މުބާރާތުގެ ހުރިހާ މެޗެއްވެސް ކާމިޔާބުކޮށް، ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކުލަބުން ހޯދައިފިއެވެ.
މުބާރާތުގެ ފަހު މެޗުގައި ކުލަބް އެޗްޑީސީއާ ވާދަކޮށް، ދިވެހި ސިފައިންގެ ކުލަބު މޮޅުވެފައިވަނީ ތިން ސެޓު އެއް ސެޓުންނެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލުގައި ކުުޅުނު މިމެޗުގެ ސެޓުތައް ސިފައިންގެ ކުލަބުން ގެންގޮސްފައި ވަނީ 26-24، 16-25، 24-26 އަދި 21-25 އިންނެވެ.
މެޗުގެ ފުރަތަމަ ސެޓުގައި ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. އިދިކޮޅު ޓީމުން ރަނގަޅު ލީޑެއް ނަގާއިރަށް ފަހަތުން އަރައި ދެ ޓީމުންވެސް ވަނީ އެންމެ ފަހު ޕޮއިންޓާ ހަމައަށްވެސް ސެޓުގެ ވާދަވެރިކަން ހިފަހައްޓާފައެވެ. ނަމަވެސް ދެވަނަ ސެޓުގައި ފެނިގެންދިޔައީ ސިފައިންގެ ކުލަބުން މުޅި ސެޓު ޑޮމިނޭޓުކުރި ތަނެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ ފަހު މެޗުގައި ދިވެހި ސިފައިންގެ ކުލަބާއި ކުލަބް އެޗްޑީސީ ބައްދަލުކުރި މެޗުގެ ތެރެއިން-- ސަން ފޮޓޯ: މުޙައްމަދު ޝާންފަހު ދެ ސެޓުގެ ކުޅުންވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ސިފައިންގެ ކުލަބުން ކުޅުނު ހަތަރު މެޗުވެސް ކާމިޔާބުކުރިއިރު، މީގެ ކުރިން އެޗްޑީސީ ބަލިވެފައިވަނީ ޕޮލިސް ކުލަބް އަތުން އެކަންޏެވެ.
ގައުމީ ވޮލީބޯޅަ ލީގުގެ ފިރިހެން ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ ޙުސައިން ރައްޒާނެވެ. އެންމެ މޮޅު 21 އަހަރުން ދަށުގެ ކުޅުންތެރިޔާގެ މަގާމު، ޕޮލިސް ކުލަބުގެ އަޙްމަދު އިލްހާމް ޢަލީ ހޯދިއިރު، މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމު ހޯދާފައިވަނީ ދިވެހި ސިފައިންގެ ކުލަބުގެ ހެޑް ކޯޗު، ޖުނައިދު ޢަބްދުﷲއެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ހުރާ ކޮމިއުނިޓީ ކުލަބާއި ކުލަބް ވެމްކޯއެވެ. އަދި މާދަމާރޭ ބައްދަލުކުރާނީ ޕޮލިސް ކުލަބާއި ސިޓީ ފްރެންޑްސް ކުލަބެވެ.
މުބާރާތުގެ ހުރިހާ މެޗެއްވެސް ސަން ޕްލޭ އެޕް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާނެއެވެ. މެޗުގެ ޓިކެޓުގެ އަގަކީ ސޯޝަލް ސެންޓަރަށް ދުރުވާނަމަ 30 ރުފިޔާ އަދި އޮންލައިންކޮށް، ސަން ޕްލޭ އެޕް މެދުވެރިކޮށް ބައްލަވާނަމަ 25 ރުފިޔާއެވެ.