ހެނދުނުގެ ނާސްތާ ދޫކޮށްލުމުން ސިއްހަތަށް ކުރާ އަސަރުތަކާއި އޭގެ ހަޤީޤަތް

ނާސްތާ ނުނަގައި ދޫކޮށްލުމަކީ އިންސާނާގެ ޞިއްޙަތަށް ތަފާތު އެކި ކަހަލަ ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެއް--ފޮޓޯ/އިންޑިއަންްއެކްސްޕްރެސް

ކޮންމެ ދުވަހަކު ހެނދުނުގެ ނާސްތާ ނުނަގައި ދޫކޮށްލުމަކީ އިންސާނާގެ ޞިއްޙަތަށް ތަފާތު އެކި ކަހަލަ ނޭދެވޭ އަސަރުތަކެއް ކުރުވާ ކަމެކެވެ. މީގެ އިތުރުން، ނާސްތާ ނުނެގުމުގެ ސަބަބުން ފިރިހެނުންނާއި އަންހެނުންގެ ހަށިގަނޑަށް ކުރާ އަސަރުތަކުގެ މެދުގައި ބޮޑެތި ތަފާތުތަކެއް ހުރެއެވެ. އަދި ގިނަ ބަޔަކު ޤަބޫލުކުރާ ގޮތާ ޚިލާފަށް، މިއީ ބަރުދަން ލުއިކުރުމަށްޓަކައި ބޭނުންކުރެވިދާނެ އެކަށީގެންވާ ނުވަތަ ރަނގަޅު ހައްލެއް ނޫނެވެ.

އިންޑިއާގެ މުމްބާއީ ސެންޓްރަލްގެ ވޮކްހާޓް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ގޭސްޓްރޯއެންޓްރޮލޮޖިސްޓް ޑރ. ސައިޕްރަސާދް ލާޑް ފާހަގަކުރެއްވި ގޮތުގައި، ނާސްތާ ނުކުރުމުން ކުރާ އަސަރު މީހާގެ ހަށިގަނޑާއި ޖިންސަށް ބަލައި ތަފާތުވެދާނެއެވެ.

"ހެނދުނުގެ ނާސްތާއަކީ މުޅި ރޭގަނޑު ހުސްބަނޑާ ހުރުމަށްފަހު ހަށިގަނޑަށް ބޭނުންވާ ހަކަތަ އަލުން ލިއްބައިދޭ މައިގަނޑު ކެއުން. ޤަވާއިދުން ނާސްތާ ނުކުރުމަކީ ލޭގައި ހަކުރު ހުންނަ މިންވަރު އިންތިހާއަށް ބަދަލުވެ، ވަރުބަލިކަމާއި، އަވަހަށް ރުޅިއައުމާއި، ކަންކަމަށް ސަމާލުކަން ދޭން އުނދަގޫވުމުގެ އިތުރުން، ދުވަހުގެ ފަހުބައިގައި މާބޮޑަށް ބަނޑުހައިވެ މާގިނައިން ކެއުމަށް މެދުވެރިވާ ސަބަބެއް. ބައެއް މީހުން 'އިންޓަމިޓަންޓް ފާސްޓިންގް'ގެ ގޮތުގައި ފުރަތަމަ ކެއުން ލަސްކުރި ނަމަވެސް، އެކަށީގެންވާ ނިއުޓްރިޝަން ޕްލޭނެއް ނެތި މިކަން ކުރުމަކީ ނޭދެވޭ ނަތީޖާއެއް ނުކުމެދާނެ ކަމެއް" ޑރ. ސައިޕްރަސާދް ލާޑް ވިދާޅުވެފައިވެއެވެ.

ހަށިގަނޑުގެ ހަކަތައަށާއި ހޯމޯންތަކަށް އަންނަ ބަދަލުތަކުގެ އަސަރު އަންހެނުންނަށް މާ ބޮޑަށް ފޯރާކަމަށް ޑރ. ލާޑް ފާހަގަކުރައްވައެވެ. ޤަވާއިދުން ނާސްތާ ނުކުރުމުން އަންހެނުންގެ މިޒާޖަށް ބަދަލު އައުމާއި، ކެއުމުގެ އާދަތައް ޚަރާބުވުމުގެ އިތުރުން ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ކުރަން ދަތިވެއެވެ. ޚާއްސަކޮށް ޕީސީއޯއެސް އަދި ހަކުރުބަލި ހުންނަ އަންހެނުންނަށް މީގެ ނޭދެވޭ އަސަރު ވަކިން ބޮޑަށް ކުރެއެވެ.

