ހުޅުމާލެ, ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލެ ފޭސް އެކެއް -- ފައިލް ފޮޓޯ

ހުޅުމާލެ, ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލެ, ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. އަދި މިހާރު މައްސަލަ ދެނަގަނެ ހައްލުކުރުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ވަނީ ދިމާވާނެ ދަތިތަކަށް މައާފަށް އެދިފައެވެ.

ސްޓެލްކޯއިން އެފަދައިން ބުނި އިރު މި ފަހުން ވެސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑިފައިވެއެވެ. އަދި މުޅި މާލެއާއި ހުޅުމާލެ ބްލެކްއައުޓަކަށް ދިޔަ ހާދިސާއެއް ވެސް މިފަހުން ދިމާވިއެވެ.

ހުޅުމާލޭގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރަން 70 މެގަވޮޓްގެ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް މި އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު މިދިޔަ މަހު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް