ތ. ތިމަރަފުށީގައި އޮޕަރޭޓްކުރި އައިއެސްއަށް ތާއީދުކުރާ ހަރުކަށި ފިކުރުގެ ސެލްއަކުން ދިވެހިރާއްޖޭގައި ޓެރަރިސްޓު ހަމަލާއެއް ދޭން ރޭވިކަމަށް ބުނާ މައްސަލައިގައި، ދަޢުވާލިބޭ މީހުންގެ ތެރެއިން ޢަލީ އަރުޙަމް މުޙައްމަދު ފިޔަވައި އެންމެން ބަންދުން މިނިވަންވެއްޖެއެވެ.
މި މައްސަލާގައި ކްރިމިނަލް ކޯޓަށް ހުށަހެޅި ހަތް ދަޢުވާގެ ތެރެއިން ސާބިތުވެފައިވަނީ ތިން ދަޢުވާއެކެވެ. އެއީ:
- ޓެރަރިސްޓު ޖަމާޢަތަކަށް ތާއީދުކުރުން: ޢަބްދުالله ޢިމާދާއި ޢަލީ އަރުޙަމް މުޙައްމަދު ތިން އަހަރަށް ޖަލަށްލުމަށާއި، ޢަލީ މުނީޒު އެއް އަހަރާއި ނުވަ މަހާއި އެއް ދުވަހަށް ޖަލަށްލުމަށް ހުކުމެއް
- ހަނގުރާމައަށް ދާން އުޅުން: ޢަލީ އަރުޙަމް މުޙައްމަދު ފަސް އަހަރަށް ޖަލަށްލުމަށް ހުކުމެއް
- ޢަދުލުއިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުން: ޢަބްދުالله ޢިމާދާއި އިބްރާހީމް ލޫތު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމެއް
މި ޙުކުމްތަކާއެކު، ޖަލުގައި ހޭދަކުރި މުއްދަތު އުނިކުރުމުން ޢަބްދުالله ޢިމާދާއި، ޢަލީ މުނީޒާއި އިބްރާހީމް ލޫތު ތަންފީޒު ކުރަންޖެހޭ އިތުރު އަދަބެއް ނެތުމުން އެ މީހުން ވަނީ ބަންދުން މިނިވަންވެފައެވެ. އެހެންކަމުން މުޅި މައްސަލައިން ތަންފީޒު ކުރާނެ ޖަލު އަދަބެއް އައީ ޢަލީ އަރުޙަމް މުޙައްމަދުގެ މައްޗަށް އެކަންޏެވެ.
މި މައްސަލައިގައި ހުށަހެޅުނު މޮބައިލް ފޯނަކުން ނެގި ޑާޓާގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެދިފައިވާތީ، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ރޭވުމާއި، ހިތްވަރުދިނުމާއި، އުކުޅުތައް ދަސްކުރުން އަދި ޓެރަރިސްޓް ޖަމާޢަތެއްގެ މެންބަރަކަށްވުމުގެ ދަޢުވާތައް ސާބިތުނުވާކަމަށް ކޯޓުން ވަނީ ނިންމާފައެވެ.
ސާބިތުނުވި ދަޢުވާތައް އިސްތިއުނާފުކުރުމާމެދު ގޮތެއް ނިންމާނީ މައްސަލައިގެ ރިޕޯޓު ލިބުމުން ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.