މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ސްޓެލްކޯގެ މުވައްޒަފުންގެ މައުލޫމާތު ހޯދަން އެދުނު ފަރާތެއްގެ ޝަހްސު ކަށަވަރުނުވާ ކަމަށް ބުނެ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން (އައިކޮމް) ނިންމި އިޖުރާއީ ނިންމުމަކާ ދެކޮޅަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
މި މައްސަލައަކީ 17 ނޮވެމްބަރު 2023 އިން ތިނެއް ޖުލައި 2024 އާ ދެމެދު ސްޓެލްކޯއަށް ވަޒީފާއަށް ނެގި އަދި ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ އަދަދާއި، މަޤާމާއި، މުސާރައާއި އެލަވަންސްތަކުގެ ތަފްސީލު ހޯދުމަށް "މަހޯލި" ޕޯޓަލް މެދުވެރިކޮށް އަމިއްލަ ފަރާތަކުން އެދުމުން އުފެދުނު މައްސަލައެކެވެ. އެ މައުލޫމާތު ހޯދުމަށް "މުޙައްމަދު ޝަރުހާން" ގެ ނަމުގައި ހުށަހެޅުމުން، މައުލޫމާތު ދޭނެ ކަމަށް ބުނެ ސްޓެލްކޯއިން ވަގުތު އިތުރުކުރުމަށްފަހު މައުލޫމާތު ފޯރުކޮށްދީފައެއް ނުވެއެވެ. އެހެންކަމުން އެ ފަރާތުން އައިކޮމްއަށް ޝަކުވާ ހުށަހެޅިއެވެ.
އައިކޮމްގައި މައްސަލަ ހިނގަމުން ދަނިކޮށް ސްޓެލްކޯއިން އިޖުރާއީ ގޮތުން ސުވާލު އުފެއްދީ، މައުލޫމާތަށް އެދުނު ފަރާތުގެ ނަމަކީ ވުޖޫދުގައިވާ ތަބީއީ ޝަހްސެއް ނޫން ކަމަށާއި، ޝަހްސު ކަށަވަރުނުވާ ފަރާތަކުން ހުށަހަޅާ މައްސަލައެއް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. ނަމަވެސް އައިކޮމްއިން ނިންމީ ޝަކުވާ ކުރިއަށް ގެންދިއުމަށް އެފަދަ ހުރަހެއް ނެތް ކަމަށެވެ. އަދި އޭގެ ފަހުން އެ ފަރާތުން ވަނީ އޭނާގެ ފުރިހަމަ ނަމަކީ "މުޙައްމަދު ޝަރުހާން ވަޙީދު" ކަމަށް ބަޔާންކޮށް އައިކޮމްއަށް މައުލޫމާތު ފުރިހަމަކޮށްދީފައެވެ.
އައިކޮމްގެ އެ އިޖުރާއީ ނިންމުން ބާޠިލުކުރަން ސްޓެލްކޯއިން ހައިކޯޓަށް ދިޔައީ މުޅި މައްސަލައިގައި އައިކޮމްއިން ގޮތެއް ނުނިންމަނީހެވެ.
ހައިކޯޓުގެ ފަނޑިޔާރު ޙުޒައިފާ މުޙައްމަދު، ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ އަދި ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން ބެއްލެވި މި މައްސަލައިގެ ހުކުމުގައި ފާހަގަކުރައްވާފައިވާ މައިގަނޑު ކަންކަމުގެ ތެރޭގައި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި ގަވާއިދު ބަޔާންކުރާ ގޮތުގައި، ހުށަހެޅުމެއްގައި އުނިކަމެއް އޮތް ނަމަވެސް އެކަން ރަނގަޅުކުރުމުގެ ފުރުސަތު ދިނުމަކީ މައުލޫމާތު ދޭ އިދާރާގެ (ސްޓެލްކޯގެ) ޒިންމާއެކެވެ. އެ ފުރުސަތު ނުދީ އަދި ކުރިން މައުލޫމާތު ދޭނެ ކަމަށް އެއްބަސްވުމަށްފަހު، ފަހުން ޝަހްސާމެދު ސުވާލު އުފެއްދުމަކީ ޤާނޫނު ތަޞައްވަރުކުރާ ހަމައެއް ނޫން ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.
އަދި އައިކޮމްގެ މަރުހަލާގައި އެ ފަރާތުގެ ފުރިހަމަ ނަން ބަޔާންކޮށް އިސްލާހުކޮށްފައިވާތީ، މައްސަލަ ކުރިއަށް ގެންދިއުމަށް އެއްވެސް ޤާނޫނީ ހުރަހެއް ނެތް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މީގެ އިތުރުން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ހައިކޯޓަށް މައްސަލަ ހުށަހެޅޭނީ "އެ މައްސަލައެއް ނިންމި ތާރީޚުން" ފެށިގެން ކަމަށާއި، މައްސަލައިގެ ތެރެއިން ނިންމާ ވަގުތީ ނުވަތަ އިޖުރާއީ ނިންމުންތަކުގައި ޝަރީއަތަށް އައުމަކީ މައްސަލަ ދިގުދަންމައި ވަގުތު ބޭކާރުކުރުމަށް މަގުފަހިވާނެ ކަމެއް ކަމަށް ހައިކޯޓުން ކަނޑައެޅިއެވެ.
އެހެންކަމުން، އައިކޮމްއިން މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމި އިޖުރާއީ ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއް ނޫން ކަމަށާއި، ސްޓެލްކޯއިން އެދިފައިވާ އެއްވެސް ކަމެއް އެގޮތަށް ކަނޑައަޅައިދެވެން ނެތް ކަމަށް ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ހުކުމްކުރައްވާފައެވެ.