"ކޮރަޕްޝަނާއި ޚިޔާނާތްތެރިކަމުން ހޯދާ ވެރިކަމަކީ މި ދުނިޔޭގައި އިންސާނާއަށް ކިތަންމެ ބޮޑު އުފަލެއްކަމުގައި ހީވިޔަސް ކަފުނުގެ ތެރެއަށް ވަދެ ކަށްވަޅުގެ އަނދިރިކަމާ ކުރިމަތިލާންޖެހޭ ވަގުތު އެންމެ ފައިސާފޮއްޗެއްވެސް، އަދި އެންމެ ސިފައިންގެ މީހެއްގެ އެހީތެރިކަމެއްވެސް ނުލިބޭނެއެވެ. ޤިޔާމަތް ދުވަހުން ﷲގެ ޢަދާލަތުގެ ކުރިމަތީގައި ކޮންމެ އިންސާނަކުވެސް އޭނާ ހިފި ނުޙައްގު ފައިސާއާއި އޮހޮރުވާލި ކޮންމެ ލޭފޮދަކަށް ފުރިހަމައަށް ޖަވާބުދާރީވާންޖެހޭނެއެވެ.
ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ހަދީސް ކުރައްވާފައިވެއެވެ."އަނިޔާވެރިކަމުން ދުރުހެލިވާށެވެ. ފަހެ، ހަމަކަށަވަރުން އަނިޔާވެރިކަމަކީ ގިޔާމަތް ދުވަހުގެ އަނދިރިކަމެވެ."ސަހީހު މުސްލިމް"
***
"ކީކޭ ތިކިޔަނީ؟" ކެތުރިންގެ މޫނުފުޅު ރަތްވިއެވެ. "އަހަރެންގެ ދަރިކަލުންނޭ؟ އަަހަންނަށް އެނގިފައިވާ ގޮތުން އެއީ އަންހެންކުއްޖެއް..އަދި އެދަރިފުޅުވަނީ މަރުވެފައި.....ކާކު ބުނީ.........."
"ނޫން... އެއީ ދޮގެއް....." ފާރިސް ތަފްޞީލުކޮށްދިނެވެ. "އެރޭ ހަނގުރާމަ ހިނގިއިރު ތިޔަ ކަމަނާއަށް ލިބިވަޑައިގަތް ދަރިކަލުން ސަލާމަތްކުރީ އަޅުގަނޑު..ރޮޑްރިގޯ އަޅުގަނޑު ގާތު އެދުނީ ދަރިކަލުން ބަލަހައްޓަވަން.. އަޅުގަނޑު އެދަރިކަލުން ހަވާލުކުރީ އަސްމާއާއި..އެއީ އަންހެންކުއްޖެއްނޫން..އެދަރިކަލުންގެ ނަމަކީ ޒާއިމް....."
ގަނޑުވަރުގެ ފަހަތު ބަގީޗާގެ ދޮރާށި ކައިރިއަށް މަޑުމަޑުން ފައިބަމުންދިޔަ ހުދު ސްނޯތައް ފުނިޖެހެމުންދިޔައެވެ. ފިނިވަޔާއެކުގައި ގަސްގަހާގެއްސާއި ބިމުގައި ހުދު ދޫލައެއްފަދައިން ރިހި ކުލައިގެ ފަރުދާއެއް ފެތުރެމުން ދިޔައެވެ.
ކެތުރިންގެ މޫނުފުޅުމަތިން ފެންނަނީ އިންތިހާގެ ހައިރާންކަމާއި ސިހުމެވެ. ފާރިސްގެ ދުލުން އެ ބޭރުވި ބަސްތަކުން ކެތުރިންގެ މުޅި ހަށިކޮޅު ތުރުތުރުއަޅައިގަތެވެ. ދެލޯފުޅުން ކަރުނަ ފާއްދައިލިއެވެ.
"ޒާއިމް...؟" ކެތުރިންގެ އަޑުފުޅު ތުރުތުރުއެޅިއެވެ.
"ލައްބަ ކަމަނާ...މުސްލިމުންގެ އަމީރު...."
"އެ މުސްލިމް އަމީރަކީ... އަހަރެންގެ އަތުން މާޒީގައި ގެއްލުނު... އަހަރެންގެ އުފަން ދަރިފުޅު؟"
"އާދެ، ކަމަނާ..." ފާރިސް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. "ޒާއިމްގެ ދެލޮލަށް ބައްލަވާލެއްވުމުން ކަމަނާގެ ހިތްޕުޅަށް ކުރެވޭނެ އިޙްސާސަކީ އޮޅުމެއް ނޫން. އެއީ މައިވަންތަކަމުގެ ނުފެންނަ ވަރުގަދަ ލޭގެ ގުޅުން. އެއީ ތިޔަ ކަމަނާއާއި ޖޯންގެ ލޯބީގެ ނިޝާން....."
