މިދިޔަ ހަފުތާގައި ސްކޭމްތައް މަދުވެ، ގެއްލުނު ފައިސާ ތިން ލައްކައަށް ދަށްވެއްޖެ

ސްކޭމާ ގުޅޭ ގޮތުން ހޭލުންތެރިކުރުން: މިދިޔަ ހަފުތާގައި ސްކޭމްތައް މަދުވެ، ގެއްލުނު ފައިސާ ތިން ލައްކައަށް ވަނީ ދަށްވެފައި --- ފޮޓޯ/ ފުލުހުން

މިދިޔަ ހަފުތާގައި ސްކޭމްތައް މަދުވެ، އެ މައްސަލަތަކުގައި ގެއްލުނު ފައިސާ ތިން ލައްކައަށް ދަށްވެފައިވާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި މަހު ހަ ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށް އެންޓި ސްކޭމް ސެންޓަރަށް ސްކޭމްގެ 53 މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަތަކުގައި ޖުމުލަ ހަ ލައްކައަށް ވުރެ ގިނަ ފައިސާ ވަނީ ގެއްލިފައެވެ.

އެންޓި ސްކޭމް ސެންޓަރުން މިއަދު އާންމުކުރި ހިސާބުތަކަށް ބަލާއިރު، ނިމުނު ހަފުތާގައި އެ ސެންޓަރަށް ހުށަހެޅި ސްކޭމްގެ މައްސަލަތައް ވަނީ 38އަށް ދަށްވެފައެވެ. އެއީ، އޭގެ ކުރީ ހަފުތާއާ އަޅައިބަލާއިރު، 15 މައްސަލަ މަދު އަދަދެކެވެ.

https://sun.mv/227491

މީގެ އިތުރުން، އެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު ވެސް މިދިޔަ ހަފުތާގައި ވަނީ ދަށްވެފައެވެ. އެގޮތުން، ސްކޭމްގެ މައްސަލަތަކުގައި މިދިޔަ ހަފުތާގައި ތިން ލައްކައަށް ވުރެ ގިނަ ފައިސާ ގެއްލުނުއިރު، ފުލުހުންނަށް ހޯދުނީ 151،263.63 ރުފިޔާއެވެ.

އޮންލައިން ކުށްތަކާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރުން -- ފޮޓޯ/ ފުލުހުން

މިދިޔަ ހަފުތާގައި ސްކޭމްތައް ކުރުމަށް ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި ހިމެނެނީ، އޮންލައިން މެސެޖިން މަންސަތަކާއި އައިބޭއާއި ޓިކްޓޮކާއި ފޯން ކޯލާއި ފިޝިން ލިންކުގެ އިތުރަށް ފޭސްބުކް މާކެޓް ޕްލޭސްއެވެ.

މިދިޔަ ހަފުތާގައި އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ، އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ސްކޭމްގެ މައްސަލަތަކެވެ. އެ ބާވަތުގެ 15 މައްސަލަ ހުށަހަޅާފައިވާއިރު، ފައިސާ މާރުކުރުމުގެ 10 މައްސަލައާއި ބުކިން ކެންސަލޭޝަން އަދި ރިފަންޑް ސްކޭމްގެ ހަތަރު މައްސަލަ ހުށަހެޅިއެވެ.

މީގެ އިތުރުން، އިންވެސްޓުމަންޓާ ގުޅުންހުރި މައްސަލައަކާއި އެހެނިހެން ހަ މައްސަލަ މިދިޔަ ހަފުތާގައި ރިޕޯޓުކޮށްފައިވެއެވެ.

މި އަހަރުގެ މިހާތަނަށް ސްކޭމްތަކަށް އެންމެ ގިނަ އަދަދަކަށް ފައިސާ ގެއްލިފައިވަނީ މިދިޔަ މެއި މަހުގައެވެ. އެގޮތުން އެ މަހު ސްކޭމަރުން ވަނީ 2.27 މިލިއަން ރުފިޔާ އަތުލައިފައެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ އުކުޅުތަކަށް ނުހެއްލުމަށް ފުލުހުން އަބަދުވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ.

comment ކޮމެންޓް