ޑްރަގު މައްސަލައެއްގައި ވޭމަންޑޫ މީހަކު 12 އަހަރަށް ޖަލަށް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޑުރަގު ނައްތާލުމުގެ ތެރެއިން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަތޭކަ ގުރާމަށްވުރެ ގިނަ ޑައިމޯފިން (ހެރޮއިން) ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ، ތ. ވޭމަންޑޫ / ކެނެރީވިލާ، ނަބީލް އަޙްމަދު 12 އަހަރާއި ހަ މަސްދުވަހަށް ޖަލަށް ލުމާއެކު 50،000 ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ނަބީލް އަޙްމަދުގެ މައްޗަށް ދައުލަތުން ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ ކުރީ، 29 އެޕްރީލް 2023 ވީ ދުވަހުގެ ރޭ 21:53 ހާއިރު، ކ. މާލެ، މ. އަހްމަދީއާބާދު ގޭގެ ގްރައުންޑް ފްލޯ އެޕާޓްމަންޓް "ބީ" ގައި މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކުރުމުންނެވެ.

ފުލުހުން އެ އެޕާޓްމަންޓުގެ ކޮޓަރިއެއް ހުޅުވައި ބެލިއިރު، ނަބީލް އޮތީ ބަންކު ބެޑެއްގައި ނިދާފައެވެ. އޭނާގެ ހާޟިރުގައި އެ ކޮޓަރި ބަލައި ފާސްކުރިއިރު، އަލަމާރި ކައިރީގައި އޮތް ދަބަހެއްގެ މަތީގައި ހުރި ކަރުދާސް ފޮށިގަނޑެއްގެ ތެރޭގައި އޮތް ޕާރުސަލް ތައްޓެއްގެ ތެރެއިން 100.1610 ގްރާމް ޑައިމޯފިން ހުރި ދެ ޖޫސްޕެޓީ ކޮތަޅު ވަނީ ފެނިފައެވެ.

މި މައްސަލައިގެ ޝަރީއަތް ކުރިއަށްދަނިކޮށް، ނަބީލްގެ ފަރާތުން ވަނީ ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. ޝަރީއަތުގެ މަޖިލީހުގައި އޭނާ ވަނީ އެއްވެސް ނުފޫޒެއް ނެތި އަމިއްލަ އިޚްތިޔާރުގައި ކުށަށް އިއުތިރާފުވާކަމަށް ބުނެފައެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ހަދާފައިވާ މި އެއްބަސްވުން ކޯޓުން ވަނީ ބަލައިގަންނަން ނިންމާފައެވެ.

މަސްތުވާތަކެއްޗާބެހޭ ޤާނޫނުގައި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށަށް އޮންނަ އަސާސީ އަދަބަކީ 25 އަހަރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ. ނަމަވެސް އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އޭނާއަށް ވަނީ އަދަބު ލުއިކޮށްދީފައެވެ.

އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ކަނޑައެޅުނު 12 އަހަރާއި ހަ މަސްދުވަހުގެ ޖަލު އަދަބުން، ތަޙްޤީޤާއި ޝަރީޢަތުގެ މަރުޙަލާގައި ބަންދުގައި ހޭދަކުރި ތިން އަހަރާއި ހަތަރު މަހާއި 26 ދުވަސް އުނިކުރުމުން، ނަބީލް ތަންފީޒުކުރަންޖެހޭނީ ނުވަ އަހަރާއި އެއް މަހާއި ހަތަރު ދުވަހުގެ ޖަލު އަދަބެކެވެ. ކޯޓުން ވަނީ 50،000 ރުފިޔާގެ ޖޫރިމަނާ، ހުކުމް ކުރި ދުވަހުން ފެށިގެން 18 މަސްދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ނަބީލަށް އަންގަވާފައެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ހުކުމް ކުރެއްވީ ޤާޟީ އަލްއުސްތާޛު އިބްރާހީމް ޛިހުނީއެވެ.

comment ކޮމެންޓް