ކެތުރިންގެ މުޅި ދުނިޔެ އެނބުރިގަތް ފަދަ އިޙްސާސެއް ކުރެވުނެވެ. ދެއަތްޕުޅުން މޫނުފުޅު ނިވާކުރައްވަމުން ގާތުގައިވާ ގަހެއްގައި އަތްޕުޅު ޖައްސަވާލެއްވީ ހަށިކޮޅު ސަމާލުކުރެއްވުމަށެވެ. މާޒީގައި އެ ހިނގި ހާދިސާއާއިމެދު ވިސްނާވަޑައިގަތެވެ. ދަރިކަނބަލުން އަވަހާރަވީކަމަށް ހީފުޅު ކުރައްވާ ކީރިތިކުރެއްވިވަރާއި ހިތުގައި އަނދަމުންދިޔަ އަލިފާންގަނޑު އެއްފަހަރާ ނިވިގެންދިޔައެވެ. ނަމަވެސް އެއާއެކު މޭފުޅުގައި އުފެދުނީ ބަޔާންކުރަންދަތި ބިރުވެރިކަމެކެވެ.
"ފާރިސް....." ކެތުރިން ކުރިއަށް ފިޔަވަޅެއް އަޅުއްވާލައްވަމުން ފާރިސްގެ އަތްޕުޅުގައި ހިއްޕެވީ ބޭއިޚުތިޔާރުގައެވެ. "އަހަރެން ހަމަ މިހާރު. ހަމަ މިހާރު ބޭބޭފުޅު ރޮޑްރިގޯގެ އަރިހަށް ގޮސް މި ޙަޤީޤަތް ހާމަކުރާނަން... ޒާއިމްއަކީ އަހަރެންގެ ދަރިފުޅުކަން އެނގިވަޑައިގަތުމުން ބޭބޭފުޅު އޭނާއަށް ގެއްލުމެއް ނުދެއްވާނެ.އޭނާ މިނިވަންކުރާނެ......"
"ނޫން. ކަމަނާ. ތިޔަފަދަ މޮޔަކަމެއް ނުކުރައްވާ....." ފާރިސް އަވަސްއަވަހަށް ކެތުރިންގެ އަތްޕުޅު ދޫކޮށްލައްވަމުން ފަހަތަށް ޖެހިވަޑައިގަތެވެ. އޭނާގެ ދެލޮލުން ފެނުނީ އިންތިހާގެ ނުރައްކަލުގެ އިންޒާރެކެވެ.
"ކީއްވެ؟" ކެތުރިން ހައިރާންފުޅުވެ ދެލޯފުޅު ބޮޑުކޮށްލެއްވިއެވެ.
"ކަމަނާއަށް ރޮޑްރިގޯގެ ނުބައިކަމާއި ތަޚުތަށް އޮތް ދަހިވެތިކަން ނޭނގެނީތޯ؟" ފާރިސް ވެހެމުންދިޔަ ސްނޯގެ އެތިކޮޅުތަކުގެ ތެރެއިން ކެތުރިންގެ މޫނުފުޅަށް ސީދާ ބައްލަވާލެއްވިއެވެ. "ޒާއިމްއަކީ ހަމައެކަނި މުސްލިމުންގެ އަމީރެއް ނޫން. އޭނާއަކީ ތިޔަ ކަމަނާއާއި ޖޯންގެ ދަރިކަލުން.... އެއީ މި ރަސްކަމުގެ ޝާހީ ލޭ.. ރޮޑްރިގޯއަށް ތިޔަ ސިއްރު އެނގިއްޖެނަމަ އޭނާގެ ތަޚުތަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ޒާއިމްކަން ޤަބޫލުކުރައްވާނެ.... އަދި އިރުއަރައިގެން އަންނައިރު ޒާއިމްގެ ފުރާނަ މި ދުނިޔެއަކު ނުހުންނާނެ..... ރޮޑްރިގޯ އަމިއްލަ ދެއަތުން ޒާއިމް ކަތިލައި މަރާލާނެ......"
ކެތުރިންގެ ނޭވާފުޅު އަރުތެރޭގައި ތަށިވިއެވެ. ފާރިސް އެވިދާޅުވީ މުޅިން ތެދު ބަސްފުޅެކެވެ. ރޮޑްރިގޯއަކީ ރަސްކަމާއި އަބުރަށްޓަކައި ކޮންމެފަދަ ޖަރީމާއެއްވެސް ހިންގަފާނެ ބޭފުޅެކެވެ.
"އެހެންވީމާ... އަހަރެން ކިހިނެއް ހަދާނީ؟" ކެތުރިންގެ އަޑުފުޅުން އާދޭހުގެ ކުލަވަރު ފެންނަންފެށިއެވެ. "އަހަރެންގެ ދަރިފުޅު އެހުރީ ދުޝްމަނުންގެ ގަނޑުވަރުގައި ހައްޔަރުވެފައި. އޭނާގެ ފުރާނައަށް ކޮންމެ ސިކުންތަކުވެސް ނުރައްކާ އެބައޮތް. މަންމައަކަށްވެ ހުރެ އަހަރެން ކެތްކުރާނީ ކިހިނެއް؟"
"އިހަށް ސިއްރު ހިފަހައްޓަވާ....." ފާރިސް ވަށައިގެން ހޯދައިލިއެވެ. "މި ސިއްރު ދެނެވޮޑިގެންވަނީ ހަމައެކަނި މާތްﷲ .....އެއާއެކު އެހެން ފަރާތަކަށް އަންގާނުލާ ހަމައެކަނި ތިޔަ ކަމަނާއާއި އަޅުގަނޑުގެ މެދުގައި އޮތް ސިއްރެއްގެ ގޮތުގައި އިހަށް ބާއްވަވާ... ކަމަނާ ގަނޑުވަރުގެ ތެރެއިން ޒާއިމްއާއި އުވައިސްގެ ޙިމާޔަތުގައި ހުންނަވާ.... އޮލީވިއާއާއި ރޮޑްރިގޯގެ ނުބައި ރޭވުންތަކުން އެދަރިކަލުން ސަލާމަތްކުރެއްވުމަށް ކަމަނާގެ ބާރުގެ ބޭނުންކުރައްވާ..... އަދި އަޅުގަނޑު ބޭރުން އެދަރިކަލުން ސަލާމަތްކޮށްގެން ގެންދާނެ މަގެއް ހޯދާނަން...."
