ފާއިތުވި ފަސް އަހަރު ތެރޭ ކައިވެނި އެންމެ މަދުވެ، ވަރި އެންމެ ގިނަވީ މިދިޔަ އަހަރު ކަމަށް ތަފާސްހިސާބުން ދައްކައިފިއެވެ.
ސްޓެޓިސްޓިކް ބިއުރޯއިން ނެރެފައިވާ، ސްޓެޓިސްޓިކަލް ޕޮކެޓްބުކް އޮފް މޯލްޑިވްސްގައިވާ ގޮތުން، މިދިޔަ، 2025ވަނަ އަހަރު ރާއްޖޭގައި ކުރީ 5،148 ކައިވެންޏެވެ. އެއީ އޭގެ ކުރީ ހަތަރު އަހަރާ އަޅައިބަލާއިރު ދަށް އަދަދެކެވެ. އެ އަހަރުތަކަށް ބަލާއިރު:
- 2021: 5،414 ކައިވެނި
- 2022: 5،753 ކައިވެނި
- 2023: 5،373 ކައިވެނި
- 2024: 5،170 ކައިވެނި
އެ ފަސް އަހަރު ވެސް ކައިވެންޏަށް ވުރެ ވަރި މަދު ކަމަށް ތަފާސްހިސާބުން ދައްކައެވެ. އެގޮތުން މިދިޔަ 2025ވަނަ އަހަރު ރެކޯޑުކޮށްފައިވަނީ 3،546 ވަރިއެވެ. ނަމަވެސް އެއީ އޭގެ ކުރީ ހަތަރު އަހަރު ވަރި ކުރި މިންވަރާ އަޅައިބަލައިރު އިތުރު އަދަދެވެ. އޭގެ ކުރީ ހަތަރު އަހަރަށް ބަލާއިރު:
- 2021: 3،242 ވަރި
- 2022: 3،311 ވަރި
- 2023: 3،401 ވަރި
- 2024: 3،464 ވަރި
އާބާދީގެ ނިސްބަތުން ބަލާއިރު، ރާއްޖެއަކީ މުޅި ދުނިޔެއިން ވެސް އެންމެ ވަރި ގިނަ ގައުމެވެ.
ގައުމީ ޔުނިވާސިޓީގެ މޯލްޑިވްސް ނެޝަނަލް ޖާނަލް އޮފް ރިސާޗްގައި 2024 ވަނަ އަހަރު ޝާއިއުކުރި ދިރާސާއެއްގައިވަނީ، ރާއްޖޭގައި ވަރި ގިނަވާ ސަބަބުތަކަށް އަލިއަޅުވާލައިފައެވެ. އެ ދިރާސާ ހަދައިފައިވަނީ، މާލެ ސަރަހައްދުގައި ދިރިއުޅޭ، ވަރިވެފައިވާ 18 އަހަރާއި 39 އަހަރާ ދެމެދުގެ މީހުން ހިމަނައިގެންނެވެ.
އެ ދިރާސާގެ ނަތީޖާގައިވަނީ، ވަރި އިތުރުވާ ސަބަބުތަކުގެ ތެރޭގައި، ބައިވެރިޔާއަށް ބޭވަފާތެރިވުމާއި، ކައިވެންޏަށް ތަސައްރުފު ނުފުދުން، މާލީ ސަބަބުތަކާއި، ތޮއްޖެހިގެން ދިރިއުޅެން ޖެހުމާއި، ގެވެށި އަނިޔާއައި މަސްތުވާތަކެތި ބޭނުންކުރުން ފަދަ މައްސަލަތައް ހިމެނޭކަން ފާހަގަކޮށްފައެވެ.