ރުގްޔާ ކުރުމުގެ ނަމުގައި މަހާނަ ކޮންނަ މައްސަލަތަކެއް: އެއީ ޙަރާމް ކަމެއްކަން ޝަހީމް ހަނދާންކޮށްދެއްވައިފި

މިނިސްޓަރު ޝަހީމް: ރުގްޔާ ކުރުމުގެ ނަމުގައި މަހާނަ ކޮންނަ މައްސަލަތަކެއް ފެންމަތިވެފައިވާތީ، އެއީ ޙަރާމް ކަމެއްކަން ޝަހީމް ވަނީ ހަނދާންކޮށްދެއްވައިފައި -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ޝަރުޢީ ރުގްޔާ ކުރުމުގެ ނަމުގައި މަހާނަ ކޮންނަ މައްސަލަތަކެއް ފެންމަތިވެފައިވާތީ، އެއީ ޙަރާމް ކަމެއްކަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިރޭ ހަނދާންކޮށްދެއްވައިފިއެވެ.

ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޝަރުޢީ ރުގްޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ މަހާނަ ކޮންނަ ކަމުގެ މައުލޫމާތުތައް ބައެއް ފަހަރު ލިބޭ ކަމަށެވެ. ނަމަވެސް އެއީ ހުއްދަ ކަމެއް ނޫން ކަމަށާއި، ޝަރުޢީ ރުގްޔާ ކުރުމުގައި އެފަދަ އެއްވެސް ޢަމަލެއް ހިންގުމަކީ ގުރްއާނާއި ސުންނަތުން ސާބިތުވާކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހެންކަމުން ރުގްޔާ ކުރުމުގެ ނަމުގައި ގަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމްވެގެންވާ ޢަމަލުތަކެއް،" މިނިސްޓަރު ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި ޝަރުއީ ރުގްޔާއަކީ ބަލި މީހާށް ޝިފާއަށް އެދިގެން ގުރުއާން ކިޔަވައި، އޭނާގެ ގަޔަށް ފުމުން ނުވަތަ ފެނަށް ކިޔަވައި، ފެން ބޯން ދިނުން ނުވަތަ ޝިފާއަށް އެދި އެކަމުގައި ސުންނަތުން ސާބިތުވެފައިވާ ދުޢާތައް ކިިޔުމެވެ. ނަމަވެސް ބައެއް ފަރާތްތަކުން ރުގުޔާ ކުރުމުގެ ނަމުގައި، ޝަރުޢީ ގޮތުން ހުއްދަ ނޫން ނޭދެވޭ ޢަމަލުތައް ހިންގަމުންދާކަން ސަމާލުކަމަށް އައިސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކަންކަމާމެދު ރައްކާތެރިވުން އެދެން. ބަލިތަކަށް ޝިފާ ދެއްވަނީ މާތް ﷲ. ދުޢާކުރުމާއި، ބޭސް ބޭނުންކުރުން ފަދަ ސަބަބުތަކުގައި ހިފުމަކީ އިސްލާމްދީން އަންގަވާފައިވާ ގޮތް،" ޝަހީމް ހަނދާންކޮށްދެއްވިއެވެ.

ރުގްޔާ ކުރުމުގެ ނަމުގައި ނާޖާއިޒު ފައިދާ ނެގުން ފަދަ މައްސަލަތަކެއް މީގެ ކުރިން ފެންމަތިވެފައިވެއެވެ.

comment ކޮމެންޓް