މަޑުމަޑުން ފައިބަމުންދިޔަ ސްނޯތައް ކެތުރިންގެ ކޮނޑުފުޅުމައްޗަށް އެޅެމުން ދިޔައެވެ. އެކަމަނާ ފުންނޭވާއެއް ދޫކޮށްލެއްވުމަށްފަހު، ދެލޯފުޅުން އޮހިގަތް ކަރުނަފޮދު ފޮއްސަވާލެއްވިއެވެ.
"އާނ..." ކެތުރިންގެ އަޑުފުޅަށް މިފަހަރު ވެރިވީ ވަރުގަދަ މައިވަންތަކަމުގެ އަޒުމެކެވެ. "އަހަރެންގެ ދަރިފުޅަށްޓަކައި އަހަރެންގެ ފުރާނަ ޤުރުބާންކުރަންޖެހުނަސް އަހަރެން އޭނާ ރައްކާތެރިކުރާނަން. ރޮޑްރިގޯއަކަށް އެންމެ ފިޔަވަޅެއްވެސް އޭނާއާ ދިމާލަށް އަޅިޔަކު ނުދޭނަން......"
ފާރިސްގެ މޫނުން ހަމަޖެހުމުގެ ކުލަވަރު ފެނުނެވެ. އޭނަ އެނބުރިދާން ހިނގައިގަތީ ޔަގީންކަމާއެކުގައެވެ. ޒާއިމްއާއި އުވައިސްއަށްޓަކާ ހެޔޮ ދުޢާކުރަމުންނެވެ.
***
ގަނޑުވަރުގެ ތެރޭގައިވާ ޑެނިއަލްގެ ކޮޓަރިކޮޅުގެ ތެރޭގައި ވަނީ އުއްބައްތިތަކުގެ މަޑުމަޑު އަލިކަމެވެ. ކޮޓަރީގެ އެއްފަރާތުގައިވާ އަލިފާން އަންދާތަނު ގައި ދަރުތައް އަނދަމުންދާއިރު އެއިން ނުކުންނަ ހޫނުކަމުން މުޅި ކޮޓަރިއަށް ވަނީ ހޫނުކަމެއް ވެރިވެފައެވެ. ނިންދަވާލާފަދަ ރާގެއް ކުޅެލެވޭފަދައެވެ. ބޮޑެތި ބިއްލޫރި ތަކުގެ ބޭރުން ފެންނަނީ ފިނިގަދަ ރޭގަނޑުގެ އަނދިރިކަމުގެ ތެރެއަށް މަޑުމަޑުން ފައިބަމުންދާ ހުދު ސްނޯތަކެވެ. އެ ފިނިކަމާ މުޅިން ތަފާތު ހޫނުފާނު އަލިކަމެއް ކޮޓަރީގެ ތެރޭގައި ވަނީ އުފެދިފައެވެ.ހުދު ސްނޯ ހިމޭންކަމާއެކު ފައިބަމުން ދުނިޔެ ފިނިކުރަން މަސައްކަތްކުރާއިރު އަނދަމުން ދިޔަ އަލިފާންގަނޑު ސްނޯއާއި ޖަދަލުކޮށް ހޫނުކަން ގެނެސްދެނީއެވެ.
އެނދުދާންކޮޅުގައި އިށީދެވަޑައިގެން އިންނެވި ޑެނިއަލްގެ ދެފައިން ޕުޅުގައި ތެޔޮދަމާ ފަރުވާކުރުމުގައި މެތިއު އަވަދިނެތި އުޅުނެވެ. އެތަނުގައި ހަގުރާމައިގެ ޔުނިފޯމުގައި ޒާއިމް އިންނެވިއެވެ. އޭނަ ހައްޔަރުކުރެއްވިއިރު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅު ޚާދިމަކު ގެނެސްދިނުމުން އަލުން ތުރުކުރެއްވީއެވެ. މެތިއުގެ އޯގާތެރި ފަރުވާއާއި ޒާއިމް އެތާ އިންނެވުމުން ޑެނިއަލްގެ ހިތްޕުޅަށްވެސް ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބވަޑައިގަރެވެ.
