އދ. ބައްޓަން ކުރުމުގައި ވެސް، އިސް ސަފުގައި ޒިންމާ އަދާކުރަން ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް އދ.ގެ މެންބަރުކަން ލިބުނުތާ 61 އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚާއްސަ މެސެޖުގައި ރައީސް ވިދާޅުވީ އދ.ގެ ތެރޭގައި އެންމެހައި ގައުމުތަކުން ހަމަހަމައަށް ތަމްސީލުވުން ލިބިދިނުމަށް ގޮވައިލުމުގައި ރާއްޖޭން ދެމިއޮންނާނެ ކަމަށެވެ. އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުން އިސްކަންދޭ ކަންކަން ކުރިއެރުވުމަށާއި އެ ގައުމުތަކުގެ ބައިވެރިވުން ކަށަވަރުކުރުމަށްޓަކައި ރާއްޖޭން މަސައްކަތްކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމަށާއި ހަމަހަމަ، އަދި މޫސުމީ ވިލުންތެރިކަން ލިބިފައިވާ ބައިނަލްއަގުވާމީ އިގުތިޞާދެއް ބިނާކުރުމުގައި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ އަޑު މާނަހުރި ގޮތެއްގައި އިއްވުމަށްޓަކައި، އދ.އާއެކު އޮތް ގުޅުން ރާއްޖޭން ވަރުގަދަކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އެގޮތުން މޫސުމީ ވިލުންތެރިކަމަށް ވަކާލާތުކުރުމާއި ދަރަންޏަށް ދެމެހެއްޓެނިވި ހައްލުތައް ހޯދައި ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި މޫސުމަށް ހޭނުމަށް ބޭނުންވާ ފައިސާ ހިމެނޭހެން އެކަށީގެންވާ މާލީ އެހީތެރިކަން ހޯދުމުގެ ފުރުސަތުތައް ފަހިކުރުމަށާއި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކުގެ ގާބިލުކަން އިތުރުކުރުމަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ރާއްޖޭން މެދުކެނޑުމެއްނެތި ވަކާލާތުކުރަމުން ދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ، އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން އަރައިގަތުމަށް ކުރި މަސައްކަތް ހިމެނޭހެން ރާއްޖޭގެ ތަރައްގީއަށް އެ ޖަމިއްޔާއިން ވެދިން އެހީތެރިކަން ފާހަގަކުރައްވައިފައެވެ.
ހަމަ އެހެންމެ، އދ.ގެ ތެރޭ ރާއްޖޭގެ ދައުރު ފުޅާވަމުން އަންނަކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ މެސެޖުގައިވަނީ ބައިނަލްއަގުވާމީ މުޖުތަމައަށް ކުރިމަތިވަމުންދާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދުމުގައި ޑިޕްލޮމެސީއާއި މަޝްވަރާއާއި ގިނަ ފަރާތްތަކުގެ ބައިވެރިވުން ހިމެނޭ ބައިނަލްއަގުވާމީ ނިޒާމެއްގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވައިލައްވައިފައެވެ.
މެސެޖު ނިންމަވައިލައްވަމުން އެ މަނިކުފާނު ވިދާޅުވީ 1965ވަނަ އަހަރު ރާއްޖޭން އދ.އާ ގުޅުނީ ބައިނަލްއަގުވާމީ ދުނިޔޭގެ ބަލައިގަތުމާއި ބައިވެރިވުން ހޯދުމަށް ކަމަށް ވިޔަސް، މިއަދު ރާއްޖެ އޮތީ އެ އދ. ބައްޓަންކުރުމުގައާއި ތަރައްގީގައި އެއްވެސް މީހަކު ބާކީނުވާ ފަދަ ވިލުންތެރި މުސްތަގުބަލެއް ބިނާކުރުމަށް އެންމެ އިސް ސަފުގައި ބޮޑެތި ޒިންމާތައް އުފުލުމަށް ފުރިހަމައަށް ތައްޔާރަށް ކަމަށެވެ.
ރާއްޖެ އދ.ގެ މެންބަރަކަށްވީ މީގެ 61 އަހަރުކުރިން ސެޕްޓެންބަރު 21، 1965ގައެވެ.