ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ގެ 3,897 ކަސްޓަމަރެއްގެ އަމިއްލަ މައުލޫމާތު ޑާކް ވެބްއިން ފެނުމާ ގުޅިގެން، މައުލޫމާތު ލީކުވި ކަމަށް ޝައްކުކުރެވޭ ހާދިސާއެއް އެ ބޭންކުން ތަޙުޤީޤު ކުރަން ފަށައިފިއެވެ. މި ހާދިސާއާ ގުޅޭގޮތުން އެސްބީއައިއަށް މަޢުލޫމާތު ލިބިފައިވަނީ ފާއިތުވި ހަފުތާގެ ތެރޭގައެވެ.
އެސްބީއައިއިން އޮކްޓޫބަރު 21 ގައި ސްޓޮކް އެކްސްޗޭންޖަށް ހުށަހެޅި ލިޔުމެއްގައި ބުނެފައިވާ ގޮތުން، މި ހާދިސާގެ އިންޒާރު އެ ބޭންކަށް އެންމެ ފުރަތަމަ ލިބިފައިވަނީ އޮކްޓޫބަރު 16 ވަނަ ދުވަހެވެ. މި އިންޒާރުތައް ލިބިފައިވަނީ ބޭންކުގެ ތުރެޓް އިންޓެލިޖެންސް ސާވިސް ޕްރޮވައިޑަރާއި، ޑިފެންސް ސައިބާ އެޖެންސީގެ އިތުރުން އިންޑިއަން ކޮމްޕިއުޓާ އެމަޖެންސީ ރެސްޕޮންސް ޓީމު (ސާޓް-އިން) ގެ ފަރާތުންނެވެ.
ޑާކް ވެބްއިން ފެނުނު ސާމްޕަލްތަކުގެ ތެރެއިން ގާތްގަނޑަކަށް 375,000 ރެކޯޑު އެސްބީއައިއިން ބަލައި ފާސްކުރިއިރު، އޭގެ ތެރެއިން 3,897 ރެކޯޑެއްގައި ކަސްޓަމަރުންގެ އަމިއްލަ މައުލޫމާތު ހުރިކަން ވަނީ ކަށަވަރުވެފައެވެ. މި ރެކޯޑުތަކުގެ ތެރޭގައި ކަސްޓަމަރުންގެ ނަމާއި، އުފަން ތާރީޚާއި، ޖިންސާއި، ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރާއި، އީމެއިލް އެޑްރެހާއި، ގޭގެ އެޑްރެސް ހިމެނެއެވެ. މީގެ އިތުރުން ބްރާންޗް އައިޑީ، ކަސްޓަމާ އިންފޮމޭޝަން ފައިލް (ސީއައިއެފް) އައިޑެންޓިފަޔާ، ފީޑް އައިޑީ އަދި ލޯނުތަކާ ގުޅޭ މައުލޫމާތުތައްވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި ހާދިސާއާ ގުޅިގެން އެސްބީއައިއިން ވަނީ އެ ބޭންކުގެ ސައިބާ އިންސިޑެންޓް ރެސްޕޮންސް އަދި ކޮންޓެއިންމަންޓް އުސޫލުތައް ވަގުތުން އެކްޓިވޭޓްކޮށްފައެވެ. އަދި ސާޓް-އިން އިން ގަބޫލުކުރާ މިނިވަން ސައިބާ ސެކިއުރިޓީ އެޖެންސީއެއް އައްޔަންކޮށް، މައުލޫމާތު ލީކުވި ގޮތާއި އޭގެ ފުޅާމިން ދެނެގަތުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
އެސްބީއައިއިން މިހާރު ދަނީ ލީކުވި ކަމަށް ބުނާ މައުލޫމާތުތަކުގެ ސައްހަކަމާއި ފުރިހަމަކަން ކަށަވަރުކުރުމުގެ އިތުރުން، އެ މައުލޫމާތުތައް ނެގި މޫލަ ދެނެގަތުމަށާއި ކަސްޓަމަރުންނާއި ބޭންކަށް ކުރިމަތިވެދާނެ ނުރައްކާތައް ވަޒަންކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަނުދިނުމަށް ޓަކައި އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.
މި ހާދިސާއާ ގުޅިގެން އެސްބީއައިގެ މާލީ ހާލަތަށް ނުވަތަ މައިގަނޑު ވިޔަފާރި އޮޕަރޭޝަންތަކަށް އަދި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ގާބިލުކަމަށް އެއްވެސް ބުރޫއެއް އެރުމެއް ނެތް ކަމަށް އެ ބޭންކުން ބުނެއެވެ. އަދި ބޭންކުގެ ކޯ ބޭންކިން ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއް ނެތި އާންމު އުސޫލުން ކުރިއަށްދާ ކަމަށް ވެސް އެސްބީއައިއިން ވަނީ ކަށަވަރުކޮށްދީފައެވެ.