ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ދުބާއީގެ ބުރުޖް ޚަލީފާ ފަދަ ބޮޑެތި މަޝްރޫއުތައް ހިންގާފައިވާ މުހައްމަދު އަލައްބާރުގެ އަމާޒު މިހާރު ހުރީ ދިވެހިރާއްޖެއަށެވެ. އަބޫދާބީގެ ރިއަލް އެސްޓޭޓް ކުންފުނި، އީގަލް ހިލްސްގެ ޗެއާމަންގެ ހައިސިއްޔަތުން އޭނާ އިސްވެ ހުރެ ރަސްމާލޭގައި ކުރިއަށް ގެންދާ މަޝްރޫއަކީ ހަމައެކަނި އިމާރާތްތަކެއް އެޅުމެއް ނޫނެވެ. މި މަޝްރޫއާ ގުޅޭގޮތުން ލައްކަ ސުވާލު ހިތުގައި އުފެދިފައި ވަނިކޮށް މިއަދު މި ވަނީ އޭނާއާ އިންޓަވިއު ކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބިފައެވެ. މި އިންޓަވިއޫގައި ގިނަ ޝައްކުތަކަކަށް ޖަވާބު ލިބުނެވެ.
ބިލިއަނަރު އަލައްބާރު ސިފަކުރައްވާ ގޮތުގައި ރަސްމާލެ ޕްރޮޖެކްޓަކީ ކުދި ސިޓީތަކެއް ބިނާކުރުން ފަދަ ކަމެކެވެ. މަގުތަކާއި، ސްކޫލްތަކާއި، ޕާކުތަކުގެ އިތުރުން ހޮޓާތަކާއި ވިޔަފާރިކުރާނެ ތަންތަން ހިމެނޭ ގޮތަށް ފުރިހަމަ މަންޒިލެއް ތަރައްގީކުރުމަކީ އޭނާގެ ތަޖުރިބާއެވެ. ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ވިއްސަކަށް ގައުމުގައި އޭނާ ވަނީ މިފަދަ މަޝްރޫއުތައް ހިންގާފައެވެ. އޭގެ ތެރޭގައި ސާބިއާގެ ބެލްގްރޭޑް ވޯޓަފްރަންޓާއި، އަލްބޭނިއާގެ ޑުރެސް ޔޮޓްސް އެންޑް މަރީނާގެ އިތުރުން ބަހްރޭނާއި މިސްރުގައި ހިންގާފައިވާ ބޮޑެތި މަޝްރޫއުތައް ހިމެނެއެވެ.
އީގަލް ހިލްސް އާއި ދިވެހި ސަރުކާރާ ދެމެދު ރާއްޖޭގައި 20 ބިލިއަން ޑޮލަރު ނުވަތަ ގާތްގަނޑަކަށް 308 ބިލިއަން ރުފިޔާގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ސޮއިކުރުން --- ފޮޓޯ: ހައުސިން މިނިސްޓްރީމިދިޔަ ސެޕްޓެންބަރު މަހުގެ 21 ވަނަ ދުވަހު ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު ވަނީ ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" ތަރައްގީކުރުމުގެ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ބޮޑު ސަރަހައްދެއް ތަރައްގީކުރަން ހަމަޖެހިފައިވާއިރު، "ސަން" އަށް މިއަދު ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އަލައްބާރު ވިދާޅުވީ މި މަޝްރޫއުގެ ސަބަބުން ދިވެހިރާއްޖެއަށް އެތައް ހާސް ވަޒީފާއަކާއި، ބޯހިޔާވަހިކަމާއި، ފަތުރުވެރިކަމުގެ އާ ފުރުސަތުތަކުގެ އިތުރުން ޓެކްސްގެ ގޮތުގައި ބިލިއަނުން އާމްދަނީ ލިބޭނެ ކަމަށެވެ.
