އީރާން އަދިވެސް ކިޔަމަނެއް ނުވޭ، މިފަހަރު ހަމަލާތައް ހުއްޓާލާނީ އީރާންގެ ވެރިކަން ބަދަލުކޮށްފައި: ނަތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ --

ޓެލްއަވީވު (22 އޮކްޓޯބަރު 2026): އިސްރާއީލާއި އެމެރިކާ އީރާނަށް ދިން ބިރުވެރި ވަރުގަދަ ހަމަލާތަކުން ވެސް އީރާން އަދިވެސް ފިލާވަޅު ލިބިނުގަންނަ ކަމަށާ މިފަހަރު އީރާންއާ ދެކޮޅަށް ފަށާނީ އާދަޔާ ޚިލާފު ވަރުގަދަ ހަމަލާތަކެއް ކަމަށާއި މި ހަމަލާތައް ހުއްޓާލާނީ އީރާނުގެ ވެރިކަން ބަދަލުކޮށްފައި ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

"އިޒްރޭލް ޓުޑޭ" ނަމަކަށް ކިޔާ ޔަހޫދީ ނޫހަކަށް ދިން ބަސްދީގަތުމެއްގައި ބައިނަލްއަގްވާމީ އަދާލަތަށް ބޭނުންވެ ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ނަތަންޔާހޫ ބުނީ އިސްރާއީލާއި އެމެރިކާދެކެ ބިރުނުގަނެ ޖެހިލުންނުވެ އީރާން އަދިވެސް ގެންދަނީ އަސްކަރީ ބާރުވެރިކަން ހޯދައި ނިއުކްލިޔާ ހަތިޔާރު ތަރައްގީކޮށް އިސްރާއީލަށް ގޮންޖަހަމުން ކަމުގައެވެ.

"އީރާނުގެ ވެރިން މަރާލައި އެގައުމުގެ ނިއުކްލިޔާ މަރުކަޒުތަކާއި އަސްކަރީ މަރުކަޒުތައް ފުނޑުފުނޑުކޮށްލުމުން އަދިވެސް ގޮތްދޫކޮށް ހަތިޔާރު އުފެއްދުން ހުއްޓާލަން އީރާން ނިންމާފައިނުވުމަކީ އެމެރިކާއާއި އިސްރާއީލަށް ތަހައްދީކޮށް ގޮންޖެހުން، އެފުރުސަތު އީރާނަށް ނުދޭނަން،" މިޒަމާނުގެ ހިޓްލަރުގެ ގޮތުގައި ސިފަކުރެވޭ ނަތަންޔާހޫ ބުންޏެވެ.

އީރާނަށް އިސްވެ ހަމަލާދީ އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަކީ އިސްރާއީލަށް ކުރެވޭނެ އަދި ކުރަން ކެރޭނެ ކަމެއްކަމަށާއި މިކަން ކުރުމަށް ޓްރަމްޕް މިހާރު އިސްރާއީލަށް މަނާނުކުރާ ކަމަށްވެސް ނަތަންޔާހޫ ބުންޏެވެ. ޣައްޒާގެ 80 ހާހަށް ވުރެގިނަ އާންމުންގެ މަރުގެ ޒިންމާއާއި އެތަށް ސަތޭކަ ގަތުލުއާންމާއި ނަސްލު ނައްތާލުމުގެ އެތަށް ހާސް ޖަރީމާތަކެއް ހިންގުމުގެ ސަބަބުން މިޒަމާނުގެ ހިޓްލަރުގެ ގޮތުގައި ސިފަކުރެވޭ ނަތަންޔާހޫ ބުނީ ނިއުކްލިޔާ ހަތިޔާރު އުފެއްދުމަށް އީރާނުގެ ދީނީ އައު މުރުޝިދު މުޖްތަބާ ޚަމަނާއި އަމުރުކުރައްވާފައިވާކަމުގައެވެ. އަދި މި އަމުރާއެކު ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ މަސައްކަތް އީރާނުން މެކުހަށް ޖަހާފައިވާކަމަށް ވެސް ނަތަންޔާހޫ ބުންޏެވެ.

