މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރެއްވި ކަމަށް ތުހުމަތުކޮށް މި ސަރުކާރުގައި ވަކިކުރި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރުގެ މައްސަލަ ފައިލްކުރުމުން، އެ ތުހުމަތުތައް ކުރީ ބަޔަކު ވަކި ބޭނުމަކަށް، ނުހައްގުން މަގާމު ގެއްލުވާލަންކަން ސާބިތުވެފައިވާ ކަމަށް މަހާޒު މިއަދު ވިދާޅުވެއްޖެއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މަހާޒްގެ މައްސަލަ ފައިލްކުރީ އޭނާގެ މައްޗަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައިގެ ތަހުގީގަށް ހޯދާފައިވާ ހެއްކާއި ގަރީނާ ދިރާސާކުރިއިރު، އެއްވެސް ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ފުލުހުންނަށް ބެލެވެން ނެތުމުންނެވެ. އަދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ވެސް އެ މައްސަލާގައި ދައުވާ ނުކުރުމަށް ނިންމާފައިވާތީ، މައްސަލަ ފައިލްކުރެވިފައިވާ ކަމަށް ފުލުހުން އަންގައިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އެ މައްސަލަ ނިންމާލުމާ ގުޅޭ ގޮތުން މަހާޒު މި ނޫހަށް ވިދާޅުވީ، އޭނާގެ މައްޗަށްކުރި ތުހުމަތުތަކަކީ ވަކި ބޭނުމަކަށް، ނުހައްގުން މަގާމު ގެއްލުވާލަން ބަޔަކު ކުރި ކަމެއްކަން މިއަދު ސާބިތުބެފައިވާ ކަމަށެވެ. އަދި މައްސަލަ ބެލި އިދާރާތަކުގެ އިޚުލާސްތެރި ކަމެއް ހުރި ނަމަ, ސަސްޕެންޑް ނުކޮށް ވެސް ޖިނާއީ މައްސަލަ ބެލެން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
މަހާޒު ވިދާޅުވި ގޮތުގައި، އެ މުއްދަތުގައި ވަކި ކުރުމުގެ ކުރިން ވެސް މައްސަލަ ފައިލް ކުރެވެން އޮތެވެ. ނަމަވެސް، އެކަން އެ ގޮތަށް ނުކުރީ ވަކި މަގުސަދެއްގައި ވަކި ކަންތައްތަކެއް ކުރުމަށް ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"މި އަނިޔާވެރިން އަނިޔާވެރިންނާއެކު މަޙްޝަރު ކުރައްވާށި! އިތުރު ބަޔަކަށް އަނިޔާވެރިވުމުގެ ފުރުސަތު މި އަނިޔާވެރިންނަށް ނުދެއްވާށި!" ވަކި ބަޔެއްގެ ނަން ފާހަގަނުކުރައްވައި އޭނާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މަހާޒާއެކު ސަސްޕެންޑުކުރި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްސަލަ ވެސް ވަނީ ފައިލްކޮށްފައެވެ.
މަހާޒާއި އަޒްމިރަލްދާއާއި ސުޕްރީމް ކޯޓުގައި އޭރު ހުންނެވި އިތުރު ފަނޑިޔާރެއް ކަމަށްވާ ހުސްނުއްސުއޫދު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ކުއްލި ގޮތަކަށް ސަސްޕެންޑުކުރީ މިދިޔަ އަހަރުގެ ފެބުރުވަރީ މަހުގެ 26ގައެވެ. އެ ތިން ބޭފުޅުން ސަސްޕެންޑުކުރީ، ސިޔާސީ ގޮތުން ގައުމު ވަރަށް ހަލަބޮލިވި ދަނޑިވަޅެއްގައެވެ.
އެއީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފުރިހަމަ ކޮންޓްރޯލް އޮތް ރައްޔިތުންގެ މަޖިލީހުން، މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިކޮށްފިނަމަ މަޖިލީހުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައި، އެއް ދުވަހުގެ މަސައްކަތުން ގާނޫނުއަސާސީއަށް ބަދަލު ގެނައި ފަހުންނެވެ. އެ ބަދަލު ގެނައީ، ނޮވެންބަރު 20، 2024ގައެވެ.
އެ އިސްލާހަށް ފާޑުކިޔުންތައް އަމާޒުވެ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ދައުލަތުގެ ބަންޑާރަނައިބު އަހްމަދު އުޝާމްގެ ފަރާތުން ކޯޓަށް ވަޑައިގެންނެވި ވަކީލުން އެ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށް ވަކާލާތު ކުރި ނަމަވެސް، އޭރުގެ ސުޕްރީމް ކޯޓުގެ ބެންޗުން ނިންމެވީ މައްސަލަަ ބެލޭނެ ކަމަށެވެ. އެއާއެކު ސިޔާސީ މަސްރަހު އިތުރަށް ހޫނުވިއެވެ.
ތިން ފަނޑިޔާރުން ސަސްޕެންޑުކުރިކަން އެންގީ، އެ މައްސަލައިގެ ޝަރީއަތް ތާވަލުކޮށްފައި އޮތް ދުވަހު، ޝަރީއަތުގެ މަޖިލީހަށް ވަންނަވަން އުޅުއްވަނިކޮށެވެ.
އެ ކުއްލި ފިޔަވަޅަކީ އޭރު ބަލަމުންދިޔަ، ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށް ރާއްޖެއާއި ބޭރުގެ ގާނޫނީ މާހިރުން ތުހުމަތު ކުރެއްވިއެވެ.
އެ ތިން ބޭފުޅުންގެ ތެރެއިން ސުއޫދު އިސްތިއުފާދެއްވިއެވެ. އަދި، ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒްގެ މައްސަލަ ބަލައި ދެ ބޭފުޅުން މަގާމުން ވަކިކުރަން މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ފާސްކުރިއެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، ޖޭއެސްސީގެ ނިންމުން ރަނގަޅު ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމިއެވެ. އަދި އެ މަހުގެ 14 ވަނަ ދުވަހު މަޖިލީހުން ވަނީ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފައެވެ.
އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ޖޭއެސްސީގެ އިތުރުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވެސް ބަލާ ކަމަށް ބުނިއިރު، ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާނުކުރުމާއި ޖަވާބުދާރީވާން ފުރުސަތު ނުދިނުމުގެ ޝަކުވާތައް ފަނޑިޔާރުން ކުރެއްވިއެވެ. އަދި އެ މައްސަލަ ބައިނަލްއަގުވާމީ އިދާރާތަކަށް ހުށަހެޅުއްވުމުން، ބޭރުގެ ގާނޫނީ ގިނަ އިދާރާތަކަކުން ކަންބޮޑުވުން ފާޅުކޮށް، ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ގޮވާލިއެވެ. ނަމަވެސް އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރީ ޖުޑިޝަރީ ކޮމިޓީން އެ ފުރުސަތު ނުދީއެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ.ގެ ޚާއްސަ ރެޕެޓުވާ މާގަރެޓް ސެޓާތުވެއިޓް ކަންބޮޑުވުން ފާޅުކުރުމުން، ސަރުކާރުން މިދިޔަ އަހަރުގެ އޭޕްރިލް މަހުގެ 31ގައި ފޮނުވި ޖަވާބުގައި ވަނީ ސެޓާތުވެއިޓްއަށް ލިބިފައިވާ ބައެއް މައުލޫމާތުގައި ހަގީގަތާ ޚިލާފު ވާހަކަތަކާއި ތުހުމަތުތައް ހިމެނޭ ކަމަށް ބުނެފައެވެ. އަދި ފަނޑިޔާރުން ވަކިކުރީ ގާނޫނީ އިމުގެ ތެރެއިން ޖަވާބުދާރީ ކުރުވަން ކަމަށާއި، އޭގެ ސަބަބުން ކޯޓު ހުއްޓުމަކަށް ނާންނަ ކަމަށް ސަރުކާރުން އޭރު ބުނެފައިވެއެވެ.