20 ބިލިއަން ޑޮލަރުގެ މަޝްރޫއުގައި މަސައްކަތްކުރާ އެންމެންނަކީ ދިވެހީންނަށް ވާން އީގަލް ހިލްސްއިން އެދޭ: ޒަރީރު

ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު: ވިދާޅުވީ ވޯޓާފްރަންޓް އަދި މެރީނާގެ މަޝްރޫއުތެރޭ މަސައްކަތްކުރާ އެންމެންނަކީ ދިވެހީންނަށް ވާން އީގަލް ހިލްސް އިން އެދޭ ކަމަށް -- ފޮޓޯ/ މީރާ

އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އިން ރާއްޖޭގައި ކުރިއަށްގެންދާ 20 ބިލިއަން ޑޮލަރު (308 ބިލިއަން ރުފިޔާ)ގެ މަޝްރޫއުތެރޭ މަސައްކަތްކުރާ އެންމެންނަކީ ދިވެހީންނަށް ވާން އީގަލް ހިލްސް އިން އެދޭ ކަމަށް، ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު މިރޭ ވިދާޅުވެއްޖެއެވެ.

ރަސްމާލޭގައި މެރީނާއެއް ތަރައްގީ ކުރުން ހިމެނޭހެން ތާރީޚީ ބޮޑު މަޝްރޫއެއް ހިންގުމަށް، އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ މެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކާއި ޕްރީމިއަމް އަދި ބްރޭންޑެޑް ރެޒިޑެންސްތަކާއި ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި ވޯޓާފްރަންޓް ޕްރޮމެނާޑްތަކާއި، ރެސްޓޯރެންޓްތަކާއި ފިހާރަތަކާއި މުނިފޫހިފިލުވުމާއި ވެލްނެސް ސެންޓަރުތައް ތަރައްގީކުރާން ވަނީ އެއްބަސްވެފައެވެ.

ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޒަރީރު ވިދާޅުވީ މި މަޝްރޫއު އެއްކޮށް ނިމޭއިރު 54،000 އެއްހާ ވަޒީފާ އުފެދޭނެ ކަމަށެވެ.

އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން: މިއީ 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާ ގުޅޭ އެއްބަސްވުމެއް -- ފޮޓޯ/ އީގަލް ހިލްސް

"ކުރިން އަޅުގަނޑު ދެންނެވިހެން އަސްލު މި ބޭފުޅުން ވިސްނަވައިފައި އޮތީ ދިވެހީންނަށް ވަރަށް ބޮޑު ފުރުސަތުތަކެއް ފަހިކޮށްދެއްވަން، މި ޑިވެލޮޕްމަންޓްގެ ތެރޭގައި މި ޕްރޮޖެކްޓުގެ ތެރޭ މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަކީ ވެސް ދިވެހީންނަށް ވުން އެ ބޭފުޅުން ބޭނުންވަނީ، ދިވެހި ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދިނުން، ދިވެހީންނަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުން، ދިވެހި އިގުތިޞާދު އިތުރު ހަރުފަތްތަކަށް ގެންދިއުން އެންމެ ބޮޑު މަގުސަދުގައި،" ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ މުޅި އިގުތިޞާދުގެ މަލަމަތި ބަދަލުވާނެ ކަމަށެވެ. މި މަޝްރޫއުގެ ދަށުން އެކި ކަންކަން ޑިވެލޮޕްކުރުމަށްޓަކައި ދިވެހި ވިޔަފާރިތަކަށް ފުރުސަތުތައް ލިބޭނެ ކަމަށް ވިދާޅުވެ ޒަރީރު ވަނީ، މި އިންވެސްޓްމަންޓަކީ ދިގުދެމިގެން ދާނެ ގޮތަށް ރާއްޖޭގެ އިގުތިޞާދަށް ފައިދާކުރާނެ އިންވެސްޓްމަންޓެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ.

މީގައި އެ ބޭފުޅުން ލަފާކުރައްވާ ގޮތުން ގާތްގަނޑަކަށް އަހަރެއްގެ ތެރޭގައި، މި ޑިވެލޮޕްމަންޓުގެ ތެރޭގައި އެއް މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުންނަށް ޚިދުމަތް ދެވިގެން ދާނެ، މިހާރު އަޅުގަނޑުމެން ބަލާއިރު ރާއްޖޭގައި މި އޮތް 65،000 އެނދު ގާތްގަނޑަކަށް 189 ރިސޯޓާއި އެތައް ބައިވަރު ގެސްޓްހައުސަކަށް މިހާރު މި ޚިދުމަތް ދެވެމުން ދަނީ ގާތްގަނޑަކަށް 2.4 މިލިއަން މީހުން، ހަމައެކަނި މި ޑިވެލޮޕްމަންޓް ޕްރޮޕަޓީގައި ގާތްގަނޑަކަށް އެއް މިލިއަނެއްހާ ފަތުރުވެރިންނަށް އެކަނި ވެސް ޚިދުމަތް ދެވޭނެ
ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު

އޭގެ އިތުރުން ވެސް ހެލްތު ޓޫރިޒަމާއި ފަތުރުވެރިކަމުގެ އެކި ބާވަތްތައް ވެސް މީގެ ތެރޭ ހިމެނޭނެ ކަމަށް ވިދާޅުވެ ޒަރީރު ވިދާޅުވިގޮތުގައި މި މަޝްރޫއަކީ ދިވެހި އިގުތިޞާދަށް ލިބޭ ބޮޑު ކުރިއެރުމެކެވެ.

އެހެން އިންވެސްޓަރުންގެ އިތުބާރު ވެސް މި މަޝްރޫއުގެ ސަބަބުން ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާރު ވެސް ރާއްޖޭގައި ގިނަ އިންވެސްޓަރުން އެކި މަޝްރޫއުތައް ހިންގާކަން ޒަރީރު ފާހަގަކުރެއްވިއެވެ. އެގޮތުން 300 މިލިއަން ޑޮލަރަށް އަރާ ބޮޑެތި ރިސޯޓުތައް ތަރައްގީކުރާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެ ތަންތަން ތަރައްގީކުރަނީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ ދަށުން 99 އަހަރުގެ މުއްދަތަކަށް ލީސްކޮށްގެން ކަމަށެވެ.

"އެހެންވީމާ މި ޑިވެލޮޕްމަންޓަކީ ވެސް ހަމަ މި އުސޫލުން އެއްވެސް ގޮތަކަށް މިއީ ރާއްޖޭގެ އެއްވެސް ތަނެއް އެންމެ ބިންކޮޅެއް ވެސް ވިއްކައިލެވޭނެ ގޮތަށް ހިންގޭ ޕްރޮޖެކްޓެއްނޫން،" އޭނާ ވިދާޅުވިއެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖެއާ މެދު މީހުން ދެކޭ ގޮތް ވެސް ބަދަލުވާނެ ކަމަށް ޒަރީރު ވިދާޅުވިއެވެ.

https://sun.mv/227809

މި މަޝްރޫއުގެ ދަށުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ބެލެވޭއިރު، އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނެއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.

ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ ދަށުން 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މާސްޓަޕްލޭންގައި 65،000 ހައުސިން ޔުނިޓް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ. މިއީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށާއި، ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތެއް ކަމަށް ބުނެއެވެ.

އީގަލް ހިލްސްއިން މިހާރު ވެސް ދަނީ އަބޫދާބީގެ ލުލު އައިލެންޑާއި، އަލްބޭނިއާގެ 2.5 ބިލިއަން ޑޮލަރުގެ މެރީނާ މަޝްރޫއު އަދި ޝާރުޖާގެ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއު ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި ވޯޓާފްރަންޓް މަޝްރޫއުތައް ތަރައްގީކުރަމުންނެވެ.

comment ކޮމެންޓް