މި ބޮޑު މަޝްރޫއުގެ އެންމެ ފާހަގަކޮށްލެވޭ އެއް ބަޔަކީ ހުޅުމާލޭގައި އިމާރާތްކުރާ 5،000 ހައުސިން ޔުނިޓެވެ. އަލައްބާރު ފާހަގަކުރެއްވި ގޮތުގައި، އީގަލް ހިލްސްގެ ފުރަތަމަ އިންވެސްޓްމަންޓަކަށް ވާނީ މި ބޯހިޔާވަހިކަމުގެ މަޝްރޫއެވެ. ގާތްގަނޑަކަށް 500 މިލިއަން އެމެރިކާ ޑޮލަރު ހަރަދުވާނެ ކަމަށް ލަފާކުރެވޭ މި މަސައްކަތަށް ފުރަތަމަ ފައިސާ އިންވެސްޓްކުރާނީ އެ ކުންފުނިންނެވެ. އަދި އެ ފައިސާ އަނބުރާ ހޯދާނީ މުޅި ރަސްމާލެ މަޝްރޫއު ތަރައްގީކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ސަރުކާރުން ވެސް މި އެއްބަސްވުމުގެ އެންމެ މުހިންމު އެއް ފައިދާގެ ގޮތުގައި ސިފަކޮށްފައިވާ ކަމެކެވެ.
މިހާ ބޮޑު މަޝްރޫއަކަށް ފައިސާ ހޯދާނެ ގޮތަކާ މެދު އުފެދޭ ސުވާލުތަކަށް ޖަވާބުދެއްވަމުން އަލައްބާރު ވިދާޅުވީ, ފައިސާ ހަމަޖައްސާނީ އީގަލް ހިލްސްގެ އަމިއްލަ ފައިސާއާއި، ބޭންކް ލޯނާއި، އަދި ވިއްކާ ޕްރޮޕަޓީތަކުން ލިބޭ އާމްދަނީން ކަމަށެވެ. ބޭންކުން ލޯނު ނެގުމުގެ ކުރިން ކުންފުނީގެ އަމިއްލަ ފައިސާ އިންވެސްޓްކުރަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. މަޝްރޫއު ޑިޒައިންކުރުމާއި ކޮންޓްރެކްޓަރުންނާ ހަވާލުކުރުމުގެ މަރުހަލާއަށް އާންމުގޮތެއްގައި 12 މަސް ދުވަސް ނަގާނެ ކަމަށާއި، ނަމަވެސް އެ މުއްދަތު ކުރުކުރެވޭތޯ މަސައްކަތްކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ލަފާކުރެވޭ ގޮތުގައި ގާތްގަނޑަކަށް އެއް އަހަރު ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭނެއެވެ.
ރަސްމާލޭގެ 500 ހެކްޓަރުގެ ބިން ތަރައްގީކުރުމުން ދިވެހިރާއްޖެއަށް ލިބޭނެ ފައިދާތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން އަލައްބާރު ވިދާޅުވީ, މަޝްރޫއުގެ މުޅި އުމުރުގައި ޓެކްސްގެ ގޮތުގައި 20 ބިލިއަން އެމެރިކާ ޑޮލަރާ ގާތްކުރާ އަދަދެއްގެ އާމްދަނީއެއް ސަރުކާރަށް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން، މިސްރާއި ސާބިއާ ފަދަ ގައުމުތަކުގައި އެ ކުންފުނިން ހިންގާފައިވާ މަޝްރޫއުތަކުން މިސާލު ނަންގަވައި، ރަސްމާލެ މަޝްރޫއާއެކު މަދުވެގެން އެއް މިލިއަން އާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް އޭނާ އުންމީދުކުރައްވައެވެ. ވަޒީފާގެ ފުރުސަތުތަކަށް ބަލާއިރު، އިމާރާތްކުރުމުގެ މަރުހަލާގައި 40،000 ވަޒީފާ އުފެދޭނެ ކަމަށާއި، މަޝްރޫއު ނިމުމުން ދާއިމީ ގޮތެއްގައި 15،000 އާއި 18،000 އާ ދެމެދުގެ އަދަދަކަށް ވަޒީފާ އުފެދޭނެ ކަމަށް އޭނާ އަންދާޒާކުރެއްވިއެވެ.
ރާއްޖޭގެ މާލީ ނިޒާމަށް ބޭރު ފައިސާ ވަނުމަކީ ވެސް މި މަޝްރޫއުގެ މުހިންމު ބައެއް ކަމަށް އަލަބާރު ދެކެވަޑައިގަންނަވައެވެ. އެޕާޓްމަންޓްތައް ވިއްކައިގެން ލިބޭ ބޭރު ފައިސާ އަބޫދާބީއަށް ގެންދިއުމުގެ ބަދަލުގައި، އެ ފައިސާ ބަހައްޓާނީ ރާއްޖޭގެ ބޭންކުތަކުގައި ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ ރާއްޖޭގެ އިގުތިސާދަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
މިހާ ބޮޑު ސަރަހައްދެއް ބޭރުގެ ކުންފުންޏަކަށް ދިނުމާ ގުޅިގެން ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ވެސް އަލަބާރު ރައްދުދެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އީގަލް ހިލްސްގެ އުސޫލަކީ މަސައްކަތްކުރާ ގައުމެއްގެ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި، ރައްޔިތުން ބޭނުންނުވާ ނަމަ އެފަދަ މަޝްރޫއުތައް ކުރިއަށް ނުގެންދިއުމެވެ. 99 އަހަރަށް ބިން ކުއްޔަށް ދިނުމުގެ ގަވާއިދެއް އޮތް ނަމަ އެއަށް އަމަލުކުރަން ޖެހޭނެ ކަމަށާއި، ގަވާއިދުތަކާ ގަބޫލުނުވާ ނަމަ ވިޔަފާރިކުރުމަކީ ދަތިކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އާންމުންގެ ކަންބޮޑުވުންތަކަށް ތެދުވެރިކަމާއެކު ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވެސް އޭނާ ގަބޫލުކުރައްވައެވެ. މަޝްރޫއުގެ ތަފްސީލީ އެއްބަސްވުން އަދި އާންމުކޮށްފައި ނުވަނީ އެއްބަސްވުން މުޅިން ފައިނަލް ނުވާތީ ކަމަށާއި، ހުރިހާ ކަމެއް ނިމުމުން އެ މައުލޫމާތު އާންމުކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަނީ: --- ފޮޓޯ; އެމްއޭސީއެލްއީގަލް ހިލްސްއަށް އެއްބަސްވުމާ އެއްގޮތަށް އަމަލުނުކުރެވިއްޖެ ހާލަތެއްގައި ވާނެ ގޮތަކާ މެދު އުފެދޭ ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެއްވި ނަމަވެސް، އަލައްބާރު ވިދާޅުވީ ފައިނަލް އެއްބަސްވުމުގައި ދެ ފަރާތުގެ ހައްގުތައް ވެސް ހިމާޔަތްކުރެވޭނެ ގޮތްތައް ހުންނަން ޖެހޭނެ ކަމަށެވެ. އެއްފަރާތަކަށް ބުރަވާ ގޮތަށް އެއްބަސްވުންތައް ހަދައިގެން ނުވާނެ ކަމަށާއި، ޒިންމާދާރު ޑިވެލޮޕަރަކަށް ވާންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ކުންފުނިން އެއްވެސް ފައިދާއެއް ނެގުމުގެ ކުރިން 500 މިލިއަން ޑޮލަރު ހަރަދުކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަން ނިންމާފައިވާކަން އޭނާ ތަކުރާރުކުރެއްވިއެވެ. ވިޔަފާރިކުރާއިރު ރައްޔިތުންނަށް އޭގެ ފައިދާ ކުރާ މިންވަރު ބަލަން ޖެހޭނެ ކަމަށާއި، ހުރިހާ ފައިދާއެއް އަމިއްލައަށް ނަގަން އުޅުމަކީ އޭނާގެ ވިސްނުމެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
އަލައްބާރުގެ އަމާޒަކީ ވީ އެންމެ އަވަހަކަށް ރަސްމާލެ މަޝްރޫއުގެ ތަފްސީލީ އެއްބަސްވުމުގައި ސޮއިކުރުއްވުމެވެ. މިއީ ރާއްޖޭގައި މިހާތަނަށް އިއުލާންކުރި އެންމެ ބޮޑު އެއް ތަރައްގީގެ މަޝްރޫއަށް ވާއިރު، މި މަޝްރޫއު ކާމިޔާބުވުން ބިނާވެފައި އޮންނާނީ ހަމައެކަނި ކުރެހުންތަކުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި، ފައިނަލް އެއްބަސްވުން އެކުލަވާލެވޭ ގޮތާއި، ފައިސާ ހަމަޖެހޭ ގޮތާއި، އަދި ކުރިއަށް އޮތް އަހަރުތަކުގައި އަމަލީ ގޮތުން މި މަސައްކަތް ތަންފީޒުކުރެވޭ މިންވަރެއްގެ މައްޗަށެވެ. އަލައްބާރާއެކު މި ކުރެވުނު އިންޓަވިއޫއިން ލިބުނީ އެ ޔަގީންކަމެވެ.