ސީއެންއެންއާއި އިތުރު ދެ ނޫހެއް ވައިޓް ހައުސްއަށް ނުވައްދާ މައްސަލަ ކޯޓަށް

ޓްރަމްޕް މީޑިއާތަކާ ވާހަކަދެއްކެވުން: ސީއެންއެންއާއި އިތުރު ނޫސްތަކެއް ވައިޓް ހައުސްއިން މަނާކުރި މައްސަލަ ވަނީ ކޯޓަށް ހުށަހަޅައިފައި -- ފޮޓޯ/ ރޮއިޓާސް

އެމެރިކާގެ މަޝްހޫރު ތިން މީޑިއާއެއް ކަމަށްވާ ސީއެންއެން، ޕޮލިޓިކޯ އަދި އެމްއެސް ނައުގެ ނޫސްވެރިން، އެމެރިކާގެ ރައީސް އޮފީސް ކަމަށްވާ ވައިޓް ހައުސްއަށް ވަނުން މަނާކުރި މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

ސީއެންއެން އާއި އެމްއެސް ނައު އަދި ޕޮލިޓިކޯ، ވައިޓް ހައުސްއިން މަނާކުރަން ނިންމެވިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވީ މިދިޔަ ހުކުރު ދުވަހެވެ. އޭގެ ފަހުން އެ ނިންމުން ތަންފީޒުކޮށް، އެ ނޫސްތަކުގެ ރިޕޯޓަރުންގެ ފާސް ވަނީ އަތުލައިފައެވެ. އަދި ވައިޓް ހައުސްގައި ބަހައްޓައިފައި ހުރި އެ ނޫސްތަކުގައި ކެމެރާ ފަދަ ތަކެތި ބޭނުން ކުރުން ހުއްޓުވައިފައިވާ ކަމަށް ވެސް ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ.

އެ ތިން ނޫހުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، ކުރިން އެންގުމަކާ ނުލައި، އެ އިދާރާތަކުގެ ނޫސްވެރިންގެ ފާސްތައް ބާތިލުކުރީ އެ ނޫސްތަކުން ގެނެސްދޭ ޚަބަރުތަކާ މެދު ސަރުކާރުން ހިތްހަމަނުޖެހޭތީއެވެ. އަދި އެއީ ސަރުކާރުގެ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ނޫސްވެރިކަމުން މައުލޫމާތު ލިބިގަތުމަށް އާންމުންނަށް އޮންނަ ހައްގަށް އޮތް ނުރައްކަލެއް ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

https://sun.mv/227711

އެ ތިން ނޫހުން ވޮޝިންޓަން ޑީސީގައި ހުންނަ އެމެރިކާގެ ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ، ނޫސްވެރިންނަށް އަލުން ވައިޓް ހައުސްއަށް ވަދެވޭނެ ގޮތް ހަދައިދިނުމަށް އެދި މި ހަފުތާގެ ތެރޭގައި ކުއްލި އަޑުއެހުމެއް ބާއްވައިދިނުމަށް އެދިފައެވެ.

މިކަމާ ގުޅިގެން ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ ޓްރުތު ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މިއީ މިނިވަން ނޫސްވެރިކަމަށް ދިން ހަމަލާއެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އެމެރިކާގައި ކެންސަރެއް ފަދައިން ފެތުރެމުންދާ "ފޭކް ނިއުސް" ނުވަތަ ދޮގު ޚަބަރުތަކާ ދެކޮޅަށް އެޅުއްވި ފިޔަވަޅެއް ކަމަށާއި، އެފަދަ ޚަބަރުތަކަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ޓްރަމްޕް ލިޔުއްވާފައިވެއެވެ.

ޓްރަމްޕްގެ ސަރުކާރުން ދަނީ އެ ސަރުކާރަށް ފާޑުކިޔާ ބޮޑެތި މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅަމުންނެވެ. އެގޮތުން، ނިއުޔޯކް ޓައިމްސްއާ ދެކޮޅަށް 15 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާއެއް ކޮށްފައިވާއިރު، ސީބީއެސް ފަދަ މީޑިއާތަކާ ދެކޮޅަށް ވެސް މީގެ ކުރިން ދައުވާކޮށްފައިވެއެވެ. ނަމަވެސް، ނިއުޔޯކް ޓައިމްސްއާ ދެކޮޅަށް ހުށަހެޅި މައްސަލަ ފްލޮރިޑާގެ ފެޑެރަލް ފަނޑިޔާރު ސްޓީވަން މެރިޑޭ ވަނީ ބޭރުކޮށްލައްވާފައެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި 85 ސަފުހާގެ އެ ދައުވާއަކީ ގާނޫނީ އުސޫލުތަކާ ޚިލާފަށް، ސިޔާސީ ވާހަކަތަކެއް ހިމަނައިގެން ހުށަހަޅާފައިވާ މައްސަލައެކެވެ.

https://sun.mv/227718

މި މައްސަލަތައް ފެންމަތިވެފައި މިވަނީ، އަންނަ ނޮވެންބަރު މަހުގެ ތިން ވަނަ ދުވަހު ބާއްވާ މިޑްޓާމް އިންތިޚާބުގައި ކޮންގްރެސްގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ރިޕަބްލިކަން ޕާޓީން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. އިންތިޚާބަށް 45 ދުވަހަށް ވެފައިވާއިރު، އިންތިޚާބުގެ ކުރިން ނަގާފައިވާ ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި، ރިޕަބްލިކަން ޕާޓީއަށް އޮތް ތާއީދު ކުޑަވަމުންދާއިރު، ޓްރަމްޕްގެ މަގުބޫލުކަން ވަނީ 41 ޕަސެންޓަށް ވެއްޓިފައެވެ. އެއީ ޓްރަމްޕްގެ ދެވަނަ ދައުރުގައި މިހާތަނަށް ތާއީދު އެންމެ ބޮޑަށް ދަށަށް ދިޔަ ފަހަރެވެ.

މީގެ އިތުރުން، އިގުތިސާދީ ގޮތުން ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތުތަކުގެ ސަބަބުން ގެއްލުންވަމުންދާ ކަމަށް 55 ޕަސެންޓް މީހުން ގަބޫލުކުރާ ކަމަށް އެންބީސީ ނިއުސްގެ ޕޯލްތަކުން ދައްކައެވެ.

ސަރުކާރުގެ އިދިކޮޅުގައި މިހާރު އޮތް ޑިމޮކްރެޓިކް ޕާޓީން ވެސް އަންނަނީ ކޮންގްރެސްގެ ދެ ގެ ކަމަށްވާ ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ އަޣުލަބިއްޔަތު ހޯދުމަށް ވަރުގަދަ ކެމްޕޭނެއް ކުރަމުންނެވެ.

comment ކޮމެންޓް