ޕާކިސްތާނުން ސަރަހައްދީ ސުލްހައަށް ކުރާ މަސައްކަތަށް އަބްދުއްރަހީމް ތައުރީފުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް އާސިމް މުނީރާ ބައްދަލު ކުރެއްވުން-- ފޮޓޯ: ޕާކިސްތާން އާމީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕާކިސްތާނުގެ ޗީފް އޮފް އާމީ ސްޓާފް އަދި ޗީފް އޮފް ޑިފެންސް ފޯސަސް ފީލްޑް މާޝަލް އާސިމް މުނީރާ އިއްޔެ ބައްދަލުކުރައްވައިފިއެވެ.

ޕާކިސްތާނުގެ ރާވަލްޕިންޑީގައި ހުންނަ އަސްކަރިއްޔާގެ މައި މަރުކަޒުގައި ބޭއްވި މި ބައްދަލުވުމުގައި، ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރުމަށް ޕާކިސްތާނުން އަދާކުރާ ދައުރަށް އަބްދުއްރަހީމް ވަނީ ތައުރީފުކުރައްވާފައެވެ. ޕާކިސްތާނުގެ އަސްކަރިއްޔާގެ މީޑިއާ ވިންގް، އިންޓަ ސާވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރު) އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ޕާކިސްތާނުން ދޭ އަހައްމިއްޔަތުކަން އާސިމް މުނީރު ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމުގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންނެވެ. އައިއެސްޕީއާރުން ބުނި ގޮތުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ އަހުވަންތަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ދެ ގައުމަށް ފައިދާހުރި ގޮތެއްގައި މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ޕާކިސްތާނުން ތައްޔާރަށް އޮތްކަމުގެ ޔަގީންކަން އާސިމް މުނީރު ދެއްވިއެވެ.

މީގެ އިތުރުން، ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކުރުމާއި، ދޭދޭ ގުޅުންތައް އިތުރަށް ފުޅާކުރުމަށް ބޭނުންފުޅުވާކަމަށް އަބްދުއްރަހީމް ވިދާޅުވިކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. މި މަޝްވަރާތަކަކީ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އާ ހަރުފަތަކަށް ގެންދިއުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ދެ ފަރާތުންވެސް ފާހަގަކުރެއްވިއެވެ.

އަބްދުއްރަހީމް، ޕީއެންސީގެ މަޖިލިސް 16 މެންބަރުންނާއެކު ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅަކީ، ޕާކިސްތާނުގެ ނޭޝަނަލް އެސެމްބްލީގެ ރައީސް ސަރްދާރު އަޔާޒް ސާދިގުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން، ޕާކިސްތާނުގެ ސިޔާސީ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ޕާކިސްތާން-މޯލްޑިވްސް ޕާލަމެންޓަރީ ފްރެންޑްޝިޕް ގްރޫޕާވެސް އެ މަނިކުފާނު ވަނީ ބައްދަލުކުރައްވާފައެވެ. އަދި އިސްލާމްއާބާދުގެ ތާރީހީ އަދި ސަގާފީ މުހިންމު ބައެއް ތަންތަނަށް ޒިޔާރަތްކުރެއްވުމަށްވެސް މި ދަތުރުފުޅުގެ ތާވަލުގައި ހިމެނެއެވެ.

މިއީ ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސަކު، ޕާކިސްތާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސްގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

comment ކޮމެންޓް