"ޒާއިމް..." ޑެނިއަލް މަޑުމައިތިރި އަޑަކުން ވާހަކަދައްކަވަން ފެށްޓެވިއެވެ. "މުސްލިމުންގެ އަޚްލާގާއި ދީނުގައި ދެމިގެން ތިބުމާއި ސާބިތުކަމަކީ އަބަދުވެސް ޢަޖައިބުކުރުވާ ކަމެއް. އަންދަލުސްއަށް އިސްލާމްދީން ފެތުރިގެން ދިޔަގޮތާއި މި ބިމުގައި އެދީން އެހާ ވަރުގަދައަށް ފައިހައްޕާލި ސަބަބަކީ ކޮބާ؟"
ޒާއިމް ކުޑަދޮރުން ބޭރަށް ބައްލަވަން އިންނެވީ ސްނޯ ފައިބަމުންދާތީއެވެ. ޑެނިއަލްގެ ޖުމްލައާއެކު ހުރިހާ ސަމާލުކަމެއް ހުއްޓަވާލެއްވިއެވެ.
"ޑެނިއަލް..." ޒާއިމްގެ އަޑުފުޅުގައިވަނީ ހިކުމަތްތެރިކަމެވެ. "އިސްލާމްދީން މި ބިމަށް އައީ ކަނޑިއަކުންނެއް ނޫން. އެއީ ޢަދާލަތާއި ހަމަހަމަކަމާއި، މާތް އަޚުލާގުގެ ނޫރުން ފެތުރިގެން ދިޔަ ދީނެއް. މީސްތަކުންގެ ހިތްތައް ފަތަހަކުރީ އިސްލާމްދީނުގެ މާތް ރީތި އުސޫލުތަކާއި މުސްލިމުންގެ އިޚްލާސްތެރިކަމުން. އެއިރު މުސްލިމުންގެ ހިތްތަކުގައި ވަނީ ހަމައެކަނި ﷲ ގެ ވަޖުހުފުޅު ހޯދުމުގެ ތަޤުވާވެރިކަން."
"އާނ، ޑެނިއަލް... ނަމަވެސް މިއަދު އަންދަލުސްއިން އިސްލާމްދީނުގެ އެ ނޫރު ފަނޑުވަމުން އެދަނީ މުސްލިމުންގެ އަމިއްލަ އުނިކަމުން. މުސްލިމުންގެ ތެރެއިން ގިނަ ބަޔަކު ދީނުގެ މާތް އުޞޫލުތައް ދޫކޮށް، ދުނިޔޭގެ އެދުންވެރިކަމުގެ ފަހަތުން ދުވާން ފެށުމުން."މެތިއުވެސް ބޯޖަހާލަމުން ވާހަކައިގައި ބައިވެރިވިއެވެ.
"ތިބުނީ ކިހިނެއް؟" ޑެނިއަލް ޝައުޤުވެރިކަމާއެކު ސުވާލުކުރެއްވިއެވެ.
"މިއަދު މުސްލިމުންގެ ތެރޭގައި ބައިބައިވުން އުފެދި، އެކަކު އަނެކަކަށް ޚިޔާނާތްތެރިވަނީ..." ޒާއިމްގެ އަޑުފުޅަށް ހިތާމައިގެ އަސަރު ވެރިވިއެވެ. "ތަޚުތާއި ބާރުގެ ދަހިވެތިކަމުގައި ހުރިހާ ފިތުނައަކާއި ފަސާދަ އުފެދެނީ. އަނބިފިރިކަމުގެ ވަފާތެރިކަމާއި އާއިލީ ގުޅުންތަކަށްވުރެވެސް ފައިސާއާއި ރަނާއި ދުނިޔެވީ އުފަލުގެ ފަހަތުން ދުވުން އޮތީ....ބައެއް މީހުން އަމިއްލަ އެދުމަށްޓަކައި މުޅި އުންމަތް ވިއްކާލަންވެސް ފަސްނުޖެހެނީ އެހެންވެ. އަހަރެމެންގެ ތަގުވާވެރިކަން ގެއްލި ދުނިޔޭގެ ލޯބި ހިތްތަކުގައި މޫ ހަރައިލީމަ ﷲ ގެ ނަސްރުވެސް ގެއްލިގެން ދަނީ.."
އަލިފާންގަނޑުގެ ރަތް އަލިން ޑެނިއަލްގެ މޫނުމަތި ދިއްލެމުންދިޔައިރު ހިތުގައިވެސް އިސްލާމްދީނުގެ ނޫރު ބަބުޅަން ފެށިއެވެ. އެދީނުގެ މާތްކަމާމެދު އޮތް ޝައުޤުވެރިކަން އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. ދުނިޔޭގެ އެދުންވެރިކަމުން ފުރިގެންވާ ގަނޑުވަރުގެ ތެރޭގައި އުޅެބޮޑުވި ޑެނިއަލްއަށް ޒާއިމްގެ އެ ސާފު ޙައްޤު ބަސްފުޅުތަކުން ހަގީގީ ހިތްހަމަޖެހުން ލިބިވަޑައިގަތެވެ. ޒާއިމް އިސްލާމްދީނާއި ބެހޭގޮތުން އެތައް ކަމެއް އޮޅުން ފިލުވާދެއްވިއެވެ.
"ޒާއިމް..." ޑެނިއަލް މަޑުމަޑުން ވިދާޅުވިއެވެ. "ތިޔަ ކިޔައިދެއްވި މަތިވެރި އުސޫލުތަކާއި ތިޔަ ދީނުގައިވާ މާތްކަމާއި ސާފުކަން... އަޅުގަނޑުގެ ހިތް އެދެނީ އެ ނޫރުގެ ތެރެއަށް ވާސިލުވާން. އިސްލާމްދީނުގެ ހައްގު މަގު ޚިޔާރުކުރަން."
