ތިނަދޫ ސިޓީގައި އެކި ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ބައެއް ބިންތައް ނަހަމަގޮތުގައި ބޭނުންކުރާކަން އެނގި، އެ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އެ ސިޓީގެ ކައުންސިލުން މިއަދު ދީފިއެވެ.
އެ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ، ތިނަދޫގައި އެކި ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން ބައެއް ބިންތައް ދޫކޮށްފައިވާ ބޭނުން ނޫން އެހެނިހެން ކަންކަމަށް ގަވައިދާ ޚިލާފަށް ބޭނުންކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އެހެންވެ، ކުއްޔަށް ދޫކުރި ބޭނުން ނޫން އެހެނިހެން ކަންކަމަށް ބިންތައް ބޭނުންނުކުރުމަށް އެދި އެ ކައުންސިލުން ވަނީ، ކުލީ އެއްބަސްވުމާ ޚިލާފުވާ މީހުންނާމެދު ގާނޫނީ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.
ތިނަދޫ ސިޓީ----- ފޮޓޯ. އަހުމަދު ވިޝްފާގްފާހަގަކުރެވޭ ގޮތުގައި، ކައްކާ ގޭހުގެ ވިޔަފާރި ކުރުމަށް އަމިއްލަ ކުންފުންޏަކަށް ގަވާއިދާ ޚިލާފަށް ބިން ދޫކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ތުހުމަތުގައި، ތިނަދޫ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ރައީސް މޭޔަރު ސައުދު އަލީއާއި އިތުރު ތިން މެންބަރެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ވަނީ ފޮނުވާފައެވެ.
އެ މައްސަލައިގައި މޭޔަރު ވިދާޅުވީ، ކަން ކުރީ ގަވައިދުގެ ތެރެއިން ކަމަށާއި، އެ މައްސަލައާ ގުޅިގެން ދައުވާ ކުރިޔަސް ޖެހިލުމެއް ނުވާ ކަމަށެވެ.
އޭގެކުރިން މިމަހު އެކެއްގައި ޕީޖީ އޮފީހުން ވަނީ، ސިޓީއެއްގެ ގޮތުގައި ތިނަދޫ ކަނޑައެޅީ ގާނޫނާ ޚިލާފަށް ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސަޢުދުގެ މައްޗަށް ދެ ދައުވާއެއްކޮށްފައިވާކަން ހާމަކޮށްފައެވެ.