ގިނަ ދުވަސްތަކަކަށް ފަހު، ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ވަޑައިގަތުމުން ރައްޔިތުން އުފާކުރޭ: ޒަރްދާރީ

ޕާކިސްތާނުގެ ރައީސާއި ރައީސް މުއިއްޒު ސަލާންކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް

ގިނަ ދުވަސްތަކަކަށް ފަހު، ރާއްޖޭގެ ރައީސަކު ގުޅުން ބަދަހި ކުރުމުގެ ގޮތުން ޕާކިސްތާނަށް ވަޑައިގަތުމުން އެ ގައުމުގެ ރައްޔިތުން އެ ކަމާ އުފާކުރާ ކަމަށް އެ ގައުމުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ ވިދާޅުވެއްޖެއެވެ.

މިއަދުގެ ނިޔަލަށް ޕާކިސްތާނަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރޭ ވަނީ، ޕާކިސްތާނުގެ ރައީސާ ބައްދަލުކުރައްވާފައެވެ.

ޕާކިސްތާނުގެ ރައީސްގެ ރަސްމީ ގަނޑުވަރުން ރައީސްގެ ދެ ކަނބަލުންނަށް މަރުހަބާ ދެންނެވީ، ޒަރްދާރީއާއި ފަސްޓް ލޭޑީ އަދި ނޭޝަނަލް އެސެމްބްލީގެ މެންބަރު އަސީފާ ބުއްޓޯ ޒަރްދާރީއެވެ.

ޕާކިސްތާނުގެ ރައީސާއި ރައީސް މުއިއްޒު ބައްދަލުކުރައްވަނީ --- ފޮޓޯ/ ރައީސް އޮފީސް

ޕާކިސްތާނުގެ ރައީސް ވަނީ، އެ ގައުމަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވިކަމަށްޓަކައި ޝުކުރު އަދާކުރަވާފައެވެ. އަދި، މިދަތުރުފުޅަކީ އޭގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނޭ ދަތުރުފުޅެއްކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ވަފުދަށް ޕާކިސްތާނުން އެރުވި މެހެމާންދާރީއަށް ޝުކުރުދަންނަވާފައެވެ.

ރައީސް ޒަރްދާރީގެ ވާހަކަފުޅުގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީވެފައިވާ މިންވަރަށް އަލިއަޅުވާލައްވަމުން ވަނީ، ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރެވޭނެ ކަމުގެ ޔަޤީންކަން އޮތްކަން ފާހަގަކުރައްވާފައެވެ.

މީގެއިތުރުން، ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު، ދެ ގައުމުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން މިފަދަ ދަތުރުފުޅެއް ކުރެއްވުމުގެ ސަބަބުން ޕާކިސްތާނުގެ ރައްޔިތުން އެކަމާ އުފާކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ، ދެ ގައުމުގެ މެދުގައި އޮތް ތާރީޚީ އަދި އަޚުވަންތަ ގުޅުމަށް ބައްލަވާލައްވާފައެވެ. އަދި، ވިޔަފާރި، ތަޢުލީމު، ސިއްހީ، އަދި ތަމްރީނުގެ ދާއިރާއިން އިތުރަށް ގުޅުން ހަރުދަނާކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ދެ ބޭފުޅުން ވެސް ވަނީ ދޭދޭ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން ކުރިމަގުގައި ވެސް އިތުރަށް ބަދަހިކުރެއްވުމުގެ ޔަޤީންކަން އާކުރައްވަމުންނެވެ.

comment ކޮމެންޓް