ޑެނިއަލްގެ ދެލޯފުޅުން ފެންނަން ހުރި އިޚްލާސްތެރިކަމުން އެމަނިކުފާނުގެ ހިތްޕުޅަށް އިންތިހާގެ އުފާވެރިކަމެއް ލިބވަޑައިގަތެވެ. އެމަނިކުފާނު ޑެނިއަލްގެ ކައިރިއަށް ޖެހިވަޑައިގެން އޯގާތެރިކަމާއެކު އަތްޕުޅުގައި ހިއްޕަވާލެއްވިއެވެ.
"ޑެނިއަލް..." އެމަނިކުފާނުގެ އަޑުފުޅުގައިވަނީ އިންތިހާގެ މަޑުމައިތިރިކަމެވެ. "އިސްލާމްދީނަށް ވަނުމަކީ އިންސާނާގެ ހަޔާތުގައި އެޅޭނެ އެންމެ މާތް އަދި އެންމެ އުފާވެރި ފިޔަވަޅު. އެ ދީނުގެ އެންމެ އަސާސީ އަގީދާއަކީ ތައުހީދު... އެއްވެސް ބައިވެރިއަކު އަދި ދަރިކަލަކު ނުވާ ހުރިހާ އެއްޗެއް ޚަލްގުކުރެއްވި އެއްކައުވަންތަ މާތްﷲ ފިޔަވާ އެހެން އެއްވެސް އިލާހަކު ނުވާކަމަށް ހިތުގެ އަޑުން ޤަބޫލުކުރުން."
ޑެނިއަލް ނުހަނު ޝައުޤުވެރިކަމާއެކު އަޑުއައްސަވަން އިންނެވިއެވެ.
"އަހަރެމެން އީމާންވަނީ ހަމައެކަނި ﷲ އަކަށް ނޫން," ޒާއިމް އިތުރަށް ތަފްޞީލުކޮށްދެއްވިއެވެ. "އެކަލާނގެ މަލާއިކަތުންނަށާއި ބާވައިލެއްވި އެންމެހައި ފޮތްތަކަށާއި ފޮނުއްވި އެންމެހާ ރަސޫލުންނަށް އަހަރެމެން އީމާންވަން. ޑެނިއަލް..... އީސާއީން ގަބޫލުކުރަނީ އީސާގެ ފާނަކީ މާތް ރަސްކަލާނގެ ދަރިކަލެއްކަމަށް ނޫންތަ؟ ހަގީގަތުގައި އީސާ އަލައިހިއްސަލާމްއަކީ ﷲ ގެ މަތިވެރި ރަސޫލެއް. އަދި އެންމެ ފަހުގެ ނަބިއްޔާއަކީ މުޙައްމަދު ސައްލަﷲ އަލައިހި ވަސައްލަމް..... މުސްލިމަކަށް ވުމަށްޓަކައި ދުލުން ކިޔާލަންޖެހެނީ ޝަހާދަތުގެ ދެކަލިމަ..."
"أَشْهَدُ أَنْ لَا إِلٰهَ إِلَّا اللهُ وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ اللهِ"
"މާތް ﷲ ފިޔަވާ ހައްގުވެގެންވާ އެެހެން އިލާހަކު ނުވާކަމަށާއި މުހައްމަދުގެ ފާނަކީ ﷲގެ ރަސޫލާކަމަށް ހެކިވަމެވެ."
"މި ކަލިމަ ހިތުގެ އިޚްލާޞްތެރިކަމާއެކު ދުލުން ކިޔައިފިނަމަ އިންސާނާއަށް އޭނަގެ މާޒީގައި ކުރެވުނު އެންމެހައި ފާފަތަކެއް ފުއްސަވާ އަލުން އުފަންވި ކުއްޖެއް ފަދައިން މުޅިން ސާފުތާހިރުވެގެންދާނެ......"
"ޒާއިމް... އަޅުގަނޑުގެ ހިތް މިއަދު އެންމެ އެދެނީ އެ ސާފުކަމަށް....."ޑެނިއަލްގެ ދެލޯފުޅުން ކަރުނަ ފާއްދާލިއެވެ.
"އެކަން ވާނެ އިންޝާﷲ.... ޑެނިއަލްއަށް އެނގޭތަ؟" ޒާއިމް ހިނިފުޅުވަޑުވައިލައްވަމުން ވިދާޅުވިއެވެ. "ކީރިތި ޤުރްއާނަކީ އަހަރެމެންގެ ހިތްތަކަށް ޝިފާއެއް. އެ ފޮތުގައިވާ ކުރު ނަމަވެސް އިންތިހާއަށް ބާރުގަދަ ސޫރަތެއް ކިޔައިދެންތަ؟ އެއީ ސޫރަތުލް ފަލަގު....އެ ސޫރަތަކީ އެންމެހައި ނުބައިކަމަކުންނާއި ހަސަދަވެރިކަމުން އަދި ސިއްރުން ކުރެވޭ ނުބައި ކަންކަމުން ރައްކާތެރިކަން ހޯދުމަށް ކިޔަންވީ ސޫރަތެއް........."
ޒާއިމް އަސަރުގަދަ ރީތި ރާގަކަށް ސޫރަތުލް ފަލަޤު ކިޔަވައިވިދާޅުވާން ފެށްޓެވިއެވެ.
بِسْمِ اللهِ الرَّحْمٰنِ الرَّحِيمِ
قُلْ أَعُوذُ بِرَبِّ الْفَلَقِ ﴿١﴾ مِنْ شَرِّ مَا خَلَقَ ﴿٢﴾ وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ ﴿٣﴾ وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ ﴿٤﴾ وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ ﴿٥﴾
އެއަށްފަހު އެ ސޫރަތުގެ މާނަ ޑެނިއަލްއަށް ކިޔައިދެއްވިއެވެ.
ސޫރަތުގެ މާނަ އިވި ވަޑައިގަތުމުން ޑެނިއަލްގެ މުޅި ހަށިކޮޅަށް ފިނިކަމެއް ވެރިވެ ހިތްޕުޅަށް ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބިވަޑައިގަތެވެ. މެތިއުވެސް ބުރަކަށީގައި އަތްޖައްސާލައިގެން އިނދެ އުފަލުން ބޯޖަހާލިއެވެ.
"ޒާއިމް..." ޑެނިއަލް ވިދާޅުވިއެވެ. "އަޅުގަނޑު ކިޔަންވީ ކަލިމަ އަދި ވިދާޅުވެ ދެއްވާ..... ބޭނުން މިހާރުން މިހާރަށް އިސްލާމްވާން..."
ޑެނިއަލް ޝަހާދަތުގެ ދެކަލިމަ ވިދާޅުވެ އިސްލާމްދީނުގެ މާތް ނޫރުގެ ތެރެއަށް ވަދެވަޑައިގަތް ވަގުތު ކޮޓަރީގައިވާ އަލިފާންގަނޑުގެ އަލިން އެ މޫނުފުޅު އަލިވެގެން ދިޔައެވެ. ޒާއިމް އުފާފުޅުން ޑެނިއަލްގެ ނިތްކުރީގައި ބޮސްދެއްވިއެވެ.
"ޒާއިމް..." ޑެނިއަލް ވިދާޅުވިއެވެ. "މި ކަން އިހަށް މަންމައަށްވެސް ސިއްރުކުރަން އަޅުގަނޑު ގަސްދުކުރަން. މަންމައަށް މިއީ މުސްލިމުންގެ ޖާދޫއެއް ކަމަށް ހީވެ، ކަންތައްތައް ބޮޑުވެގެން ދާކަށް ބޭނުމެއް ނޫން. އަޅުގަނޑުގެ ފައިގެ ވާގި މުޅިން ރަނގަޅުވެ އަމިއްލައަށް ކޮޅަށް ތެދުވުމުން... މަންމައަށް ޙަޤީޤަތް ކިޔައިދީ މަންމަގެ ހިތްޕުޅުވެސް މި ދީނަށް ލެނބިވަޑައިގަންނަވާތޯ މަސައްކަތްކުރާނަން."
އެދެބޭފުޅުން ވާހަކަދައްކަވަން ފުރުސަތު ދީގެން ހުރި މެތިއު ކުރިއަށް ޖެހިލިއެވެ. އޭނާގެ ދެލޮލުން ކަރުނައިގެ އަސަރު ފެންނަން ހުއްޓެވެ.
"ޑެނިއަލް.. ޒާއިމް..." މެތިއުގެ އަޑުގައިވަނީ ފުން އަސަރެކެވެ. "މާތްﷲ ގެ ކުޅަދުންވަންތަކަމާއެކު މި ކޮޓަރީގެ ތެރޭގައި މި ހިނގަނީ ކޮންފަދަ ބޮޑު މުޢުޖިޒާތެއްކަން ތިޔަ ދެކުދިންނަށް އެނގޭތަ؟"
ޒާއިމްއާއި ޑެނިއަލް ހައިރާންފުޅުވެފައި މެތިއުއަށް ބަލަހައްޓަވައިގެން ތިއްބެވިއެވެ.
"ޒާއިމް..." މެތިއު ޒާއިމްގެ ކޮނޑުގައި އަތްޖައްސާލިއެވެ. "މަނިކުފާނުގެ ކުރިމަތީގައި އެނދުދާންކޮޅުގައި މި އިންނެވީ ހަމައެކަނި އީސާއީ ރަސްގެފާނުގެ މާފަ ދަރިއެއް ނޫން. އެއީ... ޒާއިމްގެ އެއްބަނޑު ކޮއްކޮ..."
"ކީކޭ...؟"ޒާއިމްގެ ނޭވާ ތަންކޮޅެއް އަވަސްވިއެވެ.
"އާނ ޒާއިމް..." މެތިއު ތަފްސީލުކޮށްދިނެވެ. "ކެތުރިންއަކީ ޒާއިމްގެ އުފަން މަންމަ...ޒައިމް ކުޑައިރު ގެއްލުނުފަހުން އެހެން ކައިވެންޏަކުން ކެތުރިންއަށް ލިބުނު ދެވަނަ ދަރިފުޅަކީ ޑެނިއަލް. ތިޔަ ދެކުދިންގެ މަންމައަކީ ކެތްރީން..ތިއީ ދެބެއިން.."
