އދ. ގައި ނަތަންޔާހޫ މުޚާތަބުކުރީ ހުސް ހޯލަކާ، ރާއްޖެ ހިމެނޭހެން އެތައް ގައުމަކުން ކުރީ ބޮއިކޮޓް!

އދ.ގެ 81 އާންމު މަޖިލީހުގައި ނަތަންޔާހޫގެ ތަގުރީރު ފެށުމާއެކު ރާއްޖޭގެ ވަފުދު ވެސް އެހެން ގިނަ ގައުމުތަކާ އެކު ނިކުންނަނީ ---

އދ.ގެ އާންމު މަޖިލީހުގެ ޖަލްސާގައި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ތަގުރީރު ކުރަން ޕޯޑިއަމަށް އެރުމާއެކު، ދިވެހިރާއްޖެ ހިމެނޭހެން ދުނިޔޭގެ އެތައް ގައުމެއްގެ މަންދޫބުން ހޯލު ދޫކޮށް ނިކުމެ، އޭނާގެ ތަގުރީރު ބޮއިކޮޓް ކޮށްފިއެވެ.

ނިއުޔޯކްގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ކުރިއަށްދިޔަ މި ޖަލްސާގައި ނަތަންޔާހޫ ވާހަކަދައްކަން ފެށުމާއެކު، ގިނަ އަދަދެއްގެ ގައުމުތަކުގެ ވަފުދުތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް އަޑުގަދަކުރުމަށްފަހު ހޯލުން ނިކުމެގެން ގޮސްފައެވެ. މި މަންޒަރާއެކު މުޅި ހޯލު ހުސްވެގެން ދިޔައިރު، ޖަލްސާގެ ރިޔާސަތުން ވަނީ މަސްލަހަތު ގާއިމުކުރުމަށް ތަކުރާރުކޮށް ގޮވާލާފައެވެ. މިދިޔަ އަހަރު ވެސް ނަތަންޔާހޫ އދ. ގައި ތަގުރީރު ކުރަން ފެށުމާއެކު ރާއްޖެ ހިމެނޭހެން ގިނަ ގައުމުތަކަކުން ވަނީ މިފަދައިން އަމަލުކޮށް، އޭނާގެ ތަގުރީރު ބޮއިކޮޓް ކޮށްފައެވެ.

ގައުމުތަކުގެ މަންދޫބުން ހޯލު ދޫކޮށް ދިޔުމުން ނުރުހުން ފާޅުކުރަމުން ނަތަންޔާހޫ ވަނީ، އެ މީހުންނަކީ ފިނޑިން ކަމަށް ސިފަކޮށް އިތުރަށް ބަޔަކު ނިކުންނަން ބޭނުންނަމަ ނިކުތުމަށް ބުނެ ގޮންޖަހާފައެވެ.

އޮކްޓޯބަރު 27 ގައި އިސްރާއީލުގައި ބާއްވާ އިންތިޚާބާ ދިމާކޮށް، މަގާމު ދިފާއުކުރުމަށް އަމާޒުކޮށް ދިން މި ތަގުރީރުގައި، އޭނާ ވަނީ ޣައްޒާއާއި، ހުޅަނގު އައްސޭރި، ސީރިއާ، ލުބުނާން، އީރާން، ޔަމަން އަދި އިރާގު ހިމެނޭހެން ހަތް ދިމާލަކުން ހަނގުރާމަކުރަމުންދާ ކަމަށް ބުނެ، މި ހަނގުރާމަތައް އިސްރާއީލުން ކާމިޔާބު ކުރާނެ ކަމަށް ބުނެފައެވެ.

މީގެއިތުރުން، އޭނާގެ ވާހަކައިގައި ތުރުކީވިލާތަށާއި އެ ގައުމުގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނަށް ވަރަށް ބޮޑަށް ފާޑުކިޔައި ތުހުމަތުތަކެއް ކޮށްފައިވެއެވެ. މިކަމާ ގުޅިގެން ތުރުކީގެ ރިޔާސަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (އައިސީސީ) ހަނގުރާމައިގެ ޖަރީމާތަކުގެ ކުށުގައި ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ނަތަންޔާހޫ ދެއްކި އެއްވެސް ވާހަކައަކުން، ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުތައް ފޮރުވައި ނުލެވޭނެ ކަމަށެވެ. އަދި އދ. ގައި ކުރިން ވާހަކަދައްކަވަމުން ރައީސް އުރުދުޣާން ވެސް ވަނީ އިސްރާއީލުން ހިންގަނީ ދައުލަތުގެ ޓެރަރިޒަމް ކަމަށާއި، ޣައްޒާ ވަނީ ޒަމާނުގެ އެންމެ ބޮޑު ލާއިންސާނީ ޖަލަށް ހަދާފައި ކަމަށް ވިދާޅުވެފައެވެ.

އަދި ހަމައެއާއެކު، އިސްރާއީލުގެ އަމަލުތަކަށް ފާޑުކިޔަމުންދާ އިނގިރޭސިވިލާތާއި ފްރާންސަށް ވެސް ނަތަންޔާހޫ ވަނީ ބަހުގެ ހަމަލާތައް ރައްދުކޮށްފައެވެ. ނަމަވެސް އެމެރިކާގެ އެހީތެރިކަމަށް ޝުކުރު އަދާކުރަމުން އޭނާ ވަނީ، އީރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމުގައި އެމެރިކާއާއެކު ގުޅިގެން މަސައްކަތްކޮށްފައިވާ ކަމަށް ބުނެ، އެ ނިންމުމަކީ އޭނާގެ ވެރިކަމުގައި ނިންމި އެންމެ ފަސޭހަ އެއް ނިންމުން ކަމަށް ބުނެފައެވެ.

ނަތަންޔާހޫގެ މި ތަގުރީރާ ދެކޮޅަށް އދ. ގެ އާންމު މަޖިލީހުގައި ގައުމުތަކުން މިފަދަ ހަރުކަށި ފިޔަވަޅެއް އަޅާފައިވާއިރު، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އުދުވާނުތަކާއި ގަތުލުއާންމުތައް ކުށްވެރިކޮށް، ދިވެހިރާއްޖެއިން އަބަދުވެސް އަންނަނީ ބައިނަލްއަގުވާމީ މައިދާނުގައި ވަކާލާތު ކުރަމުންނެވެ.

comment ކޮމެންޓް