ކ. ހިންމަފުށީގައި އެއްފަހަރާ 500 މީހުންނަށް ފަރުވާދެވޭ ގޮތަށް ތަރައްޤީކުރާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ އައު އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
މި މަޝްރޫޢަކީ އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑުން ފަސް މިލިއަން ޑޮލަރު ޚަރަދުކޮށްގެން، 50 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ދެވޭނެ ފެންވަރަށް ކުރިއަށްގެންދާ މަޝްރޫއެއްކަމަށް ސަރުކާރުން ބުނެއެވެ.
ހިންމަފުށީގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މި ފެސިލިޓީގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަދި އެންޑީއޭގެ ބޯޑުގެ ޗެއާޕާސަން އަޙްމަދު ސިއްދީގާއި އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ސާހީން އާދަމްހެ އިތުރުން ހުރާ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަނާރާ ނައީމެވެ.
އެންޑީއޭގެ އެކްޓިން ސީއީއޯ މުހައްމަދު ރާޝިދާއި، ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒުގެ އިތުރުން އެންޑީއޭގެ އިސް ބޭފުޅުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މިހާރުގެ ރިހިބިލިޓޭޝަން ސެންޓަރު ހުރި އިމާރާތުގެ ހުސް ބިމުގައި ތަރައްގީކުރާ މި އައު މަރުކަޒުގައި މަސްތުވާތަކެތީގެ ފަރުވާއަށް ބޭނުންވާ ހުރިހާ ޚިދުމަތެއް ވަށާޖެހޭ ގޮތެއްގައި ގާއިމުކުރެވޭނެކަމަށް ސަރުކާރުން ބުނެއެވެ.
އަދި ހިންމަފުށީ ރައްޔިތުންނަށް ވެސް ޚިދުމަތް ލިބޭނެހެން ހެލްތް ފެސިލިޓީއަކާއި، ސްކިލް ޑިވެލޮޕްމެންޓް އަދި ކައުންސިލިންގެ ޚިދުމަތްތައް ވެސް މި އިމާރާތުގައި ހިމެނިގެންދާނެކަމަށް ވަނީ ބުނެފައެވެ.
ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ ވަބާ ފެތުރިފައިވާ މިންވަރާ އަޅާބަލާއިރު ފަރުވާ ދެވެނީ ނިސްބަތުން މަދު ބަޔަކަށް ކަމަށެވެ.
ހިންމަފުށީގައި ގާއިމްކުރާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ އައު އިމާރާތުގެ ބިންގާއެޅުން: ފޮޓޯ/ ހޯމް މިނިސްޓްރީއަދި އަލަށް ގާއިމްކުރާ ފެސިލިޓީގެ ސަބަބުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފެންވަރުގެ ފަރުވާ ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
"މަސްތުވާތަކެތި ހުއްޓުވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ އިސްކަމެއް ދެއްވާ. މި ވިއުގަ އެކުލަވާލީ ރައީސްގެ ސީދާ އިންސްޓްރަކްޝަނާއެކު. ވަރަށް އަގު ހުރި ވަރަށް ޤައުމީ މަސައްކަތްތަކެއް ބަޔަކު ކުރައްވައިގެން މި ހިސާބަށް މިކަން އައީ،" ވަޒީރު ވިދާޅުވިއެވެ.
ހިންމަފުށީގައި މިހާރު ހުރި އިމާރާތަކީ 174 މީހުންނަށް ފަރުވާދެވޭ ގޮތަށް ހަދާފައިވާ ތަނެއް ނަމަވެސް، އިމާރާތް ބާވެ ވީރާނާވުމުގެ ސަބަބުން މިހާރު އެތަނުގައި ފަރުވާދެވެނީ ގާތްގަނޑަކަށް 80 މީހުންނަށެވެ.
ވަޒީރުގެ ވާހަކަފުޅުގައި މި މަސައްކަތް ކާމިޔާބު ކުރުމުގައި ހިންމަފުށީ ކައުންސިލްގެ ރައީސް ހަސަން ފާއިޒު ކުރެއްވި މަސައްކަތް ފާހަގަކުރައްވައި ކައުންސިލްގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.
ކ. ހިންމަފުށީގައި އެއް ފަހަރާ 500 މީހުންނަށް ފަރުވާ ދެވޭ ވަރުގެ ބޮޑު ރިހެބިލިޓޭޝަން ސެންޓަރެއް ހެދުމުގެ އަމަލީ މަސައްކަތް ޖުލައި މަހު ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވަޒީރު އިޙްސާން އިއުލާނުކުރެއްވީ މިދިޔަ ޖޫން މަޖުގެ 16 ވަނަ ދުވަހު ޑްރަގް ކޯޓުގެ ފަރުވާ ފުރިހަމަކުރި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރު: އެތަނުގައި ހުރި ތިން މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ---ސަބަބެއްކަމުގައި ވަޒީރު ވިދާޅުވީ ހިންމަފުށީގައި މިހާރު ހުރި ސެންޓަރުން އެންމެ އެދެވޭ ގޮތަށް ފަރުވާގެ ކަންކަން ކުރިއަށް ނުދާތީ ކަމަށެވެ.
ކ. ހިންމަފުށީ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރަކީ 1997 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ޑްރަގް އޭޖެންސީ އެންޑީއޭގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ، މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ރާއްޖޭގައި ގާއިމުކުރެވުނު އެންމެ ބޮޑު އެއް ރެސިޑެންޝަލް މަރުކަޒެވެ.
މި މަރުކަޒުގައި ފޯރުކޮށްދޭ މައިގަނޑު ޚިދުމަތްތަކުގެ ތެރޭގައި ރެސިޑެންޝަލް ރީހެބިލިޓޭޝަން، ކައުންސެލިން އަދި ފަރުވާ ހޯދާ ފަރާތްތައް އަލުން މުޖުތަމައަށް އަހުލުވެރިކުރުމަށް ބޭނުންވާ ތަފާތު ޕްރޮގްރާމްތައް ހިމެނެއެވެ.