ޗައިނާގެ މީހަކު ކަސްޓަމަރުންގެ ބުރަކަށީގައި އުފެދޭ ހިރުވުން ފިލުވައިދިނުމަށް ޚާއްޞަ ވިޔަފާރިއެއް ފަށައި، މަހަކު ގާތްގަނޑަކަށް 14،000 ޑޮލަރުގެ ބޮޑު އާމްދަނީއެއް ހޯދަން ފަށައިފިއެވެ.
"ސުމާ"ގެ ނަމުގައި ހިންގާ މި އާދަޔާޚިލާފު ޚިދުމަތަކީ ބުރަކަށީގައި އުފެދޭ ހިރުވުން ފިލުވައިދޭ ތެރަޕީއެކެވެ. ގަޑިއަކަށް 300 ޔުއާން (ގާތްގަނޑަކަށް 45 ޑޮލަރު) ނަގާ މި ޚިދުމަތް އިޝްތިހާރު ކުރަނީ، ނަފްސާނީ ހާސްކަން ކުޑަކޮށްދީ، ނިދުމަށް އެހީތެރިވެދޭ ޚިދުމަތެއްގެ ގޮތުގައެވެ.
ޗައިނާގެ ހޫބޭ ޕްރޮވިންސަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ޒަންގް ޝިއާއޯކިއާއޯ، މި ތަފާތު ވިޔަފާރި ފަށާފައިވަނީ ޝެންޒެންގައެވެ. މަސާޖު ޕާލާއެއްގެ މާހައުލާ އެއްގޮތަށް ސެޓްއަޕް ތައްޔާރުކޮށްފައިވާ މި ތަނުގައި، ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ޚާއްޞަކޮށް ތަމްރީނުކޮށްފައިވާ މުވައްޒަފުން ތިބެއެވެ. މި މުވައްޒަފުން ކަސްޓަމަރުންގެ ބުރަކަށީގެ ހިރުވުން ފިލުވައިދިނުމަށް ބޭނުންކުރަނީ މިކަމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ ތޫނު ނިޔަފަތިތަކެކެވެ.
އުމުރުން 32 އަހަރުގެ ޒަންގް ޝިއާއޯކިއާއޯ--ފޮޓޯ/އިންސްޓަގްރާމްޒަންގް ބުނި ގޮތުގައި ބޮޑެތި ސިޓީތަކުގައި ދިރިއުޅޭ މީހުންނަކީ އިންތިހާއަށް ސްޓްރެސް ތަހައްމަލު ކުރަމުންދާ ބައެއް ކަމުން، މިފަދަ ޚިދުމަތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑެވެ. އޭނާގެ ފުރަތަމަ އައުޓްލެޓް މި އަހަރުގެ މެއި މަހު ހުޅުވި ނަމަވެސް، ޑިމާންޑް ބޮޑުވުމުގެ ސަބަބުން އޭގެ އެއް މަސް ފަހުން ވަނީ ދެވަނަ އައުޓްލެޓެއްވެސް ހުޅުވާފައެވެ. މި ދެ ތަނުން މަހަކު ގާތްގަނޑަކަށް 100,000 ޔުއާން (ގާތްގަނޑަކަށް 14,930 ޑޮލަރު)ގެ އާމްދަނީއެއް ލިބޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި ޚިދުމަތް ހޯދާ މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނެވެ. އަދި ބައެއް ކަސްޓަމަރުން ފާހަގަކުރާ ގޮތުގައި މިއީ އާދައިގެ މަސާޖަކަށްވުރެ މާ ހިތްހަމަޖެހޭ ޚިދުމަތެކެވެ.
މިފަދަ ތަފާތު ވިޔަފާރިއެއްގެ ޚިޔާލު ޒަންގަށް ލިބުނީ ސޯޝަލް މީޑިއާއިން ފެނުނު ވީޑިއޯއަކުންނާއި އޭނާގެ ކުޑައިރުގެ ހަނދާންތަކަކުންނެވެ. އަންހެނަކު އޭނާގެ ފިރިމީހާގެ ބުރަކަށީގައި އަންނަ ހިރުވުން ފިލުވައިދޭ މަންޒަރު ފެންނަ ވީޑިއޯއަކަށް ކޮށްފައިވާ ކޮމެންޓްތަކުގައި، ގިނަ ބަޔަކު މިފަދަ ޚިދުމަތަކަށް ފައިސާ ދޭން ތައްޔާރަށް ތިބިކަން އޭނާއަށް ފާހަގަކުރެވުނެވެ. މީގެއިތުރުން، ކުޑައިރު އޭނާގެ ބައްޕަގެ ބުރަކަށީގެ ހިރުވުން ފިލުވައިދީގެން ނިދަން އެހީތެރިވެދިން ހަނދާންތައް އާވުމާއެކު، މިއީ ކާމިޔާބު ވިޔަފާރިއަކަށް ހެދިދާނެ ކަމުގެ ޔަގީންކަން އޭނާއަށް ލިބުނެވެ.
މިފަދަ ވިޔަފާރިއެއް މީގެކުރިން ކުރެވިފައި ނުވާތީ، މިކަމަށް ބޭނުންވާ އުކުޅުތަކާއި ކަސްޓަމަރުންނަށް އެންމެ ރަނގަޅުވާނެ ގޮތްތައް ޒަންގް ދަސްކުރީ އަމިއްލައަށް ތަޖުރިބާކޮށްގެންނެވެ. މިއީ މީގެކުރިން އޭނާ ކުރި މަސައްކަތްތަކާ މުޅިން ތަފާތު ދާއިރާއެކެވެ. ޔުނިވަސިޓީ ތަޢުލީމު ނިންމުމަށްފަހު އޭނާ ވަނީ ތަފާތު ހަތް ވަޒީފާއެއް އަދާކޮށް، ދެ އީ-ކޮމާސް ކުންފުނިވެސް ހިންގާފައެވެ. ނަމަވެސް އެއިން އެއްވެސް މަސައްކަތަކުން އޭނާ އުއްމީދުކުރި ވަރުގެ ކާމިޔާބީއެއް ލިބިފައެއް ނުވެއެވެ.
މިހާރު މި އާދަޔާޚިލާފު ވިޔަފާރި އަންނަނީ ވަރަށް ހަލުވިކަމާއެކު މަޤުބޫލުވަމުންނެވެ. އިންޓަނެޓްގައި މިކަމާ ގުޅޭގޮތުން ތަފާތު ޚިޔާލުތައް ފާޅުކުރަމުންދާއިރު، ޒަންގްގެ އެންމެ ބޮޑު އުއްމީދަކީ ޗައިނާގެ އެކި ހިސާބުތަކުގައި "ސުމާ"ގެ 100 އައުޓްލެޓް ހުޅުވައި، މިއީ މުޖުތަމަޢު ބަލައިގަންނަ އަދި ޤަދަރުކުރާ ފަންނީ މަސައްކަތަކަށް ހެދުމެވެ.