްރޫއުތައް ހިންގަމުންނެވެ. މި ހުރިހާ މަޝްރޫއުތަކެއްގައިވެސް ފާހަގަކުރެވޭ އެއްގޮތް ކަމަކީ، މޫދު ނުވަތަ ކޯރު އައްސޭރީގައި ފަތުރުވެރިކަމާއި އާބަން މުޖުތަމައުތައް ގުޅުވައިގެން ބޮޑެތި މަންޒިލްތައް ތަރައްގީކުރުމެވެ.

މި ކުންފުނީގެ ފަހަތުގައި ހުންނެވީ މެދުއިރުމަތީގެ ރިއަލް އެސްޓޭޓް ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ އެއް ނަން ކަމަށްވާ މުހައްމަދު އަލީ އަލަބާރެވެ. އޭނާއަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖް ހަލީފާއާއި ދުބާއީ މޯލް ތަރައްގީކުރި ދުބާއީގެ އެމާރް ޕްރޮޕަޓީސްގެ ބާނީ އަދި ޗެއާމަނެވެ. އެގޮތުން 1997 ވަނަ އަހަރު އެމާރް އުފެއްދެވުމަށްފަހު، އޭނާ ވަނީ ރިއަލް އެސްޓޭޓްގެ އިތުރުން ރީޓެއިލް، ފަތުރުވެރިކަން، ޓެކްނޮލޮޖީ އަދި ކާބޯތަކެތީގެ ވިޔަފާރީގެ ދާއިރާގައި ވެސް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރައްވާފައެވެ.

އެމާރް ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި 2023 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ ސާފު އެސެޓް ވެލިއު އަކީ 177.5 ބިލިއަން ދިރުހަމް ނުވަތަ 48.3 ބިލިއަން ޑޮލަރެވެ. އީގަލް ހިލްސްއަކީ އެމާރްއާ ވަކިން ހިންގާ އަމިއްލަ ކުންފުންޏެއް ނަމަވެސް، ބޮޑެތި އާބަން މަޝްރޫއުތައް ހިންގުމުގައި އަލަބާރަށް ލިބިވަޑައިގެންފައިވާ ތަޖުރިބާއަކީ އީގަލް ހިލްސްގެ ކާމިޔާބީގެ މުހިންމު ބައެކެވެ. އޭނާގެ ވިޔަފާރީގެ ތެރޭގައި "ނޫން ޑޮޓް ކޮމް" އަދި "އަމެރިކާނާ ގްރޫޕް" ފަދަ ކުންފުނިތައް ވެސް ހިމެނެއެވެ.

https://www.sun.mv/227809

އީގަލް ހިލްސްގެ އެންމެ ބޮޑު އެއް މަޝްރޫއަކީ ސާބިއާގެ ވެރިރަށް ބެލްގްރޭޑްގައި ހިންގާ "ބެލްގްރޭޑް ވޯޓާފްރަންޓް" އެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގެ ކޯރު އައްސޭރީގެ ބޮޑު ސަރަހައްދެއް ވަނީ މީހުން ދިރިއުޅޭ އިމާރާތްތަކާއި، ހޮޓާތަކާއި، ފިހާރަތައް ހިމެނޭ އާބަން ސަރަހައްދަކަށް ބަދަލުކޮށްފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެ ކުންފުނިން އިއުލާންކުރި ގޮތުގައި، މި މަޝްރޫއު ފުޅާކުރުމަށް ރާވާފައިވާއިރު، މުޅި މަޝްރޫއުގެ ރިއަލް އެސްޓޭޓް އަގު 12 ބިލިއަން ޔޫރޯއަށް ވުރެ މައްޗަށް ދާނެއެވެ.

ސާބިއާގެ ވެރިރަށް ބެލްގްރޭޑްގައި ހިންގާ "ބެލްގްރޭޑް ވޯޓާފްރަންޓް" މަޝްރޫއުގެ ރެންޑާއެއް --

މީގެ އިތުރުން އަލްބޭނިއާގެ އައްސޭރިފަށުގައި "ޑުރެސް ޔޮޓްސް އެންޑް މެރީނާ" ގެ ނަމުގައި ބޮޑު މަޝްރޫއެއް ހިންގަމުންދާއިރު، ޔޫއޭއީގެ އަބޫދާބީގައި "ރަމްހާން އައިލެންޑް" ގެ ނަމުގައި މަތީ ފަންތީގެ ވޯޓާފްރަންޓް މަންޒިލެއް ދަނީ ތަރައްގީކުރަމުންނެވެ. އަދި ބުލްގާރީ ހޮޓެލްސްއާ ގުޅިގެން 40 އުޅަނދު ބޭއްވޭ މެރީނާއަކާއެކު 2030 ވަނަ އަހަރު ހުޅުވުމަށް ހަމަޖެހިފައިވާ ރިސޯޓެއްވެސް ދަނީ ތަރައްގީކުރަމުންނެވެ.

