ނަޖީބު ގޭ ބަންދަށް ބަދަލުކުރަން ކްރައުޑް ފަންޑިން ކެމްޕޭނެއް: ބައެއް މީހުން ދިނީ 1 ސެންޓު!

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރަޒާގަށް ކޯޓުން ކޮށްފައިވާ 50 މިލިއަން ރިންގިޓްގެ (12.26 މިލިއަން ޑޮލަރު) ޖޫރިމަނާ ދެއްކުމަށް އެހީވުމަށް ކްރައުޑްފަންޑިން ކެމްޕޭނެއް ފަށައިފިއެވެ.

ސީއެންއޭގެ ރިޕޯޓެއްގައިވާ ގޮތުން، "ނަޖީބު ރަޒާގު ސޮލިޑަރިޓީ ފަންޑު"ގެ ނަމުގައި އޭނާގެ ޕާޓީ ޔޫނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން (ޔޫއެމްއެންއޯ)އިން ފެށި މި ކެމްޕޭނަށް، މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް އެއް މިލިއަނަށް ވުރެ ގިނަ ރިންގިޓް ވަނީ ލިބިފައެވެ. މި ކެމްޕޭނަށް ތާއީދުކުރާ ފަރާތްތަކާއި ފާޑުކިޔާ ފަރާތްތަކުން ވެސް ވަނީ ފައިސާ ޖަމާކޮށްފައެވެ.

މެލޭޝިޔާގެ ރަސްގެފާނު ސުލްޠާން އިބްރާހިމް ސުލްޠާން އިސްކަންދަރު ވަނީ ނަޖީބަށް ޝަރުތުތަކަކާއެކު މާފެއް ދެއްވާފައެވެ. މި މާފުގެ ދަށުން، ނަޖީބަށް އޭނާގެ ޖަލު ހުކުމުގެ ބާކީ ހަ އަހަރުގެ މުއްދަތު ކަމަށްވާ، 2028 އޮގަސްޓު 23 އާ ހަމައަށް ގޭގައި ހުންނަވައިގެން ފުރިހަމަ ކުރެއްވުމަށް ހުއްދަ ލިބިފައިވާއިރު، އެހެނިހެން ޝަރުތުތަކުގެ އިތުރުން 50 މިލިއަން ރިންގިޓްގެ ޖޫރިމަނާ އަދާކުރުން ވަނީ މަޖުބޫރު ކަމެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

އެޓާނީ ޖެނެރަލް ދުސުކީ މުޚްތާރު ހޯމަ ދުވަހު ވިދާޅުވީ، ނަޖީބު އަދިވެސް ޖޫރިމަނާ އަދާކޮށްފައި ނުވާ ކަމަށެވެ. ނަޖީބުގެ ގާނޫނީ ވަކީލުން ބުނީ އޭނާގެ ގިނަ މުދާތަކެއް ފްރީޒްކޮށްފައިވާތީ، މި ފައިސާ ދެއްކުމުގެ ކުޅަދާނަކަން އޭނާގެ އަތްމަތީގައި ނެތް ކަމަށެވެ.

ކެމްޕޭނަށް ފައިސާ ޖަމާކުރި ތާއީދުކުރާ ފަރާތްތަކުން ވަނީ، އުމުރުން 73 އަހަރުގެ ކުރީގެ ބޮޑުވަޒީރަށް ތާއީދުކޮށް، އެމީހުން ފައިސާ ޖަމާކުރި ކަމުގެ ސްކްރީންޝޮޓްތައް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެހެންނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ވަނީ އެއް ސެންޓު ފަދަ ކުދި އަދަދުތަކުން ފައިސާ ޖަމާކޮށްފައިވާ ސްކްރީންޝޮޓްތައް ހިއްސާކޮށް، ކެމްޕޭނަށް ފާޑުކިޔާފައެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް ތްރެޑްސްގައި ފާޑުކިޔާ މީހަކު ވަނީ ނަޖީބަށް ފައިސާ ދެނީ ކީއްވެތޯ ސުވާލު އުފައްދައިފައެވެ. އަދި ނަޖީބުގެ އަނބިކަނބަލުން ރޮސްމާ މަންސޫރުގެ އެއް އަތްދަބަސް ވެސް އަހަރެމެން މެލޭޝިޔާގެ އާންމު ރައްޔިތަކު ދިރިއުޅޭ ގޭގެ އަގަށް ވުރެ މާ ބޮޑު ކަމަށް ވެސް ބުނެފައިވެއެވެ.

ޖޫރިމަނާ އަދާކުރުމަށް ރައްޔިތުންގެ އެހީތެރިކަމަށް އެދުމަކީ، ނަޖީބުގެ 1އެމްޑީބީ ކޮރަޕްޝަން މައްސަލައާ ގުޅިފައިވާ ކަމެއް ކަމަށް ބުނެ، މެލޭޝިޔާގެ ޖޯހޯ ޑީއޭޕީގެ ވައިސް ޗެއާމަން ޝައިޚް އުމަރު އަލީ މި ކެމްޕޭން ސިފަކޮށްފައިވަނީ، ރައްޔިތުންގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރުމަށް ފަހު، އެ ފައިސާގެ ޖޫރިމަނާ ދެއްކުމަށް ރައްޔިތުންގެ ކިބައިން އެދުމާ އެއްފަދަ ކަމެއްގެ ގޮތުގައެވެ.

ގާނޫނީ މާހިރަކު ސީއެންއޭއަށް ވިދާޅުވީ، ޔޫއެމްއެންއޯގެ ކްރައުޑްފަންޑިން ކެމްޕޭނަކީ "ގާނޫނީ ގޮތުން މައްސަލައެއް ނޫން" ކަމަށާއި، މިފަދަ ކްރައުޑްފަންޑިންއާ ގުޅޭ ވަކި ގާނޫނެއް މެލޭޝިޔާގައި ނެތް ކަމަށެވެ. ނަމަވެސް، ފައިސާ ބެލެހެއްޓޭ ގޮތާއި، ޖަމާކުރެވޭ ފައިސާ 50 މިލިއަން ރިންގިޓަށް ނުފުދިއްޖެނަމަ ވާނެ ގޮތެއް ސާފުނޫން ކަމަށް ސީއެންއޭއިން ފާހަގަކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް