ކުދި ވިޔަފާރިތަކުގެ ދުވަހީ މަސައްކަތްތައް ފަސޭހަކޮށް، ވެބްސައިޓްތަކުގެ ޚިދުމަތްތައް ފުރިހަމަކުރުމަށް އެހީތެރިވެދޭ އާ އޭއައި ޕްރޮޑަކްޓިވިޓީ ޓޫލްތަކެއް ތަޢާރަފުކޮށްފިކަން ސާޗް އިންޖިން ކުންފުނި ގޫގުލްއިން އިޢުލާންކޮށްފިއެވެ.
މި އާ ޓޫލްތަކުގެ އެހީގައި ވިޔަފާރިވެރިންނަށް އެއް މަރުކަޒީ ހަބަކުން އެމީހުންގެ ބްރޭންޑް ބިނާކުރުމާއި، މާލީ ކަންކަން ތަޙްލީލުކުރުމުގެ އިތުރުން ކަސްޓަމަރުންގެ ބޭނުންތަކާއި މަޢުލޫމާތުތައް ދެނެގަތުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
ގޫގުލް އިން ހާމަކޮށްފައިވާ ގޮތުގައި، ޖެމިނައި އޭއައި މިހާރު ގޫގުލް ބިޒްނަސް ޕްރޮފައިލް، ގޫގުލް އެޑްސް އަދި ގޫގުލް ވާކްސްޕޭސް ފަދަ ގޫގުލްގެ ވަޞީލަތްތަކުގެ އިތުރުން، އެޑޯބީ، ކެންވާ، ޑްރޮޕްބޮކްސް، ޝޮޕިފައި، ވިކްސް، ޒޯހޯ އަދި ޒީރޯ ފަދަ ތިންވަނަ ފަރާތްތަކުގެ މަޤްބޫލު އެޕްލިކޭޝަންތަކާ ގުޅުވާލެވޭނެއެވެ.
މި ޓޫލްތަކުގެ އެހީގައި ވިޔަފާރިވެރިންނަށް އެމީހުންގެ ވެބްސައިޓްތަކަށް އާ ޔޫޒާ އިންޓަފޭސްއެއް ފަރުމާކުރެވޭނެއެވެ. މިގޮތުން ވެބްސައިޓުގެ ޔޫއާރްއެލް އެކަނި އަޕްލޯޑްކުރުމަށްފަހު، ބްރޭންޑް ކިޓާއި، ފޮންޓުތަކާއި ނުވަތަ ކުލަތަކަށް ގެންނަންބޭނުންވާ ބަދަލުތައް ޖެމިނައިއަށް ކިޔައިދިނުމުން އެ ބަދަލުތައް ގެނެސްދޭނެއެވެ.
މި ޚިދުމަތް ފޯރުކޮށްދެނީ ގޫގުލްގެ އެންމެ ފަހުގެ އިމޭޖް ޖެނެރޭޝަން މޮޑެލް ކަމަށްވާ "ނެނޯ ބެނާނާ 2.1" ބޭނުންކޮށްގެންނެވެ. މީގެ ސަބަބުން އާ އުފެއްދުންތައް ބާޒާރަށް ނެރުމަށާއި، ކުރިއަށްދާ މާކެޓިން ކެމްޕޭންތަކަށް ބޭނުންވާ މުޅި ވިޜުއަލް ނަތީޖާ އެކީގައި ފޯރުކޮށްދެއެވެ.
ގޫގުލް އިން ފާހަގަކުރި ގޮތުގައި، ޖެމިނައި އިން ވިޔަފާރީގެ މައިގަނޑު ވިޜުއަލް ސްޓައިލް ހިފަހައްޓައިދޭނެއެވެ. މީގެ ސަބަބުން ކޮންމެ ފަހަރަކު ސްޓައިލް ގައިޑްލައިން އަލުން އަޕްލޯޑްކުރަން ނުޖެހި، ބްރޭންޑާ ގުޅޭ އެއްގޮތް ޑިޒައިންތަކާއި އެސެޓްތައް ފަސޭހައިން އުފެއްދޭނެއެވެ. މީގެ ސަބަބުން ފުރަތަމަ ފެށިގެން ސައިޓަށް ބަދަލުތައް ގެންނަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެއެވެ.
މީގެއިތުރުން، އެކި ގޮތްގޮތަށް ހުންނަ އުނދަގޫ ސްޕްރެޑްޝީޓްތަކާއި، ރަސީދުތަކާއި، އަދި ވިޔަފާރީގެ ގަނެވިއްކުމުގެ ރެކޯޑުތައް، ސިކުންތުކޮޅެއްގެ ތެރޭގައި ސާފު މާލީ ގްރެފިކްސްތަކަށާއި އިންޓަރެކްޓިވް މޮޑެލްތަކަށް ބަދަލުކުރުމުގައި ޖެމިނައި އެހީތެރިވެދޭނެއެވެ.
އާންމުގޮތެއްގައި ވިޔަފާރިވެރިން މާލީ ހިސާބުތައް ދެނެގަތުމަށާއި، ވިޔަފާރި ކުރިއަރުވައި ފުޅާކުރެވިދާނެ ދާއިރާތައް ހޯދުމަށް ގިނަ ވަގުތުތަކެއް ހޭދަކުރަންޖެހޭއިރު، ބައެއް ފަހަރު ކޮންސަލްޓެންޓުންގެ އެހީތެރިކަންވެސް ހޯދަންޖެހެއެވެ. ނަމަވެސް މިހާރު ޖެމިނައި މެދުވެރިކޮށް މި ހުރިހާ މައުލޫމާތެއް ސިކުންތުކޮޅެއްގެ ތެރޭގައި ފަސޭހައިން ކިޔައިދޭނެ ޚުލާޞާ މައުލޫމާތުގެ ގޮތުގައި ލިބިގެންދާނެއެވެ.
ވިޔަފާރިތަކަށް ޚާއްޞަ ލޭންޑިން ޕޭޖާއި، މާކެޓިން އަދި ފައިނޭންސް ސްކިލްސްގެ އިތުރުން އާ ކަނެކްޓެޑް އެޕްތައް ކުރިއަށް އޮތް ދުވަސްތަކުގައި މުޅި ދުނިޔޭގެ ހުރިހާ ޖެމިނައި އެޕް ބޭނުންކުރާ ފަރާތްތަކަށް ލިބެން ދާނެއެވެ.