އެ ބަސްތައް އިވިވަޑައިގަތުމާއެކު ޒާއިމްއާއި ޑެނިއަލްގެ ދެލޯފުޅު ބޮޑުވެ އެކަކު އަނެކަކަށް ބަލައިލެވުނެވެ. ޒާއިމްގެ ހިތްޕުޅުގައި ކުރިންވެސް ޑެނިއަލްއާމެދު އުފެދުނު ޢަޖައިބެއްފަދަ ގާތްކަމުގެ ސިއްރު މިއަދު ފަޅާއެރީއެވެ.
"އެހެންވީމާ..." މެތިއު ނަޞޭޙަތުގެ ރާގުގައި ބުންޏެވެ. "އަނިޔާވެރިކަމާއި، ޙަސަދަވެރިކަމުން ފުރިގެންވާ މި ގަނޑުވަރުގެ ތެރޭގައި މާތްﷲ ތިޔަ ދެބެއިން އެއްފުރާޅެއްގެ ދަށަށް ގެންނަވައިފި.... ޒާއިމްގެ މަންމަ ކެތުރިން ޒާއިމް މުސްލިމަކަށްވީތީ ނަފުރަތުކުރިޔަސް އެ މަންމަގެ ހިތުގައި ދަރިފުޅަށްޓަކާ ވާ މައިވަންތަކަމުގެ ލޯބި ނިވިގެނެއް ނުދޭ. ޒާއިމްގެ ކޮއްކޮ ޑެނިއަލްއަށް ފަރުވާކޮށް އޭނާ ސަލާމަތްކުރުމަކީ މަންމައަށް ދެވޭނެ އެންމެ ބޮޑު ހަދިޔާ. ޑެނިއަލް... ބޭބެ ޒާއިމް ގަނޑުވަރުގެ ޖަލުން މިނިވަންކުރުމުގައި ފުރިހަމަ އެހީތެރިކަން ދޭންޖެހޭނެ...."
ޒާއިމްގެ ދެލޯފުޅުން ކަރުނަ ފާއްދާލިއެވެ. އެމަނިކުފާނު ޑެނިއަލްގެ ހަށިކޮޅުގައި ބާރަށް ބައްދާލެއްވިއެވެ. ދެބެއިންގެ ހިތުގެ ތެޅުން އެކުވެ އަޚުވަންތަކަމުގެ ކަރުނުން ދެބޭފުޅުންގެ ކޯތާފަތް ތެމިގެން ދިޔައެވެ.
***
ކޮޓަރީގެ އެއްފަރާތުގައި އަނދަމުންދިޔަ އާލިފާންގަނޑުގެ މަޑު ރަންކުލައިގެ އަލީގެ ތެރޭގައި ޒާއިމް އިންނެވީ ނަމާދުކޮށް ނިންމަވައިގެން ދުޢާއަށް އަތްޕުޅުއުފުލައިގެންނެވެ.
މެތިއުގެ ފަރާތުން ހާލާ އާލާސްވެ އިންނެވިކަން އެނގިވަޑައިގަތުމުން ޒާއިމްގެ ހިތްޕުޅުގައި ވަނީ ބަޔާން ނުކުރެވޭފަދަ އުފާވެރިކަމާއި ﷲއަށް ކުރެވޭ އިންތިހާގެ ޝުކުރުވެރިކަމެވެ. އެމަނިކުފާނުގެ ދެލޯފުޅުން އޮހެމުން ދިޔަ ކަރުނަތަކާއެކު ހިތްޕުޅުން ދުޢާކުރަައްވަމުންދިޔައެވެ.
"ޔާ ﷲ... އަޅުގަނޑުގެ ހާލާއާއި، އަޅުގަނޑުގެ ދަރިފުޅު ރައްކާތެރިކުރައްވާފާނދޭ.... އަޅުގަނޑުމެން އަލުން ބައްދަލުވާނެ ދުވަހެއް މިންވަރުކުރައްވާފާނދޭ....."
ޒާއިމް ނަމާދު ނިންމަވާލުމަށްފަހު ފުން ވިސްނުންފުޅަކަށް ގެއްލި ވަޑައިގަތެވެ. ޑެނިއަލްއަށް ފުރިހަމައަށް ހިނގެންދެން އެމަނިކުފާނު މި ގަނޑުވަރުގައި ކެތްތެރިވާންޖެހޭނެއެވެ. އެއާއެކު ސިކުނޑީގައި އެކި ޚިޔާލުތައް އެނބުރެން ފެށިއެވެ. އެމަނިކުފާނު މުސްލިމުންގެ ޝާހީ އާއިލާއަށް ނިސްބަތްނުވާކަމާއި އުފަން މަންމައަކީ އީސާއީ ރަސްދަރިކަނބަލެއްކަމަށްވާ ކެތުރިންކަން އެނގި ވަޑައިގަތުމުން ހިތްޕުޅަށް ބަޔާންކުރަންދަތި އަސަރުތަކެއް ކުރިއެވެ.
