އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރު، އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ވި އެއްބަސްވުމަކީ ކަނޑައެޅިގެން ގާނޫނާ ޚިލާފު އެއްބަސްވުމެއް ކަމަށާއި އެ އެއްބަސްވުން ދެން އަންނަ ސަރުކާރަކުން ބަލައިގަންނަން ނުޖެހޭނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން މިރޭ ބޭއްވި ފްރޮންޓް އޮފީސް ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ، މި ސަރުކާރުން 99 އަހަރު ދުވަހަށް އެއްބަސްވުން ހަދައިގެން "ވިއްކާލަނީ" ދިވެހި ރައްޔިތުންގެ މުސްތަގުބަލް ކަމަށެވެ.
އަދި މިއީ އެއްވެސް ސަރުކާރަކަށް ގާނޫނަކުން ލިބިދީފައިވާ މެންޑޭޓެއް ނޫން ކަމަށާއި ދުނިޔޭގެ އެއްވެސް ގައުމެއްގެ އަދި ރާއްޖޭގެ ގާނޫނުތަކުގައި ވެސް ހުއްދަކުރާ ކަމެއް ނޫން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން އެ ކުރަނީ ރައްޔިތުންގެ މުސްތަގުބަލުން "ވައްކަން" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ޔާމީން ވިދާޅުވީ ރަސްމާލެއަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އުފެއްދުމެއް ނޫން ކަމަށާއި އެ ކޮންސެޕްޓަކީ ވެސް އެމަނިކުފާނުގެ އުފެއްދުމެއް ނޫން ކަމަށެވެ. އެހެންކަމުން އެއީ ވަކި ބޭނުމެއްގައި ތައްޔާރުކުރަމުން ގެންދާ ތަންތަން ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.
"މިހާރު މި ވިއްކާލަނީ ރައްޔިތުންގެ "ފިއުޗާ" ދެއްތޯ..؟ މުސްތަގުބަލް. މީކީ އެއްވެސް ސަރުކާރަކަށް މީކީ އެއްވެސް ގާނޫނަކުން ލިބިދީގައިވާ މެންޑޭޓެއް ނޫން. ރާއްޖޭން ބޭރުގައި ވެސް ދުނިޔޭގެ އެއްވެސް ތާކު ވެސް، ރާއްޖޭގެ ގާނޫނުތަކުގައި ވެސް އިނގޭތޯ.. އެހެންވީމަ އަސްލުގަ އަޅުގަނޑުމެންގެ މުސްތަގުބަލުން މިކުރަނީ ވައްކަން. އެހެންވީމަ އެއީ ގާނޫނާ ޚިލާފު އެއްބަސްވުމަކަށްވާތީ އެ އެފޯޑް ކުރާކަށް ދެން އަންނަ ސަރުކާރަކަށް، އެއްގޮތަކަށް ވެސް ނުޖެހޭނެ އިނގޭތޯ" ޔާމީން ވިދާޅުވިއެވެ.
އެއްބަސްވުމަށް ޔާމީން ފާޑުވިދާޅުވެ ވާހަދެއްކެވި އިރު، ރާއްޖޭގެ ތާރީޚުގައި ވެސް ހިންގަން ހުށަހެޅުނު ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫއުގެ ގޮތުގައި ފާހަގަކުރެވޭ މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ދުބާއީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރުން --- ފޮޓޯ: ހައުސިން މިނިސްޓްރީމި ރަސްމިއްޔާތުގައި ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރުޖު ޚަލީފާ އާއި ދުބާއީ މޯލް ތަރައްގީކުރި އެމާރު ޕްރޮޕަޓީސްގެ ބާނީ އަދި އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލާއްބާރު އަދި ދިވެހި ސަރުކާރުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑު ބިންހިއްކުމުގެ މަޝްރޫއު ކަމަށްވާ ރަސްމާލެ މަޝްރޫއުގެ ދަށުން 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކުމަށާއި، 65،000 ހައުސިން ޔުނިޓް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކޮށް، އިގްތިސާދު ސިންދަފާތު ކުރުމަށް ކުރިއަށްގެންދާ މަސައްކަތެއް ނަމަވެސް، އަމަލީ މަސައްކަތް ފެށޭނެ ވަކި ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މަޝްރޫއާ ގުޅުންހުރި އީގަލް ހިލްސް ކުންފުންޏަކީ އަބޫދާބީގެ ލުލު އައިލެންޑާއި، އަލްބޭނިއާގެ 2.5 ބިލިއަން ޑޮލަރުގެ މެރީނާ އަދި ޝާރުޖާގެ 1.2 ބިލިއަން ޑޮލަރުގެ މަޝްރޫއު ފަދަ ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި ވޯޓާފްރަންޓް މަޝްރޫއުތައް މިހާރުވެސް ތަރައްގީކުރަމުން އަންނަ ފަރާތެކެވެ.