ކޮންގްރެސްގައި ހާހެއްހާ މެންބަރުން ބައިވެރިވޭ: އެމްޑީޕީ

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން-- ސަން ފޮޓޯ: މުހައްމަދު ޝާން

އަންނަ މަހު ބޭއްވުމަށް ތާވަލްކޮށްފައިވާ މައި އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކޮންގްރެސްގައި ހާހެއްހާ މެންބަރުން ބައިވެރިވާނެ ކަމަށް އެ ޕާޓީން މިއަދު ހާމަކޮށްފިއެވެ.

އެމްޑީޕީން ހާމަކުރި ގޮތުގައި މި ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ މާލޭ ސިޓީ ކައުންސިލްގެ ހޯލުގައެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު ވިދާޅުވީ، ކޮންގްރެސްއަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށާއި މިހާތަނަށް 980 އަށް ވުރެ ގިނަ ބައިވެރިން ރަޖިސްޓްރީވެފައިވާ ކަމަށެވެ.

އަދި މިދިޔަ އާދިއްތަ ދުވަހުން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ކޮންގްރެސް ކިޓު ދޫކުރުން އަންނަ އަންގާރަ ދުވަހާއި ބުދަ ދުވަހު އެމްޑީޕީގެ މައި ހަރުގޭގައި ކުރިއަށްދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްޑީޕީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބުރާހީމް ވަޙީދު.... ސަން ފޮޓޯ: މުހައްމަދު ޝާން

"ކޮންގްރެސްގެ ބައިވެރިން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މި މަހުގެ 20 އިން 25 ގެ ނިޔަލަށް އޮންލައިންކޮށް ވާނީ ހުޅުވާލާފަ. މީގެއިތުރުން، ކޮންގްރެސްގައި ބައިވެރިވާ މެންބަރުންނަށް ދޫކުރާ ކިޓުތައް ހަވާލުކުރުން މި މަހުގެ 29 އަދި 30 ވަނަ ދުވަހު އެމްޑީޕީގެ މައި ހަރުގޭގައި ކުރިއަށްދާނެ. މިހާތަނަށް 980 އަށް ވުރެ ގިނަ ބައިވެރިން ވަނީ ރެޖިސްޓްރީވެފަ." ވަހީދު ވިދާޅުވިއެވެ.

މީގެއިތުރުން ޑެޕިއުޓީ ޗެއާޕާސަން މުޙައްމަދު ޝިފާޒު ވިދާޅުވީ، ރަޖިސްޓްރީވާން ހުޅުވާލި ފުރަތަމަ ދުވަހު ވެސް 500 އަށް ވުރެ ގިނަ މެންބަރުން ރަޖިސްޓްރީވި ކަމަށާއި، މިހާތަނަށް 986 މެމްބަރުން ރަޖިސްޓްރީވެފައިވުމުން ކުރިއަށް އޮތް ތަނުގައި މި އަދަދު އިތުރުވެގެންދާނެ ކަމަށެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އެ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން މުޙައްމަދު ޝިފާޒް... ސަން ފޮޓޯ: މުހައްމަދު ޝާން

ވަހީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކޮންގްރެސް ބާއްވަނީ ސިޓީ ހޯލުގެ ހާމައަށް އޮތް ބިމުގައި ޓެންޓު ޖަހައިގެންނެވެ. އަދި އެމްޑީޕީ ކޮންގްރެސްއަށް ސަރުކާރުން ހުރަސް އަޅާކަން ފާހަގަކުރައްވައި ވަޙީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ މިފަދަ ކަންކަން ކުރުމަށް ސަރުކާރުން ތަނެއް ނުދީ ހުރަސްއެޅި ނަމަވެސް އެމްޑީޕީން ހުއްޓުމެއް ނެތި ކޮންގްރެސް ކުރިއަށްގެންދާނެ ކަމަށެވެ.

ވަޙީދު އިތުރަށް ވިދާޅުވީ ހުރިހާ ސިޔާސީ ޕާޓީތަކަކަށް ހަމަހަމަ ފުރުސަތު ދެއްވާނޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު "އަޑަށް ބާރުލައްވާފައި" ވިދާޅުވާ ކަމަށެވެ. އެހެން ނަމަވެސް އެ ފުރުސަތު ހަމަހަމަ ކަމާ އެކު ނުދޭ ކަމަށް ވަޙީދު ވިދާޅުވިއެވެ.

ފާހަގަކުރެވޭގޮތުގައި އެމްޑީޕީގެ ކޮންގްރެސް އަދި 2028 ގެ ރިޔާސީ އިންތިޚާބަށް ޕާޓީގެ ޓިކެޓް ހޯދުމަށް ބާއްވާ ޕްރައިމަރީއާ ގުޅިގެން އެތެރޭގެ ސިޔާސީ ވާދަވެރިކަން ވަނީ ވަރަށް ބޮޑުވެފައެވެ.

އަންނަ މަހުގެ އެކަކުން ތިނަކަށް ބާއްވާ ކޮންގްރެސްގައި ކައުންސިލްތަކަށް ޚާއްޞަ އިންވެސްޓްމަންޓް ފޯރަމެއް ކުރިއަށްދާއިރު، މި ކޮންގްރެސް ވެގެންދާނީ އަސާސީ ގަވާއިދަށް ބަދަލު ގެނައުމުގެ އިތުރުން ޕްރައިމަރީއަށް ތާއީދު ވަޒަންކުރުމަށް ލިބޭ މުހިންމު ފުރުޞަތަކަށެވެ.

ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާފައިވާ މުހިންމު ބޭފުޅުންގެ ތެރޭގައި، ރައީސް މުޙައްމަދު ނަޝީދުގެ ތާއީދާއެކު ނުކުންނަވާ ކުރީގެ އިގްތިޞާދީ ވަޒީރު ފައްޔާޒް އިސްމާޢީލާއި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހިމެނިވަޑައިގަންނަވައެވެ.

އަދި އިންސާފުވެރިކަން ހިފެހެއްޓުމަށް ކަމަށް ވިދާޅުވެ، ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދެއްވައި ކެމްޕޭން ފެއްޓެވި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދުގެ އިތުރުން، އާ ވިސްނުމަކާއެކު ވާދަކުރައްވާ މަޖިލިސް މެންބަރު ޑރ. އަޙްމަދު ޝަމްހީދު އަދި ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވެސް ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

comment ކޮމެންޓް