ބަރުދަން ލުއިކުރުމަކީ ހަމައެކަނި އެއް ގަޑީގެ ކެއުން ދޫކޮށްލުމަކުން ވާކަމެއް ނޫންކަމަށާއި، އޭގެ ބަދަލުގައި އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކެލޮރީ ކޮންޓްރޯލްކޮށް، ސިއްހަތަށް ފައިދާހުރި ކާނާ އިޚްތިޔާރު ކުރުމުން ހާސިލުވާ ކަމެއްކަމަށް ސިއްހީ މާހިރުން ވިދާޅުވޭ--ފޮޓޯ/ޕިންޓްރެސްޓް

ފިރިހެނުންނަށް ނާސްތާ ނުކޮށް ހުރުމުން ކުރާ އަސަރުތަކަށް ކޮންމެވެސް ވަރަކަށް ކެތްކުރެވުނު ނަމަވެސް، އޭގެ ސަބަބުން ފަހުން މާ ބޮޑަށް ބަނޑުހައިވެ، ރޭގަނޑު މާ ގިނައިން ކެވޭނަމަ ނުވަތަ ސިއްހަތަށް ފައިދާނެތް ކާނާ ބޭނުންކުރެވޭނަމަ، ހަށިގަނޑުގެ މެޓަބޮލިޒަމަށާއި ހަކަތައިގެ މިންވަރަށް އަދި ބަރުދަން ކޮންޓްރޯލް ކުރުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްދުވަހުގެ ނަތީޖާ ބިނާވަނީ އެމީހެއްގެ ދިރިއުޅުމުގެ ވައްޓަފާޅި އާއި ކެއުމުގެ އާދަކާދައަށެވެ. ބައެއް މީހުންނަށް ހަކަތަ ދަށްވުމާއި، ބޮލުގައި ރިއްސުމާއި، މަސައްކަތުގެ ފެންވަރު ދަށްވުމުގެ އިތުރުން ފޮނި އަދި ކެލޮރީ ގިނަ ކާނާއަށް އޮންނަ ޝައުގު ބޮޑުވެއެވެ. ސީދާ ޢަލާމާތެއް ނުފެނުނަސް، އެހެން ގަޑިތަކުގައި އެކަށީގެންވާ ކާނާ ނުލިބޭނަމަ ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް މަދުވެއެވެ. މީގެ އިތުރުން، ހަކުރުބައްޔާއި ގޭސްޓްރިކް އަދި އެސިޑް ރިފްލަކްސްގެ މައްސަލަތައް އިތުރަށް ގޯސްވުމަށް މަގުފަހިވެއެވެ.

ކުޑަކުދިންނާއި، ފުރާވަރުގެ ކުދިންނާއި، މާބަނޑު މީހުންގެ އިތުރުން ބޭސް ބޭނުންކުރާ ހަކުރުބަލީގެ ބަލިމީހުން ނާސްތާ ދޫކޮށްލައިގެން ނުވާނެ ކަމަށް ޑރ. ލާޑް އިންޒާރުދެއްވާއިރު، ގިނައިން އެސިޑިޓީގެ މައްސަލަ ދިމާވާ މީހުންނާއި ބުރަ މަސައްކަތްކުރާ މީހުންވެސް މި އާދައިން ދުރުވާންޖެހޭކަމަށް އޭނާ އިރުޝާދު ދެއްވައެވެ. މިފަދަ ފަރާތްތައް ގިނައިރު ނުކައި ތިބުމަކީ ލޭގައި ހަކުރު ދަށްވުމާއި، ވަރުބަލިކަމާއި، ހަޖަމުކުރުމުގެ މައްސަލަތައް ބޮޑުވާނެ ކަމެކެވެ.

ޑރ. ލާޑް ވިދާޅުވި ގޮތުގައި ބަރުދަން ލުއިކުރުމަކީ ހަމައެކަނި އެއް ގަޑީގެ ކެއުން ދޫކޮށްލުމަކުން ވާކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކެލޮރީ ކޮންޓްރޯލްކޮށް، ސިއްހަތަށް ފައިދާހުރި ކާނާ އިޚްތިޔާރު ކުރުމުން ހާސިލުވާ ކަމެއްކަން އޭނާ ހަނދާންކޮށްދެއްވައެވެ. ނާސްތާ ނުކުރުމުގެ ސަބަބުން ދުވަހުގެ ފަހުބައިގައި މާ ގިނައިން ކެވޭނަމަ ނުވަތަ ކެލޮރީ މަތީ ލުއިކާނާ ބޭނުންކުރެވޭނަމަ، ނަތީޖާ ފެންނާނީ ބޭނުންވި ގޮތާ މުޅިން ޚިލާފަށްކަމަށް ޑރ.ލާޑް ވިދާޅުވެއެވެ.

އެހެންކަމުން އެންމެ އެދެވިގެންވަނީ ޕްރޮޓީން، ފައިބަރު އަދި ފައިދާހުރި ފެޓް އެކުލެވޭ ބަދަލުހުރި ނާސްތާއެއް ކުރުމެވެ. މީގެ ސަބަބުން ބަނޑުހައިވުން ކުޑަކޮށްދީ، މުޅި ދުވަހު ކެއުމުގެ ޝައުގު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދެއެވެ. ވަގުތީ ގޮތުން ނުކައި ހުންނަ ޑައެޓެއް ފަށާނަމަވެސް، ހަށިގަނޑަށް ބޭނުންވާ ފުރިހަމަ ނިއުޓްރިޝަން ލިބޭނެހެން މާހިރެއްގެ ލަފައާއެކު އެކަން ރޭވުން މުހިންމެވެ.

comment ކޮމެންޓް