ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ކ. އަތޮޅުން ފެށިގެން މ. އަތޮޅަށް ރީދޫ ސަމާލު ނެރެފިއެވެ.
އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައި ވަނީ މިރޭގެ 21:30 އަށެެވެ.
މެޓް އޮފީހުން ބުނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށާއި ކަނޑުތައް ގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.
https://x.com/MetMaldives/status/2113248010717298896
މާދަމާގެ ފަތިހު 6:00 އަށް މޫސުން ލަފާކޮށް މެޓުން ބުނެފައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.
ވައިޖެހޭ ބާރުމިނަށް ބަލާއިރު، ހުޅަނގުދެކުނާއި ހުޅަނގުން، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގައި ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު، ދެކުނުގެ އަތޮޅުތަކުގައ ގަޑިއަކު އަށް މޭލާއި 18 މޭލަށް ވައިގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެެވެ.
މީގެ އިތުރުން ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
ކަނޑުތަކަށް ބަލާއިރު، އުތުރާއި މެދުރާއްޖެތެރޭގެ ކަނދުތައް ގަދަވާނެ ކަމަށާއި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ވަނީ ބުނެފައެވެ. އަދި ރާޅުތަކުގެ އުސްމިނުގައި ހަތަރުފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް ވެސް މެޓުން ބުންޏެވެ.
އެހެންކަމުން ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރު ރާއްޖެއަށް ކުރަމުން މި އަންނަ ވިއްސާރައިގައި ނިމިދިޔަ 24 ގަޑިއިރު ތެރޭގައި މާލެއާއި ހުޅުލެއަށް 90 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓުން ވަނީ ބުނެފައެވެ.