އައިފޯން ޑުއޯ އޯޑަރު ކުރެވޭ އަދަދު އެޕަލްއިން ލިމިޓްކޮށްފި

ލޯންޗުކުރާ ދުވަހު ޕްރީ-އޯޑަރު ނުކޮށް ފިހާރަތަކަށް އަންނަ ކަސްޓަމަރުންނަށް ފޯނު ނުލިބޭނެ ---

އެޕަލް ކުންފުނިން އަލަށް ނެރުމަށް ތައްޔާރުވަމުންދާ އެ ކުންފުނީގެ ފުރަތަމަ ފޯލްޑަބަލް ފޯނު، "އައިފޯން ޑުއޯ" އަށް އޯޑަރު ކުރެވޭ އަދަދު ކަސްޓަމަރުންނަށް ލިމިޓްކޮށްފިއެވެ.

އެގޮތުން ކޮންމެ ކަސްޓަމަރަކަށްވެސް މިހާރު ޕްރީ-އޯޑަރު ކުރެވޭނީ ގިނަވެގެން ދެ ފޯނެވެ. މިއީ އެޕަލްއާއި އެ ކުންފުންޏަށް ބައިތައް އުފައްދައިދޭ ކުންފުނިތަކަށް އައިފޯން ޑުއޯ އުފެއްދުމުގައި ދިމާވެފައިވާ ސަޕްލައި ޝޯޓޭޖް ނުވަތަ ތަކެތި ލިބުމުގެ ދަތިތަކާ ގުޅިގެން އަޅާފައިވާ ފިޔަވަޅެކެވެ.

މި މަހުގެ 16 ވަނަ ދުވަހު ޕްރީ-އޯޑަރަށް ހުޅުވާލި މި ފޯނު ރަސްމީކޮށް ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ މިއަންނަ ހުކުރުދުވަހުއެވެ. ނަމަވެސް، ފޯނު އުފެއްދުމުގައި ދިމާވެފައިވާ ގޮންޖެހުންތަކާ ހުރެ ފޯނު ލިބުން ލަސްވަމުންދާތީ، އެޕަލްއިން ވަނީ އެމެރިކާގެ އިތުރުން ޗައިނާ، ސިންގަޕޫރު، ހޮންކޮންގް އަދި އިންޑިއާގައިވެސް އެކަކަށް ގަނެވޭނެ އެންމެ ގިނަ އަދަދަކީ ދެ ފޯނު ކަމުގައި ހަމަޖައްސާފައެވެ.

https://sun.mv/229349

އެޕަލްގެ ވެބްސައިޓާއި އެޕަލް ސްޓޯރު އެޕް މެދުވެރިކޮށް ދެ ފޯނަށްވުރެ ގިނައިން ކާޓަށް އިތުރުކުރަން އުޅުމުން، ކާޓުގައިވާ ފޯނުގެ އަދަދު މަދުކުރުމަށް އެދޭ މެސެޖެއް ދައްކައެވެ. ރެޑިޓްގައި އާންމުވެފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، އޮކްޓޯބަރު 16 ގައި ޕްރީ-އޯޑަރު ހުޅުވާލި އިރު މިފަދަ ލިމިޓެއް ކަނޑައަޅާފައެއް ނުވެއެވެ. މި ފިޔަވަޅަކީ ފޯނުތައް ގިނައިން ގަނެގެން ބޮޑު އަގުގައި އަލުން ވިއްކާ މީހުން (ސްކެލްޕަރުން) ހުއްޓުވުމަށް އެޕަލްއިން އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

އިންޑިއާގައި އައިފޯން ޑުއޯގެ އަގު އުޅެނީ 299,900 އިންޑިއަން ރުޕީސްއިން ފެށިގެންނެވެ. މިހާރު އިންޑިއާއިން އޯޑަރުކުރާ ފޯނުތައް ޝިޕްކުރެވޭނެ ކަމަށް ދައްކަނީ 2027 ވަނަ އަހަރުގެ ޖަނަވަރީ 23 ގައެވެ. ނަމަވެސް، ކްރޯމާ ފަދަ ރީޓޭލަރުންގެ އަތުގައި ސްޓޮކް ހުރި 256 ޖީބީގެ މޮޑެލް އޮކްޓޯބަރު 29 ގައި ޝިޕްކޮށްދޭނެ ކަމަށް ވަނީ ބުނެފައެވެ.

ޚަބަރުތައް ބުނާގޮތުގައި، ލޯންޗުކުރާ ދުވަހު ޕްރީ-އޯޑަރު ނުކޮށް ފިހާރަތަކަށް އަންނަ ކަސްޓަމަރުންނަށް ފޯނު ލިބެން ނުހުންނާނެތީ، ފިހާރަތަކަށް ނައުމަށް އިރުޝާދު ދިނުމަށް އެޕަލްގެ މުވައްޒަފުންނަށް ވަނީ އަންގާފައެވެ. އަދި ކުރިން އޯޑަރުކޮށްގެން އަންނަ އަހަރުގެ ޖަނަވަރީގައި ފޯނު ލިބޭނެ ކަމަށް ދެއްކި ކަސްޓަމަރުން، އޮކްޓޯބަރު 24 ގައި އަލުން އޯޑަރުގެ ސްޓޭޓަސް ޗެކްކުރުމަށް އެޕަލްއިން ވަނީ އެދިފައެވެ. ސަބަބަކީ ސްކެލްޕަރުންގެ އޯޑަރުތައް ކެންސަލްކުރުމާއެކު އަވަހަށް ފޯނު ލިބުމުގެ ފުރުޞަތު ބޮޑުވުމެވެ.

އައިފޯން ޑުއޯގެ މުހިންމު ސްޕެސިފިކޭޝަންތަކަށް ބަލާއިރު، މައި ޑިސްޕްލޭގައި 7.60 އިންޗި އަދި ކަވަރު ޑިސްޕްލޭގައި 5.40 އިންޗި ހުރެއެވެ. އެޕަލްގެ އޭ20 ޕްރޯ ޕްރޮސެސަރާއެކު އަންނަ މި ފޯނުގައި 12 ޖީބީ ރޭމް އަދި 256 ޖީބީގެ ސްޓޯރޭޖް ހިމެނެއެވެ. ފަހަތުގައި 48 މެގަޕިކްސެލްގެ ދެ ކެމެރާ ހިމެނޭއިރު، ފޯނު ހިންގަނީ އައިއޯއެސް 27 އޮޕަރޭޓިންގ ސިސްޓަމްގައެވެ.

comment ކޮމެންޓް