ހުޅުމާލޭގައި ހިންގާ ހޮޓާތަކާއި ކެފޭތަކުގެ އިތުރުން ޓޭކްއަވޭ ފިހާރަތަކުން ދުވާރުމަތީގައި ގަވާއިދާ ޚިލާފަށް ގޮނޑިއާއި މޭޒު ބަހައްޓައިގެން، ހުއްދަނެތި ކާބޯތަކެތި ވިއްކަމުންދާކަން އަނެއްކާވެސް ފާހަގަކުރެވިފައިވާތީ އެ ތަކެތި ނަގަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީ)އިން އަންގައިފިއެވެ.
އެޗްޑީސީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ވަނީ ކެފޭތަކާއި ރެސްޓޯރެންޓްތަކުގެ އިތުރުން ޓޭކްއަވޭ ފިހާރަތަކުގެ ބޭރުގައި، ދުވާރު މައްޗާއި ހެޖުތެރޭގައި ގަވާއިދާ ޚިލާފަށް ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރިކުރުމަކީ މަނާކަމެއް ކަމަށެވެ. އެފަދަ ތަކެތި ނެގުމަށް މީގެ ކުރިން ވެސް އެންގި ނަމަވެސް، ބައެއް ފަރާތްތަކުން ގޮނޑިއާއި މޭޒުފަދަ ތަކެތި ނަގާފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެއެވެ.
އެހެންކަމުން އެ ކޯޕަރޭޝަނުން ނެރެފައިވާ ގަވާއިދާ ޚިލާފަށް އަންނަ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ހެޖުތެރެއާއި ދުވާރުމަތީގައި ބަހައްޓާފައިހުރި ތަކެތި ނަގައި އެކަން ރަނގަޅުކުރުމަށް އެ ކޯޕަރޭޝަނުން ވަނީ އަންގާފައެވެ. އަދި ކާބޯތަކެތި ވިއްކުމުގެ ހުއްދަ ނުނަގައި ހުޅުމާލޭގައި ކެފޭތަކާއި ހޮޓާތައް ހިންގާ ފަރާތްތަކުން، އެ ހުއްދަ ނެގުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
އެޗްޑީސީން ވަނީ އެ ކޯޕަރޭޝަނުން ދީފައިވާ މުއްދަތުގެ ފަހުން ގަވާއިދާ ޚިލާފަށް ހުންނަ އެފަދަ ތަންތަނާމެދު، އެ ކޯޕަރޭޝަނާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރެޓީ (އެމްއެފްޑީއޭ)ގެ އިތުރުން ކަމާ ގުޅުންހުރި އެހެން އިދާރާތައް ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައެވެ.
މީގެ އިތުރުން އެ މަސައްކަތުގެ ތެރެއިން ލިބިދާނެ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ނިމުނު އަހަރުގެ އޮކްޓޫބަރު މަހުގައި އެޗްޑީސީއިން ވަނީ ހުޅުމާލޭގެ ދުވާރުމަތީގައި ބަހައްޓައިގެން ޚިދުމަތް ދޭ ކެފޭ މޭޒުތަކާއި ގޮނޑިތައް ނަގަން އަންގާފައެވެ.
އޭރުވެސް އެ ކޯޕަރޭޝަނުން ވަނީ މަގު ބޭނުންކުރާ މީހުންނަށް ދަތިވާ ގޮތަށް ދުވާރުމަތީގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާ ކަމެއްކަން ހަނދާންކޮށްދީފައެވެ.