ރަސްމާލެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލުމުން މުރާޖާކޮށްދިނުމަށް ހުށަހަޅައިފި

އަލީ ހުސައިން --- ފޮޓޯ/ އަދަދު

ރަސްމާލެ މަޝްރޫއު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވުން މުރާޖާކޮށްދިނުމަށް އެ ކޯޓަށް އިއްޔެ ހުށަހަޅައިފިއެވެ.

މި މައްސަލަ ބަލައިނުގަތުމަށް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމެވި ނިންމެވީ، އެއީ ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނެ ބާވަތުގެ މައްސަލައެއް ނޫން ކަމަށް ބުނެއެވެ.

ކޯޓުތަކުގެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ގޮތުން، ފުރަތަމަ މަރުހަލާގައި ސީދާ ސުޕްރީމް ކޯޓަށް ހުށަހެޅޭނީ ގައުމު ދުސްތޫރީ ހުސްކަމަކަށް ގޮސްދާނެ ނުވަތަ ނިޒާމުން ބޭރުވެދާނެ ފަދަ މައްސަލަތަކާއި ގާނޫނުއަސާސީ މާނަކުރުމާ ގުޅޭގޮތުން ދައުލަތުގެ ދެ މުއައްސަސާއެއް ނުވަތަ ދެ ބާރެއްގެ ދެމެދުގައި އުފެދޭ ޚިލާފުތަކުގެ އިތުރުން ގައުމުގެ އާންމު މަސްލަހަތާ ގުޅިފައިވާ ދުސްތޫރީ މައްސަލަތަކެވެ.

އަލީ އިއްޔެ ވިދާޅުވީ، އެ މައްސަލަ މުރާޖާކޮށްދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

މި މައްސަލަ ބަލައިނުގަންނަން ނިންމުމުން އަލީ 'ސަން'އަށް މިދިޔަ ހަފުތާގައި ވިދާޅުވީ، އެ ގޮތަށް ނިންމެވީ ސުޕްރީމް ކޯޓަށް ސަރުކާރުން ނުފޫޒު ފޯރުވުމުން ކަމަށެވެ. އަދި، ރަޖިސްޓްރާގެ އެ ނިންމެވުން ގޯސް ކަމަށާއި އެ މައްސަލައިގައި ގޮތެއް ނިންމަން ޖެހޭނީ އެ ކޯޓުގެ ބެންޗުން ކަމަށް އެ ދުވަހު އަލީ ވިދާޅުވިއެވެ.

https://sun.mv/229067

ފާހަގަކުރެވޭ ގޮތުގައި، އެ މައްސަލަ ބަލައިނުގަތުމަށް ރަޖިސްޓްރާ ނިންމެވި ނިންމެވުން މުރާޖާކޮށްދިނުމަށް އެދި 14 ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. އަލީ މައްސަލަ މުރާޖާކޮށްދިނުމަށް ހުށަހެޅުއްވީ، އެ މުއްދަތު ހަމަނުވަނީހެވެ.

ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމަށް ދިވެހިސަރުކާރާއި ޔޫއޭއީގެ އީގަލް ހިލްސްއާ ދެމެދު ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ މިދިޔަ މަހެވެ.

ވިހި ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓުގެ ދަށުން ހޮޓާތަކާއި، މަރީނާއެއްގެ އިތުރުން ވިޔަފާރިކުރާނެ ތަންތަން ހިމެނޭނެއެވެ.

ނަމަވެސް، މި މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން ވަނީ ފާޅުކޮށްފައެވެ. އަދި، މި މަޝްރޫއު ހުއްޓުވުމަށް 'ދިވެހީންގެ ބިން ދިވެހީންނަށް' ނަމުގައި ހިމޭން އިހުތިޖާޖެއް މިހާރު ވަނީ ފަށާފައެވެ.

comment ކޮމެންޓް