އޮސްޓްރޭލިއާގެ ލޭބާ ސަރުކާރުން ސޯޝަލް މީޑިއާ މަންސަތަކުގެ އަލްގޮރިދަމްތަކަށް އިސްލާޙު ގެނައުމަށް ހުށަހަޅާފައިވާ ބިލާމެދު އެމެރިކާގެ ޓްރަމްޕް އިދާރާއިން ފާޑުކިޔައި، މި ބަދަލުތަކުގެ ސަބަބުން ޚިޔާލުފާޅުކުރުން ސެންސަރުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބުނެ އެމެރިކާއިން އިންޒާރުދީފިއެވެ.
މި މަހު ހުށަހެޅި ޤާނޫނުގެ ދެލިކޮޕީގެ ދަށުން، ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކަށް އެ މީހުން ބަލަން ބޭނުންވާ ކޮންޓެންޓް އިޚްތިޔާރު ކުރުމުގެ ފުރުޞަތު ދޭންޖެހެއެވެ. މި ބަދަލާއެކު، އަލްގޮރިދަމުން ރެކޮމެންޑްކުރާ ފީޑްތަކުން ވަކިވެ، ހަމައެކަނި އެ މީހުން ފޮލޯކުރާ އެކައުންޓްތަކުގެ ޕޯސްޓްތައް ފެންނާނެ ގޮތް ހެދުމުގެ އިޚްތިޔާރު ބޭނުންކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
ކެންބެރާގައި ހުންނަ އެމެރިކާ އެމްބަސީން އޮސްޓްރޭލިއާގެ ޢާންމު މަޝްވަރާ މަރުޙަލާއަށް ހުށަހެޅި ރަސްމީ ކަރުދާހުގައި ބުނެފައިވަނީ، ސޯޝަލް މީޑިއާ މަންސަތަކުން ކޮންޓެންޓާއި ފީޑްތައް ބަލަހައްޓާނެ ގޮތް ޤާނޫނަކުން މަޖުބޫރުކުރުމަށް ނިންމާފައިވާ ނިންމުމާމެދު ނުހަނު ކަންބޮޑުވާ ކަމަށެވެ. އަދި ރެގިއުލޭޓަރުންނަށް ހުރިހާ މަންސައަކަށް އެއް އުސޫލަކުން އަމަލުކުރަން މަޖުބޫރުކުރެވޭ ގޮތަށް، ވަގުތުގެ ތަރުތީބުން ފީޑްތައް ދެއްކުން ނުވަތަ އޮޕްޓް-އިން ރެކޮމެންޑޭޝަން ސިސްޓަމްތައް ޤާއިމުކުރުން ފަދަ ހަރުކަށި ފަރުމާތައް މަޖުބޫރުކުރުމަކީ ކަންބޮޑުވުމެއް ކަމަށް އެމެރިކާއިން ބުނެފައިވެއެވެ.
އެމެރިކާއިން އިތުރަށް އިންޒާރު ދެމުން ބުނީ، އޮސްޓްރޭލިއާއިން މަޖުބޫރުކުރާ އަލްގޮރިދަމް ފަރުމާގެ ސަބަބުން އޮސްޓްރޭލިއާގެ އިތުރުން މުޅި ދުނިޔޭގެ ފެންވަރުގައި ވެސް ބޭނުންކުރާ ފަރާތްތަކަށް ފެންނަ، ބުނާ އަދި އަޑުއިވޭ މައުލޫމާތުތަކަށް އޭގެ އަސަރުކޮށް، އޮސްޓްރޭލިއާގެ އިމުން ބޭރަށްވެސް އެކަމުގެ ނޭދެވޭ އަސަރު ފޯރަފާނެ ކަމަށެވެ.
މީގެ އިތުރުން، "ގެއްލުން" ނުވަތަ "ނުރައްކާ" މާނަ ނަގަނީ ކޮން މިންގަނޑަކުން ކަން، އަދި އެކަން ނިންމާނީ ކޮން ބައެއްކަން ސާފުކޮށް ބަޔާންކުރުމަށް ވޮޝިންގްޓަނުން ކެންބެރާއަށް ގޮވާލާފައިވެއެވެ. ނޭނގޭ ނުވަތަ އޮޅުންބޮޅުން ބޮޑު މާނަކުރުންތަކުގެ ސަބަބުން، ރެގިއުލޭޓަރީ ފިޔަވަޅުތަކުން ރެކުމަށްޓަކައި ޙިމާޔަތްލިބިގެންވާ ވާހަކަތައް މަންސަތަކުން އަމިއްލައަށް އުނިކުރަން މަޖުބޫރުވެ، ވަކި ޚިޔާލުތަކެއް ސެންސަރުކުރުމަށް މަގުފަހިވާނެ ކަމަށް އެމެރިކާއިން ފާހަގަކުރިއެވެ.
އަލްގޮރިދަމް ކޮންޓެންޓްތައް ހަރުކަށިކޮށް ފިލްޓަރުކުރުމަށް އޮސްޓްރޭލިއާއިން މަންސަތަކަށް މަޖުބޫރުކޮށްފިނަމަ، ވަކި ފަރާތެއްގެ ނުވަތަ މީޑިއާ ވަސީލަތެއްގެ ވާހަކަތައް ފެތުރުން ހުއްޓުވުމަކީ ސީދާ އެ އެއްޗެއް މުޅިން އުނިކޮށްލުމާ ތަފާތެއް ނެތް ކަމެއް ކަމަށް އެމެރިކާއިން ބުންޏެވެ. އަދި އެފަދަ ފިޔަވަޅެއް އެމެރިކާ ސަރުކާރުން ބަލައިގަންނާނީ ސީދާ ސެންސަރުކުރުމަށް މަގުފަހިކޮށްދޭ ކަމެއްގެ ގޮތުގައި ކަމަށްވެސް އެމެރިކާގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ފާޑުކިޔުންތައް އައިސްފައިވަނީ އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީޒް ނިއުޔޯކްގައި ބޭއްވޭ އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެން، ސަރުކާރުގެ ޓެކްނޮލޮޖީ އިސްލާޙީ އެޖެންޑާ ކުރިއަރުވައި، އާޓިފިޝަލް އިންޓެލިޖެންސްގެ ނުރައްކާތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.
އެމެރިކާގެ ފާޑުކިޔުންތަކާ މެދު ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަލްބަނީޒް ވިދާޅުވީ، މިއީ ސަރުކާރަށް އިތުރު ބާރުތަކެއް ދިނުމުގެ މަޤްޞަދުގައި ކުރާ ކަމެއް ނޫން ކަމަށާއި، އަމިއްލަ ފަރުދުންނަށް އެ މީހުން ބަލާ ކޮންޓެންޓް ކޮންޓްރޯލްކުރުމުގެ ބާރު އަނބުރާ ހޯދައިދިނުމަށް ކުރެވޭ ކަމެއް ކަމަށެވެ. އަދި އޮސްޓްރޭލިއާގެ ޤައުމީ މަޞްލަޙަތުގައި އަބަދުވެސް ތެދުވެވަޑައިގަންނަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ޑިޖިޓަލް ޑިއުޓީ އޮފް ކެއާ" ޤާނޫނުގެ ދެލިކޮޕީގެ މައްޗަށް ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ހޯދަމުންދާއިރު، މި ބިލު މި އަހަރުގެ ތެރޭގައި އޮސްޓްރޭލިއާގެ ޕާލަމެންޓަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.