ހަމަލާތަކުގެ ނުރައްކާ ބޮޑުވުމުން، ސައޫދީގައި ތިބި އެމެރިކާގެ ބައެއް ޑިޕްލޮމެޓުން އަނބުރާ ގައުމަށް ގެންދަނީ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާއި ސައުދީ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރުހާން މީގެ ކުރިން ބައްދަލުކުރެއްވުން -- ފޮޓޯ/ ރޮއިޓާސް

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން އެ ގައުމުގެ ބައެއް ޑިޕްލޮމެޓުންނާއި ސަރުކާރު މުވައްޒަފުންގެ އާއިލާތައް ސައޫދީ އަރަބިއްޔާ ދޫކޮށް ދިޔުމަށް އިއްޔެ އަންގައިފިއެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، ރިޔާޟުގައި ހުންނަ އެމެރިކާގެ އެމްބަސީއާއި ކޮންސިއުލޭޓްތަކުގެ ކޮންމެހެން ތިބެން ނުޖެހޭ މުވައްޒަފުންނާއި އާއިލާތައް އެ ގައުމު ދޫކޮށް ދާން އެންގީ އީރާންގެ އެހީތެރިކަން ލިބޭ ޔަމަނުގެ ހޫޘީންގެ ހަމަލާތަކާ ގުޅިގެންނެވެ. އެ ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް އިއްޔެ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހޫޘީން މަދަނީ އެއާޕޯޓުތަކަށާއި މުހިންމު ވަސީލަތްތަކަށް ދޭ ހަމަލާތައް އިތުރުވެ، އާންމުންނަށް ގެއްލުންވެ ދަތުރުފަތުރަށް ބުރޫއަރާފައިވާ ކަމަށެވެ. ޕިގޮޓް ވަނީ، އެމެރިކާގެ މުވައްޒަފުންނާއި އާއިލާތަކުގެ ރައްކާތެރިކަމަކީ އެ ޑިޕާޓްމަންޓުން އެންމެ އިސްކަންދޭ ކަންތައް ކަމަށް ވިދާޅުވެފައެވެ.

އެހެންނަމަވެސް، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)، އުރުދުން، ގަތަރު އަދި ބަހްރެއިންގައި ތިބި ޑިޕްލޮމޭޓުންގެ އާއިލާތައްވެސް އަނބުރާ ގައުމަށް ގެންދާ ކަމަށް ބުނާ ރިޕޯޓުތައް ދޮގުކުރައްވައި އޭނާ ވަނީ، އެ އެންގުން ނެރުނީ ހަމައެކަނި ސައޫދީ އަރަބިއްޔާއަށް ކަމަށް ވިދާޅުވެފައެވެ.

މި ފިޔަވަޅު އަޅާފައިވަނީ، އަންނަ މަހު ތިނެއްގައި އޮންނަ އެމެރިކާގެ މިޑްޓާމް އިންތިޚާބަށް ފަހު އީރާނަށް އަލުން ހަމަލާދިނުމަށް އެމެރިކާއާއި އިސްރާއީލުގެ އަސްކަރިއްޔާއިން ތައްޔާރުކުރަމުންދާ ކަމަށް އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ނިއުޔޯކް ޓައިމްސްއިން އިއްޔެ ރިޕޯޓުކޮށްފައިވަނިކޮށެވެ. އެ ނޫހުން ބުނި ގޮތުގައި، އީރާންގެ ނިއުކްލިއާ މަރުކަޒުތަކާއި، މިސައިލާއި ޑްރޯން މަރުކަޒުތަކުގެ އިތުރުން ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ކުރު ނަމަވެސް ވަރުގަދަ އޮޕަރޭޝަނެއް ހިންގުމަށް ވަނީ ރާވާފައެވެ.

އެމެރިކާގެ އޮފިޝަލުން ބުނި ގޮތުގައި، އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓާ ހެގްސެތު ވަނީ އިސްރާއީލްއަށް ވަޑައިގެން ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ބައްދަލުކުރައްވައި އާ ހަމަލާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި އީރާންގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅުންހުރި ސަރަހައްދަކަށް ހަމަލާދިނުމަށް މަސައްކަތްކުރާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، އިންތިޚާބުގެ ކުރިން ހަނގުރާމަ އަލުން ފެއްޓެވުމުގެ ވިސްނުންފުޅެއް ނެތް ކަމަށް ޓްރަމްޕް ވަނީ އިއުލާންކުރައްވައިފައެވެ.

މި މަސް ތެރޭގައި ޚޫޘީން ވަނީ ސައުދީއަށް ނުރައްކާތެރި ހަމަލާތަކެއް ދީފައެވެ. އެގޮތުން ބެލިސްޓިކް މިސައިލާއި ޑްރޯނުން ދިން ހަމަލާތަކުގައި 21 މީހަކު މަރުވެ، 370 މީހުންނަށް އަނިޔާވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް