ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަރިހުގައި ހުންނަވަން ކުޑަކޮށް ވެސް ޖެހިލުމެއްނުވާ ކަމަށާއި، ނަމަވެސް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އަރިހުގައި ހުންނެވުނީތީ އެކަމާ މިއަދު ދެރަވެ، ލަދުގަންނަ ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުޙައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
ޑރ. މުނައްވަރު މިހެން ވިދާޅުވީ ރައީސް ޔާމީން މިހާރު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
މި ޖަލްސާގައި ޑރ. މުނައްވަރު ވަނީ މި ސަރުކާރުގެ ސިޔާސަތުތަކަށާއި އިގްތިސާދީ ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
އެގޮތުން، ސަރުކާރުން އީގަލް ހިލްސްއާއި އެކު ސޮއިކޮށްފައިވާ ރަސްމާލެ މަޝްރޫއަށް އިޝާރާތް ކުރައްވައި މުނައްވަރު ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ރާއްޖެއިން އެއްބަސްވުމެއް ހެދިއިރު، އެފަދަ ބޮޑެތި މަޝްރޫއުތައް އެހެން ގައުމުތަކުގައި ވެސް އިއުލާނުކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފައިވާކަމަށެވެ.
ނަމަވެސް އެ މަޝްރޫއުތައް ހުރީ ކުރިއަށް ނުގޮސް ހުއްޓިފައި ކަމަށާއި އެފަދަ ކުންފުންޏަކާއެކު އެއްބަސްވުމެއް ހަދާއިރު އެއީ ކޮން ފެންވަރެއްގެ ބައެއްތޯ އާއި އެހެން ގައުމުތަކުގައި މަޝްރޫއުތައް ހުއްޓުނު ސަބަބުތައް ސަރުކާރުން ވަރަށް ރަނގަޅަށް ބަލަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ދައުލަތަށް ލިބޭ އާމްދަނީ މެނޭޖުކުރުމުގެ ނަމުގައި ގައުމުގެ ހަރުމުދާ ވިއްކުމަކީ ހިތާމަހުރި ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވަމުން، ސަރުކާރު ހިންގޭނެ ވަރުގެ ބަޖެޓެއް އޮތްއިރު އެ މެނޭޖުކުރަން ނޭނގުނީތޯ ނުވަތަ ގަސްތުގައި ނޭނގޭކަމަށް ހަދަނީތޯ މުނައްވަރު ސުވާލު އުފެއްދެވިއެވެ.
މީގެއިތުރުން ރައްޔިތުންގެ އަސާސީ ކާބޯތަކެއްޗާއި އެހެނިހެން ޚިދުމަތްތަކުގެ އަގު އިންތިހާއަށް އުފުލި، ކާބޯތަކެތި ލިބުމާމެދު ވެސް ރައްޔިތުން މިއަދު ތިބީ ނުތަނަވަސްކަމެއްގެ ތެރޭގައި ކަމަށް މުނައްވަރު ވިދާޅުވިއެވެ.
ޑރ. މުނައްވަރު ވިދާޅުވީ ރައީސް މުޢިއްޒުގެ މި ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ޙަގީގީ މާނާގައި ކުރައްވާ ބަޔަކީ ރައީސް ޔާމީނާއި އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ބޭފުޅުން ކަމަށެވެ. އަދި ރައީސް މުޢިއްޒު އިތުރަށް އެންމެ ހިނދުކޮޅަކު ވެސް ވެރިކަމުގައި ބެހެއްޓުމަކީ ގައުމަށް އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ކުރީގެ ވެރިންގެ ބޮލުގައި އިލްޒާމް ނާޅުއްވައި، ވެރިކަން ހިންގުމުގެ ގާބިލުކަން ނެތްނަމަ އިސްތިޢުފާ ދެއްވުމަށް ވެސް މުނައްވަރު ވަނީ ރައީސް މުއިއްޒަށް ގޮވާލައްވާފައެވެ. އެހެން ނޫންނަމަ ގާނޫނީ ހަމަތަކުގެ މަތިން ވެރިކަމުން ދުރުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ދެއްވިއެވެ.
ރައީސް ޔާމީން ގައުމަށް ގެނެސްދެއްވި ތަރައްގީއަށް ހެކިވެވަޑައިގަންނަވާ ކަމަށް ވިދާޅުވަމުން މުނައްވަރު ވިދާޅުވީ، ރައީސް ޔާމީން ގެނެސްދެއްވި ފަދަ ތަރައްގީއެއް އެއްވެސް ވެރިޔަކު ގެނެސްދެއްވާފައި ނުވާ ކަމަށެވެ.
އެހެންކަމުން އެމަނިކުފާނުގެ އަރިހުގައި ހުންނަވަން އެއްވެސް ޖެހިލުމެއް ނުވާ ކަމަށާއި، ނަމަވެސް ރައީސް މުޢިއްޒުގެ އަރިހުގައި ހުރެވުނީތީ ލަދުގަންނަ ކަމަށް ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ އަރިހުގައި ހުންނަން އަޅުގަނޑު ޖެހިލުމެއް ނުވޭ. އަދި ލަދެއްވެސް ނުގަނޭ. އެކަމު މުއިއްޒުގެ އަރިހުގައި ހުރެވުނީތީ މިއަދު ލަދުގަނޭ،" މުނައްވަރު ވިދާޅުވިއެވެ.
ޑރ. މުނައްވަރަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވުމަށްފަހު، ފަހުން ޑރ. މުޙައްމަދު މުޢިއްޒަށް ތާއީދުކުރެއްވި ބޭފުޅެކެވެ. އަދި ޔުމްނު ރަޝީދު ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް މައްސަލަ ތަޙުގީގު ކުރުމަށް ރައީސް މުޢިއްޒު އުފެއްދެވި ކޮމިޝަނުގެ ރައީސްކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.