ޖޯޖިއާގައިވެސް އެ ކުންފުނިން ދަނީ 6.5 ބިލިއަން ޑޮލަރުގެ ދެ މަޝްރޫއެއް ހިންގަމުންނެވެ. އޭގެ ތެރެއިން 3.5 ބިލިއަން ޑޮލަރުގެ "ޓްބިލިސީ ވޯޓާފްރަންޓް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ 300 ޔުނިޓު، ވިއްކަން ހުޅުވާލި ފުރަތަމަ ދުވަހު ވަނީ ވިކި ހުސްވެފައެވެ.

ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއު ކުރިއަށްގެންދާނީ ރަސްމާލޭގައި ހިއްކާފައިވާ 500 ހެކްޓަރުގެ ބިމުގައެވެ. ސަރުކާރުން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގައި ހިމެނެނީ:

  • ބައިނަލްއަގުވާމީ ހޮޓާތަކާއި ރިސޯޓުތައް
  • މަތީ ފަންތީގެ އަދި ބްރޭންޑެޑް ރެސިޑެންސްތައް
  • ބޮޑު މެރީނާއެއް
  • މޫދު އައްސޭރީގެ ހިނގާ މަގުތައް
  • ރެސްޓޯރެންޓްތަކާއި ފިހާރަތައް
  • މުނިފޫހިފިލުވުމާއި ދުޅަހެޔޮކަމުގެ ވަސީލަތްތައް
  • ތައުލީމީ އަދި ސިއްހީ ހިދުމަތްދޭ ތަންތަން
  • އާންމު މައިދާންތަކާއި މުޖުތަމައަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް
އީގަލް ހިލްސް އިން ކުރިއަށް ގެންދަން ނިންމާފައިވާ ޕްރޮޖެކްޓެއް--- ފޮޓޯ: އީގަލް ހިލްސް

މި ތަންތަން ދޫކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން 99 އަހަރުގެ މުއްދަތަކަށެވެ. އަދި ވިއްކުމުން ނުވަތަ ވާރުތަވުމުން އަލުން 99 އަހަރުގެ މުއްދަތެއް ފެށޭނެ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން ރަސްމާލެއިން ދިވެހިންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ގޯއްޗާއި ފްލެޓްތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދީފައެވެ.

މި މަޝްރޫއާ ގުޅިގެން އިއުލާންކޮށްފައިވާ 20 ބިލިއަން ޑޮލަރަކީ މަޝްރޫއުގެ އެކި ފިޔަވަހިތަކަށް ބަހާލައިގެން ކުރާނެ ކަމަށް ލަފާކުރާ ޖުމްލަ އިންވެސްޓްމަންޓްގެ އަދަދެވެ. މީގެ މާނައަކީ އީގަލް ހިލްސްއިން ވަގުތުން 20 ބިލިއަން ޑޮލަރު ދިވެހި ސަރުކާރަށް ދިނުން ނުވަތަ ވަގުތުން އެ އަދަދުގެ ފައިސާ އިމާރާތްކުރުމަށް ހަރަދުކުރުމެއް ނޫނެވެ. މަޝްރޫއަށް ފައިސާ ހޯދާނެ ގޮތުގެ އޮނިގަނޑާއި، އިމާރާތްކުރާނެ ތާވަލު އަދި އީގަލް ހިލްސްއިން ސީދާ އިންވެސްޓްކުރާނެ އަދަދެއް އަދި އާންމުކޮށްފައެއް ނުވެއެވެ.

ދަ ނޭޝަނަލް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްރޫއުގެ މުޅި އުމުރުގައި 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ގްރޮސް ފޮރިން އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކުރެވެއެވެ. އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް ފޮރިން އިންވެސްޓްމަންޓް ހިމެނެއެވެ. އަދި މަޝްރޫއު ނިމުމުން 54،000 އަށް ވުރެ ގިނަ ސީދާ އަދި ނުސީދާ ވަޒީފާ އުފެދި، އަހަރަކު އެއް މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި އަހަރަކު ދެ ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ރަސްމާލެއަކީ ދިވެހިރާއްޖޭގެ އާބަން ތަރައްގީގެ ބޮޑު ޕްލޭންގެ މުހިންމު ބައެކެވެ. ފުށިދިއްގަރު ފަޅު ހިއްކައިގެން ތަރައްގީކުރާ މި ސަރަހައްދުގެ މުޅި މާސްޓަޕްލޭން 1،100 ހެކްޓަރަށް ވުރެ ބޮޑުވާއިރު، ގާތްގަނޑަކަށް 65،000 ބޯހިޔާވަހިކަމުގެ ޔުނިޓު އެޅުމަށް ވަނީ ރާވާފައެވެ. އީގަލް ހިލްސްއާއެކު ވެވުނު އެއްބަސްވުމަކީ މި ބޮޑު މަޝްރޫއުގެ ފެށުމެވެ. ކުރިއަށް އޮތް ތަނުގައި އެންމެ މުހިންމު މަރުހަލާއަކަށް ވާނީ، ކަރުދާހުގައިވާ މާސްޓަޕްލޭނާއި އިންވެސްޓްމަންޓް އެއްބަސްވުން، އަމަލީ ގޮތުން އިމާރާތްކުރުމާއި، ފައިސާ ހޯދުމާއި، ވިއްކުމުގެ މަރުހަލާއަށް ބަދަލުކުރުމެވެ.

comment ކޮމެންޓް