އެފްއޭއެމް އެވޯޑްސް 2026 ގެ މިދިޔަ ސީޒަނުގެ ރާއްޖޭގެ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ގައުމީ ޓީމުގެ ތަރި އަހުމަދު އައިހަމް (ފަތޯ) އާއި އެންމެ މޮޅު އަންހެން ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު އޮޑި ސްޕޯޓްސް ކްލަބުގެ އަދި ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ފާތިމަތު ސާލިޔާ ހޯދައިފިއެވެ.
އައިހަމް މި އެވޯޑު ކާމިޔާބުކުރީ ގަދަ ތިނެއްގައި އަލީ ފާސިރު (ސެންޓޭ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އާ ވާދަކޮށްގެންނެވެ. މި ގަދަ ތިނެއްގެ ދެވަނަ، 22 ގޯލު ޖަހައިގެން ރަން ބޫޓު ހާސިލްކުރި ސެންޓޭ ހޯދިއިރު، ތިންވަނައަށް ދިޔައީ ހަމްޕުއެވެ.
ނަމަވެސް، ސަޕޯޓަރުން ހޮވި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ ހަމްޕުއެވެ. މީގެއިތުރުން އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވި ރަން އަންގި ހާސިލްކުރީ ނިއު ރޭޑިއަންޓްގެ މުހައްމަދު ފައިސަލްއެވެ.
މި ހަފްލާގައި ސީޒަނުގެ އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ވަނަތައް ވަނީ ދީފައެވެ. އެގޮތުން އެންމެ މޮޅު ކްލަބަކަށް މާޒިޔާ ހޮވުނުއިރު، އެންމެ މޮޅު ކޯޗުގެ މަގާމު ހޯދީ މާޒިޔާގެ ކުރީގެ ކޯޗު ލުއިސްމާ ހެނާންޑޭޒްއެވެ.
އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔާއަކީ ނިއު ރޭޑިއަންޓަށް ކުޅޭ ބްރެޒިލްގެ ގިލެރްމޯ ޑަ ސިލްވާއެވެ. އަދި އެންމެ އުންމީދީ (ޒުވާން) ކުޅުންތެރިޔާއަކަށް މާޒިޔާގެ މުހައްމަދު އިލާން އިމްރާން ހޮވުނުއިރު، އެންމެ މޮޅު ގޯލަކަށް ހޮވުނީ އޮޑި ކޮޅަށް ވިކްޓަރީގެ ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ޖެހި ގޯލެވެ.
ރީޖަނަލް ކެޓަގަރީގެ އެންމެ މޮޅު ކްލަބަކަށް ބިސް ބުރު ސްޕޯޓްސް ކްލަބް ހޮވުނުއިރު، އެންމެ މޮޅު ރެފްރީގެ މަގާމު ލިބުނީ ހުސެއިން ސިނާން އަށެވެ. މީގެއިތުރުން، ސާފް ފުޓްސަލް ޗެމްޕިއަންޝިޕް އަދި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ޓީމުތަކުގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑެއް ވަނީ އަރުވާފައެވެ.