އެފްއޭއެމް އެވޯޑްސް 2026: ރާއްޖޭގެ އެންމެ މޮޅު ފުޓްސަލް ކުޅުންތެރިއަކަށް އިންމި

ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި އިންމި-- ފޮޓޯ: ސިޑިބަރި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަލަށް ތައާރަފްކުރި އެންމެ މޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑު، ގައުމީ ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ހޯދައި، ތާރީޚުގެ ތެރެއިން ޖާގަ ހޯދައިފިއެވެ.

އަށް އަހަރުގެ މެދުކެނޑުމަކަށްފަހު ބޭއްވި "އެފްއޭއެމް އެވޯޑްސް 2026" ގައި ފުރަތަމަ ފަހަރަށް ދިން މި އެވޯޑަށް ގައުމީ ޓީމުގެ ފާހަގަކޮށްލެވޭ ފަސް ކުޅުންތެރިއަކު ވާދަކުރިއެވެ. އިންމިއާ އެކު މި މަގާމަށް ދެން ވާދަކުރީ އަހުމަދު ހަމީދު (އައްމަޑޭ)، އަބްދުﷲ ޝާފިއު (ޝާއްޕެ)، އަހުމަދު ރާހިލް ރަޝީދު (ރާއްކޮ) އަދި ޒައިދާން އަހުމަދު (އަސޫ) އެވެ.

ރާއްޖޭގެ ފުޓްސަލް ތާރީޚުގައި ބައިނަލްއަގުވާމީ ފުރަތަމަ ރަން މެޑެލް ހޯދައިދިން ކެޕްޓަން، އިންމި ވަނީ ފާއިތުވި އަހަރު ގައުމީ ޓީމާއެކު ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.

ތައިލެންޑްގައި ބޭއްވި ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖޭން އުފުލާލިއިރު، މުޅި މުބާރާތުގައި ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އިންމިއެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން ރާއްޖޭން ވަނީ ސަރަހައްދީ ހުރިހާ ގައުމެއް ބަލިކޮށް، ތާރީޚީ ރެކޯޑަކާއެކު މުބާރާތް ނިންމާލާފައެވެ.

މި ތާރީޚީ މުބާރާތުގައި ރާއްޖޭން ވަނީ ފެށުނީއްސުރެ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ މެޗުގައި 7-1 އިން ޕާކިސްތާން ބަލިކުރިއިރު، ދެވަނަ މެޗުގައި ބަންގްލަދޭޝް އަތުން މޮޅުވީ 6-1 އިންނެވެ. އަދި ތިންވަނަ މެޗުގައި 5-0 އިން އިންޑިއާ ބަލިކޮށް، މުބާރާތުގެ ތަށި ހޯދާނެކަމުގެ ފުރިހަމަ ސިގްނަލް ދިނެވެ. ޖެހިގެން އައި މެޗުތަކުގައި ނޭޕާލް، ބޫޓާން އަދި ސްރީލަންކާއިން ޑިފެންސިވް ގޭމެއް ކުޅެ އުނދަގޫތަކެއް ކުރިމަތިކުރި ނަމަވެސް، ރާއްޖޭން ވަނީ ހިތްވަރާއެކު ކުޅެ އެ ހުރިހާ މެޗަކުންވެސް ކުރިހޯދާފައެވެ.

ގައުމީ މުބާރާތުގެ އިތުރުން ކްލަބް ލެވަލްގައި ވެސް އިންމި ވަނީ އާދަޔާޚިލާފު ތަފާތެއް ދައްކާފައެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ގއ. ދެއްވަދޫ ޓީމާއެކު އޭނާ ވަނީ ފާހަގަކޮށްލެވޭ ރަނގަޅު ކުޅުމެއް ދައްކާފައެވެ.

އޭއެފްސީ ފުޓްސަލް އޭޝިއަން ކަޕް ކޮލިފައިންގާއި، އޭޝިއަން އިންޑޯ މާޝަލް އާޓްސް ގޭމްސްގެ އިތުރުން ތައިލެންޑްގެ އިންވިޓޭޝަނަލް ކަޕް ފަދަ ބޮޑެތި މުބާރާތްތަކުގައި ވޭތުވެދިޔަ އަށް އަހަރު ގައުމީ ޖާޒީގައި އިންމި ވަނީ ގައުމަށް ޚިދުމަތްކޮށްދީފައެވެ.

comment ކޮމެންޓް