ޖަޕާނުގެ އައިޗީ-ނަގޯޔާގައި މިހާރު ކުރިއަށްދާ 20 ވަނަ އޭޝިއަން ގޭމްސްގައި ރާއްޖޭގެ ޝޫޓިން ޓީމުގެ މަރިޔަމް އީޝަލް މިސްބާހު ޤައުމީ ރިކޯޑެއް މުގުރާލައިފިއެވެ.
އީޝަލް މި ރިކޯޑު މުގުރާލީ މިއަދު އޮތް އަންހެނުންގެ 10 މީޓަރު އެއަރ ޕިސްޓަލް އިވެންޓުގައި 558 ޕޮއިންޓް ހޯދައިގެންނެވެ. މީގެ ކުރިން މި ރިކޯޑު އޮންނަނީ ރިއުޝާ މުޙައްމަދުގެ އަތުގައެވެ. އޭނާ މި ރިކޯޑު ހެދީ ނޭޕާލްގައި 2019 ވަނަ އަހަރު އޮތް 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 546 ޕޮއިންޓް ހޯދައިގެންނެވެ.
ނަގޯޔާގެ ޖެނެރަލް ޝޫޓިންގ ގެލެރީގައި މިއަދު އޮތް އަންހެނުންގެ 10 މީޓަރު އެއަރ ޕިސްޓަލް އިވެންޓުގައި އީޝަލްގެ އިތުރުން މަލަކް މުޙައްމަދު މުސްލިހާއި ފާތިމަތު ފައިހާ ފަޒީލް ވާދަކުރިއެވެ. މަލަކް 516 ޕޮއިންޓް ހޯދާފައިވާއިރު، ފައިހާ ވަނީ 510 ޕޮއިންޓް ހޯދާފައެވެ. މި އިވެންޓްގައި ޖުމްލަ 55 ޝޫޓަރުން ވާދަކުރިއެވެ.
އޭޝިއަން ގޭމްސްގައި ދިވެހި ޝޫޓިން ޓީމުން މާދަމާ ވާދަކުރާނީ ފިރިހެނުންގެ 10 މީޓަރު އެއަރ ޕިސްޓަލް އިވެންޓުގައެވެ.
އޭޝިއާ ބައްރުގެ 45 ޤައުމަކުން އެތުލީޓުން ވާދަކުރާ މި ގޭމްސްގައި ރާއްޖެއިން ހަތް ކުޅިވަރެއްގައި ވާދަކުރާނެއެވެ. އެއީ ސާފިން، އެތުލެޓިކްސް، ފެތުން، ޓޭބަލް ޓެނިސް، ބެޑްމިންޓަން، ޝޫޓިން އަދި ބީޗް ވޮލީބޯޅައިގައެވެ