ނަމަވެސް ނަތަންޔާހޫ ބުނީ އެ ފުރުސަތު އީރާނަށް ނުދޭނެ ކަމުގައެވެ. އީރާނަށް ހަމަލާދޭން ތައްޔާރުވަމުންދާކަން ބަޔާންކުރަމުން ނަތަންޔާހޫ ބުނީ އީރާނުގެ ވެރިކަން ބަދަލުކުރުން ނޫންގޮތެއް އޮތްތޯ އަދި ސުލްހަވެރިކަމާއެކު އީރާނުގެ ނިއުކްލިޔާ މައްސަލަ ހައްލުކުރެވޭތޯ އިސްރާއީލުން ވަރަށް ބަލައިފި ކަމަށެވެ. ނަމަވެސް އީރާނުގެ ބޯހަރުކަން އެއަށްވުރެ މާބޮޑު ކަމުގައި ބުންޏެވެ. އެހެންކަމުން ދެން އޮތީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދީ އަމާންދޭން މަޖުބޫރުވާކަމަށް އީރާން ފުނޑާލައި އީރާނުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުން ކަމުގައެވެ.

"މިފަހަރު އެކަންކޮށްފައިނޫނީ އިސްރާއީލު ހުއްޓައިނުލާނެ. އީރާނުގެ ހަރުކަށި އަދި ބޯހަރު ވެރިން އެމީހުންގެ ހަރކަށި ކަމުގެ ރަހަ ދެކެން ޖެހޭނެ،" ބައިނަލްއަގްވާމީ އަދާލަތަށް ބޭނުންވެފައިވާ ނަތަންޔާހޫ ބުންޏެވެ.

އިއްޔެ ވެސް ނަތަންޔާހޫ ވަނީ އީރާނަށް އިސްވެ ހަމަލާދޭން ތައްޔާރުވަމުންދާކަމަށް ބުނެ އިންޒާރުތައް ދީފައެވެ. މި އިންޒާރުތަކާއެކު ޔަހޫދީ އިސްރާއީލުގެ އަސްކަރީ ފައިޓާޖެޓްތަކެއް އީރާންގެ ވައިގެ ސަރަހައްދާ ވަރަށް ގާތުން ރޭގެ ވަގުތެއްގައި އުދުހިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ޔަހޫދީ އިސްރާއީލުގެ ބޮންއަޅާ ޖެޓްތައް އީރާނުގެ ސަރަހައްދާ ގާތަށް ދިޔައީ ސޫރިޔާއާއި އިރާގުގެ މަތިން ދަތުރުކޮށްފައި ކަމަށް ޚަބަރުތައް ބުނެއެވެ. މި ކަމުގެ ބޭނުމަކީ އީރާނަށް ބިރުދެއްކުން ކަމަށް ވަނީ ބެލެވިފައެވެ.

އީރާނުން ވަނީ އިސްރާއީލުން އިސްވެ ހަމަލާދީފިނަމަ ކުރިޔަށްވުރެ ބާރުގަދަ ހައިޕާސޮނިކް މިސައިލްތަކުން އިސްރާއީލުގެ އެތަން މިތަނަށް ވޭންދެނިވި ހަމަލާތަކެއް ދޭނެކަމަށް ބުނެ ރައްދު ދީފައެވެ. އީރާނުގެ މަސްއޫލުވެރިއަކު ވަނީ ދައިމޫނާގައި ހުންނަ އިސްރާއީލުގެ ނިއުކްލިޔާ މައި ރިއެކްޓަރަކީވެސް މިފަހަރު އީރާނުން ހަމަލާދޭނެ ތަނެއްކަމަށް ބުނެފައެވެ. ކުރިންވެސް އީރާންވަނީ އިސްރާއީލުގެ ދައިމޫނާގައިވާ ނިއުކްލިޔާ ދެ މަރުކަޒަކަށް ހަމަލާދީ އެތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. ނަމަވެސް އިސްރާއީލުގެ މައި ނިއުކްލިޔާ ރިއެކްޓަރަށް ހަމަލާދީފައެއް ނުވެއެވެ.

އީރާނުގެ ހަމަލާތައް މައިތިރި ކުރުމުގައި އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުތައް އެހާ ކާމިޔާބެއް ނޫނެވެ. ބައެއް މިސައިލްތައް ވައްޓާލެވުނު ނަމަވެސް އަނެއްބައި ހަމަލާތައް އިސްރާއީލުގެ އެތަން މިތަނަށް އަރައި އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. މިފަހަރު އީރާނުން ދޭ ރައްދު ހަމަލާތައް ނަތަންޔާހޫގެ އޮފިހަށާއި އިސްރާއީލުގެ އިސްވެރިންގެ އޮފީސްތަކާއި ގެތަކަށް އަމާޒުކުރުމަކީ ވަރަށް ގާތްކަމެއްކަމަށް އީރާނުގެ ޖެނެރަލުންނާ ހަވާލާދީ އެ ގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު