800އެއްހާ ބިދޭސީން ނުހޯދޭތީ ބައޯމެޓްރިކްސް އެއްނުކުރެވޭ، ބޭރުން ވެސް މައުލޫމާތު އެބަ ހޯދަން: އިޙްސާން

އޮޕަރޭޝަން ކުރަނގީގެ ދަށުން މައުލޫމާތު އެއްކުރުން: 800އެއްހާ ބިދޭސީން ނުހޯދޭތީ އެ މީހުންގެ ބައޯމެޓްރިކްސް އެއްނުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ/ އިމިގްރޭޝަން

ރާއްޖޭން އަދިވެސް 800އެއްހާ ބިދޭސީން ނުހޯދޭތީ އެ މީހުންގެ ބައޯމެޓްރިކްސް ޑޭޓާ އެއްކުރެވިފައި ނުވާ ކަމަށާއި އެ މީހުން ނިސްބަތްވާ ގައުމުތަކާ ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިޙްސާން ވިދާޅުވީ މި ވަގުތު ރާއްޖޭގައި ބައޯމެޓްރިކްސް ޑޭޓާ އެއްކުރުމަށް ޓަކައި 800އެއްހާ ބިދޭސީން އަދިވެސް ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

"އެހެން ނަމަވެސް އެ 800އަކީ އަޅުގަނޑުމެންނަކަށް 100 ޕަސެންޓު ދަންނަވާކަށް ނޭނގޭނެ މިވަގުތު ރާއްޖޭގައި ތިބި މީހުންނެއް [ކަން]، އެއީ ފެންނަމުންދާ ބައެއް ޓްރެންޑަކީ މީގެ ތެރެއިން ބައެއް މީހުން ނިޔާވެފައި ވެސް އެބަވޭ،" އިޙްސާން ވިދާޅުވިއެވެ.

އެއީ ކޮން ބައެއްކަން، އެ މީހުންނަށް ވަޒީފާ ދިން ފަރާތްތަކަށް ވެސް ނޭނގޭތީ އެ ބިދޭސީން ހޯދުމަށް ދަތިވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިޙްސާން: ވިދާޅުވީ 800އެއްހާ ބިދޭސީން ނުފެންނާތީ އެ މީހުންގެ ބައޯމެޓްރިކްސް ޑޭޓާ އެއްކުރެވިފައި ނުވާ ކަމަށާއި އެ މީހުން ނިސްބަތްވާ ގައުމުތަކާ ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް -- ފޮޓޯ: ރައީސް އޮފިސް

"އެހެންވީމާ އެ މަސައްކަތް އެ ފަރާތްތައް ނިސްބަތްވާ، އެ ޕާސްޕޯޓުތައް ނިސްބަތްވާ ގައުމުތަކާ އެކުގައި އަޅުގަނޑުމެން މި ދަނީ ސޯޓްއައުޓް ކުރަމުން،" އިޙްސާން ވިދާޅުވިއެވެ.

އެއާއެކު މިނިސްޓަރު މިދިޔަ ސެޕްޓެންބަރު މަހުގެ ފަހުކޮޅު އަހާ ފޯރަމްގައި ދެއްކެވި ވާހަކައަށް އިޝާރާތްކުރައްވައި އިޙްސާން ވިދާޅުވީ، އަމާޒަކީ އަންނަ އަހަރުގެ މެއި މަހާ ހަމައަށް ކުރަނގި އޮޕަރޭޝަން ނިންމައި، ބިދޭސީންގެ މައްސަލަ ހައްލުކުރުން ކަމަށްވީ ނަމަވެސް، އަންނަ ނޮވެންބަރު މަހުގެ 17ވަނަ ދުވަހުގެ ކުރިން އެ އޮޕަރޭޝަން ނިންމައިލަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފައިވާ ކަމަށެވެ.

އެހެންވެ އަމާޒަކީ އޭނާ ވިދާޅުވިގޮތުގައި އެ ދުވަހުގެ ނިޔަލަށް ކުރަނގި އޮޕަރޭޝަން އެއްކޮށް ނިންމައިލުމެވެ.

https://sun.mv/228174

ކުރަނގި އޮޕަރޭޝަނުގެ ދެވަނަ ފިޔަވަހީގެ ތެރެއިން ކުރަނީ ގަވައިދާ ޚިލާފަށާއި ގަވައިދާ އެއްގޮތަށް އުޅޭ ބިދޭސީން ވަކިކޮށް، ހައްޔަރުކުރުމުގެ މަސައްކަތެވެ.

ފާހަގަކުރެވޭ ގޮތުގައި، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ކަމުގެ ތެރެއިން، ގަވައިދާ ޚިލާފަށް އުޅޭ މީހުން ހޯދައި، އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް