ސިއްހީ ގޮތުން ދޭންޖެހޭ ޚާއްސަ ޚިދުމަތްތަކާއި ފަތުވާތައް ހަމައެކަނި މާލެއިން ލިބޭ ގޮތަށް އިންތިޒާމްތައް ރޭވިފައި އޮވެގެންނުވާނެ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު 'ނިއޯކެއާ ކޮންފަރެންސް' ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ ވަނީ ކޮންމެ ކުއްޖަކަށްވެސް އެ ކުއްޖަކު އުފަންވި ތަނެއް ބެލުމެއްނެތި އެކަށީގެންވާ ރަނގަޅު ފަރުވާއެއް ދެވެން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.
މިނިސްޓަރު ވަނީ ތުއްތުކުއްޖާ އުފަންވާ ވަގުތާ އެއަށްފަހު ދެވޭ ފަރުވާއަކީ ހަމައެކަނި ދިރިހުރުމަށް އެހީތެރިވެދޭ ކަމެއް ނޫންކަމަށާއި އެއީ ކުރިއަށްއޮތް އަހަރުތަކުގައި ކުއްޖާގެ ސިއްހަތަށާއި ހެދިބޮޑުވުމުގެ އިތުރުން ދިރިއުޅުމުގެ ފެންވަރަށް އަސަރުކުރާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.
އެހެންކަމުން އަލަށް އުފަންވާ ކުދީންނަށް ދޭ ފަރުވާ ވަރުގަދަކުރުމަކީ ހަމައެކަނި ކްލިނިކަލް ޚިދުމަތްތައް ވަރުގަދަކުރުން ނޫން ކަމަށާއި އެއީ ދަރީންގެ މުސްތަގުބަލާއި ދުޅަހެޔޮ ޖީލަކަށް ކުރާ ޚަރަދެއް ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިއީ ދެމެހެއްޓެނިވި ތަމްރީންތައް ދޭންޖެހޭ ދާއިރާއެއް. ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް، ކްލިނިކަލް މެންޓޯޝިޕް، މިނޫންވެސް ޚިދުމަތްތައް ދޭނެގޮތްތައް ވަރަށް ރަނގަޅަށް އެނގޭ ބަޔަކަށް މި ދާއިރާގަ މަސައްކަތްކުރާ މީހުން ވާންޖެހޭ. މިއީ ޒިންމާ ބޮޑު މަސައްކަތެއް.ހެލްތު މިނިސްޓަރު ގީލާ އަލީ
މިނިސްޓަރު ވަނީ ދުވަސްނުފުރާ އުފަންވާ ކުދީންނާއި ނުރައްކާތެރި ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމަކީ އަދި ފަރުވާ ނިމުން ނޫން ކަމަށް ވިދާޅުވެފައެވެ. އެ ކުދީންގެ ހެދިބޮޑުވުމާއި ސިއްހީ ހާލަތު މޮނީޓާކޮށް އެކަށީގެންވާ ޚިދުމަތްތައް ވަގުތުން ލިބޭނެ ގޮތަށް ފޮލޯ އަޕް ނިޒާމުތަކެއް މުހިންމުކަން މިނިސްޓަރު ފާހަގަ ކުރެއްވެވިއެވެ.
ނިއޯކެއާ ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް އެހެންކަމުން އެތަނެއްގެ ލެވެލްއިން ދުވަސްނުފުރާ ވިހާ ކުދީންނަށް ރިފަރަލް އަދި ފޮލޯއަޕް ނިޒާމު އިތުރަށް ވަރުގަދަކުރަންޖެހޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
މިނިސްޓަރު ވަނީ މިއަދު ފެށުނު ކޮންފަރެންސްގެ ސަބަބުން ހޮސްޕިޓަލުތަކުގެ ގުޅުން ބަދަހިވެ، ކަމާބެހޭ މާހިރުންގެ އިރުޝާދާއެކު ނިއޯކެއާއަށް ހޭލުންތެރި ބަޔަކު މުޅި ރާއްޖޭގައި ބިނާކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ އަމަލުކުރަންވީ ގޮތް ސިއްހީ އެހީތެރިންނަށް، މިފަދަ ކޮންފަރެންސްތައް މެދުވެރިކޮށް އެނގިގެން ދާނެ ކަމަށް ގީލާ ވިދާޅުވިއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ނިިއޯނޭޓަލް ކޮންފަރެންސެއް ބޭއްވީ ނިމުނު އަހަރުގައެވެ. މި އަހަރު މި ކޮންފަރެންސް ހުޅުމާލޭ ހޮސްޕިޓަލުގެ އިސްނެގުމުގެ މަތީން ބާއްވާއިރު ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސްގައި 19 ހޮސްޕިޓަލެއްގެ އެންއައިސީޔޫގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.