ގިނަ ދުވަސްތަކަކަށް ފަހު އަލުން ބާއްވަން ފެށި އެފްއޭއެމް އެވޯޑްސް ނައިޓުގައި، ދިވެހި ފުޓްބޯޅައަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވުމަށް ފަހު ދުނިޔެ ދޫކުރައްވާފައިވާ ތިން ޝަހުސިއްޔަތެއްގެ އަގުވަޒަންކޮށް، އެފްއޭއެމް ޕްރެޒިޑެންޓްސް އެވޯޑް އަރުވައިފިއެވެ.
މި އެވޯޑު ހާއްސަކޮށްފައިވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މަޝްހޫރު ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތި) އާއި، ގައުމީ ޓީމުގެ ކުރީގެ މުހިންމު މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) އަދި ކުރީގެ ހުނަރުވެރި ގޯލްކީޕަރު އިފްރާހު އަރީފް (އިފްރާ) ގެ ހަނދާނަށެވެ.
މިއީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިސްނަގައިގެން އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު މިފަދަ އެވޯޑު ހަފްލާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.
ދިވެހި ފުޓްބޯޅައިގެ ތާރީހުގައި އެންމެ ކާމިޔާބު އެއް ކޯޗު ކަމަށްވާ ސާންތިއަކީ ގައުމީ ޓީމުން 2008 ވަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އެސިސްޓެންޓް ކޯޗުގެ މަގާމު އަދާކުރެއްވި، އަދި 2018 ގެ ކާމިޔާބީގައި ޓެކްނިކަލް ޑައިރެކްޓަރުގެ ގޮތުގައި މުހިންމު ހިއްސާއެއް ކޮށްދެއްވި ބޭފުޅެކެވެ.
ކްލަބް އީގަލްސްގައި ޒުވާން ކުޅުންތެރިން ބިނާކޮށް، 2016 ގެ ޕްރެޒިޑެންޓްސް ކަޕް ނަގައިދިން ސާންތި ނިޔާވީ ކެންސަރު ބައްޔާ ގިނަ ދުވަސްތަކަކު ހަނގުރާމަކުރުމަށް ފަހު 2024 ވަނަ އަހަރުގެ މާޗް މަހުގެ 22 ގައެވެ. ސާންތީގެ ހިދުމަތްތަކުގެ އަގުވަޒަންކޮށް މީގެ ކުރިން ވަނީ ކުޅިވަރަށް ހިދުމަތް ކުރުމުގެ ގައުމީ އިނާމުވެސް އަރުވާފައެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ބަކާ ނިޔާވީ 2024 ވަނަ އަހަރުގެ ޖޫން މަހު ހައްޖުގެ އަޅުކަމަށް ފަހު އެނބުރި ރާއްޖެ އައިސް، ކުއްލި ގޮތަކަށް ބަލިވެގެންނެވެ. ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2010 ގައި ހޯދި ބަކާއަކީ 2008 އާއި 2018 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ ކްލަބްތަކަކާއި މިޔަންމާގެ ކްލަބަކަށް ވެސް އޭނާ ކުޅެފައިވެއެވެ.
ގައުމީ އުމުރުފުރާ ޓީމުތަކާއި ސީނިއާ ޓީމުގެ ގޯލު ބެލެހެއްޓި ހުނަރުވެރި ކީޕަރު އިފްރާ ނިޔާވީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު 25 ގައި ސްޓްރޯކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.
ކްލަބް ވެލެންސިއާ އިން ކެރިއަރު ފަށައި، މާޒިޔާ އާއި ޓީސީ ފަދަ ކްލަބްތަކާއެކު ގިނަ ކާމިޔާބީތަކެއް ހޯދި އިފްރާއަކީ ވެސް 2008 ވަނަ އަހަރުގެ ރަން މެޑަލް ހޯދި ގައުމީ ސްކޮޑުގައި ހިމެނުނު ކުޅުންތެރިއެކެވެ. ފުޓްބޯޅަޔަށް ފަހު އޭނާ ބޮޑަށް ފެނުނީ ސްޕޯޓްސް ފިޝިންގ އިންނެވެ.