ފަތުރުވެރިކަމުގެ ދާއިރާއިން ދިވެހި ޒުވާނުންނަށް އެޕްރެންޓިސްޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ޓޫރިޒަމް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީއާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.
އެ ފަހުމުނާމާގައި ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީނާއި ޔޫތު މިނިސްޓަރު ޢަބްދުﷲ ރާފިޢެވެ.
އެއީ ވަރަށް މުހިންމު ފަހުމުނާމާއެއްގެ ގޮތުގައި ސިފަކުރައްވަމުން އަމީން ވިދާޅުވީ، އޭގެ މައިގަނޑު މަގުސަދަކީ ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މުހިންމު ދާއިރާތަކުން ފުރުސަތުތައް ހޯދައި ދިނުން ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ މުޅި ދުނިޔެއިން ބަލާއިރު ވެސް އެންމެ މަތީ ފަންތީގައި ހިންގާ ދާއިރާއެއް ކަމަށް ވިދާޅުވެ އަމީން ވަނީ، އެ ދާއިރާގައި ގިނަ އަދަދެއްގެ ތަމްރީނު ޕްރޮގްރާމްތައް ހިންގާކަން ފާހަގަކުރައްވައިފައެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ ދެ މިނިސްޓްރީގެ ދޭތެރޭގައި ވާހަކަ ދައްކައިގެން ޒުވާނުންނަށް ފުރުސަތުތަކެއް ހޯދައި ދިނުމަށް މަސައްކަތް ފެށިގެން މި ދަނީ، މީގެ މައިގަނޑު ބޭނުމަކީ ކުރިން ވެސް ދެންނެވިހެން ޒުވާނުންނަށް ފުރުސަތުތަކެއް ހޯދައި ދިނުން،" އޭނާ ވިދާޅުވިއެވެ.
ރިސޯޓު މުވައްޒަފުންތަކެއް: ޒުވާނުންނަށް ފޯރުކޮށްދޭ ފުރުސަތުތަކާއެކު، ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށް ޒުވާނުން ނެރެވޭނެ ކަމަށް އަމީން ވިދާޅުވި -- ފޮޓޯ/ ރިސޯޓް ވޯކާސް މޯލްޑިވްސްއެ ތަމްރީނު ފުރުސަތުތަކާއެކު، ދިވެހި ޒުވާނުން ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާތަކަށް ނެރެވޭނެ ކަމަށް އަމީން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ މަސައްކަތް ފަށަން ނިންމި އެއް ސަބަބަކީ، ޒުވާނުން މަސައްކަތަށް އަހުލުވެރިކޮށް އެ މީހުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދި ދިނުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ތަސައްވުރަކަށް ވާތީއެވެ.
ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އެ ފުރުސަތުތައް ދޭނީ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުންނެވެ. އެ ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.
އެ ޕްރޮގުރާމްގެ ދަށުން މީގެ ކުރިން ވެސް ފަތުރުވެރިކަމުގެ ދާއިރާއިން ފުރުސަތުތައް ދީފައިވެއެވެ.