ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2026 އަންނަ ޑިސެމްބަރު 13ގައި ފަށަނީ

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2026 އަންނަ ޑިސެމްބަރު 13ގައި ފަށަނީ --- ފޮޓޯ: ދިރާގު

ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2026 ބެޑްމިންޓަން މުބާރާތް، އަންނަ ޑިސެންބަރު މަހު މާލޭ އެކުވެނި ބެޑްމިންޓަން ކޯޓުގައި ބޭއްވުމަށް ނިންމައިފިއެވެ.

މުބާރާތް ބޭއްވުމަށް ތާވަލުކޮށްފައިވަނީ ޑިސެމްބަރު 13 އިން 19 ގެ ނިޔަލަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ނޮވެންބަރު މަހުގެ 25 ގެ ނިޔަލަށް މިހާރު ހުޅުވާލައިފައިވާ ކަމަށް ދިރާގުން މައުލޫމާތުދެއެވެ.

ޒުވާނުން ބާރުވެރިކުރުވައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި މުބާރާތް އިންތިޒާމުކުރަނީ ބެޑްމިންޓަން ކްލަބާ ގުޅިގެންކަމަށާއި މިއީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ އެންޑޯޒްމަންޓާއެކު ކުރިއަށްގެންދާ މުބާރާތެއް ކަމަށް ދިރާގުން ވަނީ ބުނެފައެވެ.

މި މުބާރާތުގެ މައިގަނޑު އަމާޒަކީ ވާދަވެރި މާހައުލެއްގެ ތެރެއިން ދިވެހި އަދި ބައިނަލްއަގްވާމީ ޒުވާން އެތުލީޓުންގެ ހުނަރު ކުރިއެރުވުމަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދިނުން ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

ދިރާގުން ވަނީ ބޮޑު ތަރުހީބެއް ލިބިގެންދިޔަ 2025 ވަނަ އަހަރުގެ މުބާރާތުގައި އަށް ގައުމަކުން ޖުމްލަ 347 ކުޅުންތެރިން ބައިވެރިވެފައިވާކަން ފާހަގަކޮށްފައެވެ. އަދި އޭގެތެރޭގައި ބައިނަލްއަގްވާމީ 30 އެތުލީޓުންނާއެކު، މުބާރާތުގައި ޖުމްލަ 733 މެޗު ކުޅެފައިވާކަން އެ ކުންފުނިން ވަނީ ފާހަގަކޮށްފައެވެ.

ދިރާގުން ބުނީ މިއީ ޖޫނިއާ ފެންވަރުގައި ބެޑްމިންޓަން ކުޅިވަރަށް އޮތް މަގްބޫލުކަން އިތުރުވަމުންދާކަން ހާމަކޮށްދޭ އަދަދުތަކެއް ކަމަށެވެ.

މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ނުވައަހަރާއި 11، 13، 15، 17 އަދި 19 އަހަރުން ދަށުގެ އުމުރުފުރާތަކަށް ބަހާލައިގެންނެވެ. އޭގެއިތުރުން ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ މުބާރާތުގައިވެސް ޕެރާ ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީ ހިމެނިގެންދާނެކަން ދިރާގުން ވަނީ ފާހަގަކޮށްފައެވެ.

ދިރާގަކީ ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

comment ކޮމެންޓް