އެމަނިކުފާނުގެ ތުއްޕުޅުއިރުގެ ހަނދާންތަކުގައިވަނީ ޖަޒީރާއެވެ. މުސްލިމުންގެ ރަސްގެފާނު ޣާޒީގެ ފުރަތަމަ އަނބިކަނބަލުން ޖަޒީރާއަކީ އުފަން މަންމަ ނޫންކަމުގައިވިޔަސް އެމަނިކުފާނަށް ދެއްވި ލޯތްބާއި އޯގާތެރިކަމުގެ ހަނދާންތައް ސިކުނޑީގައި އާވި އެވެ. ހަގީގަތަކީ އެމަނިކުފާނަކީ އީސާއީ ޝާހީ ޚާންދާނަށް ނިސްބަތްވާ ބޭފުޅެކެވެ.
"ބުތައިނާ މުޅި ހަޔާތުގައި އޭނާގެ ދަރިފުޅު އާލަމްއަށް ތަޚުތު ހޯދައިދޭން އެކުރި މަސައްކަތާއި މުސްލިމުންގެ ޝާހީ އާއިލާގެ ލޭގެ ޙައްޤުގައި ކުރި ދައުވާގެ ޙަޤީޤަތަކީ މިއީދޯ؟' ޒާއިމް ހިތްޕުޅަށް އެރިއެވެ.
ކޮޓަރީގެ ބޮޑު ދޮރު މަޑުމަޑުން ހުޅުވުނެވެ.
ކޮޓަރިއަށް ވެދެވަޑައިގަތީ ކެތްރިން އެވެ. އެކަމަނާ ގެންނެވި ތަބަކުގައި ވީ ހޫނު ގަހުވަ ތަށްޓެކެވެ.
ކެތުރިން މަޑުމަޑުން އެތެރެއަށް ވަދެވަޑައިގެން ތަބައް މޭޒުމަތީގައި ބެހެއްޓެވިއެވެ. އެކަމަނާގެ ނަޒަރު ސީދާ ހުއްޓުނީ ނަމާދުކުރަން ބޭނުންކުރި ފޮތިގަނޑުމަތީގައި އިންނެވި ޒާއިމްގެ މޫނުފުޅަށެވެ. ކެތުރިންގެ ދެލޯފުޅުވެސް ކަރުނުން ބަރާވިއެވެ. އެކަމަނާގެ މައިވަންތަކަމުގެ ހިތް އެކަމަނާގެ އުފަން ދަރިކަލުންނަށްޓަކާ ކީރިތި ކުރެއްވިއެވެ. އެކަމަނާ ބޭނުންފުޅުވީ އެ ދަރިކަުން މޭގައި ޖައްސަވާ، "މިއީ މަންމައޭ" ވިދާޅުވެ ގޮވާލެއްވުމަށެވެ. ނަމަވެސް ފާރިސްގެ އިންޒާރު ހަނދާންވުމުން އެކަމަނާ ކެތްކުރެއްވިއެވެ.
ޒާއިމްވެސް އިސްއުފުލައި ކެތުރިންއަށް ބައްލަވާލެއްވިއެވެ.
އެކަކު އަނެކަކަށް ނަޒަރު ސީދާވެގެން ދިޔަ ވަގުތު މުޅި ކޮޓަރިއަށް ބަޔާންކުރަންދަތި ހިމޭންކަމެއް ވެރިވިއެވެ. ދުލުން އެއްވެސް ބަހެއް ވިދާޅުނުވިކަމުގައިވިޔަސް، ދެބޭފުޅުންގެ ލޯފުޅުން އޮހެމުންދިޔަ ހިމޭން ކަރުނަތަކުން މައިވަންތަކަމާއި ދަރިވަންތަކަމުގެ ވަރުގަދަ އިޙްސާސް ބަދަލުވެގެން ދިޔައެވެ.
ޒާއިމްއަށްވެސް މެތިއުގެ ފަރާތުން ކެތުރިންއަކީ އެމަނިކުފާނުގެ އުފަން މަންމާފުޅުކަން އެނގިވަޑައިގެންފައިވާތީ ހިތްޕުޅުގައި ކެތުރިންއާމެދު އޮތް ނަފުރަތު މުޅިން ފިލައި އޯގާތެރިކަމާއި ހިތާމަވެރި އަސަރުތަކެއް އުފެދުނެވެ. ނަމަވެސް، ގަނޑުވަރުގެ ނުރައްކާތެރިކަން އެނގިވަޑައިގެންފައިވާތީ ޒާއިމްވެސް އެކަން ސިއްރުކުރެއްވިއެވެ.
ކެތުރިން ލޯތްބާއި ކުލުނުން ފުރިފައިވާ ނަޒަރަކާއެކު ވިދާޅުވިއެވެ. "ގަހުވަ.. ފިނިވުމުގެ ކުރިން ބޯލާ..."
"ޝުކުރިއްޔާ..." ޒާއިމް މަޑުމައިތިރިކަމާއެކު ޖަވާބުދެއްވިއވެެ.
ކެތުރިން ޒާއިމްގެ މޫނަފުޅަށް ފުންކޮށް ބައްލަވައިލެއްވުމަށްފަހު ދެލޯފުޅުން ކަރުނަފޮދު ފައިބާ ހާލުގައި ކޮޓަރިން ނުކުންނަން ދިޔައެވެ. ދޮރާއި ހަމައަށް ވަޑައިގެންފައި ފަސްއެނބުރި ބައްލަވާލެއްވިއެވެ.
ނުނިމޭ