ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ހަގީގަތް ހާމަނުކުރާހާ ހިނދެއްގައި ބޮޑެތި އިންވެސްޓަރުންނާ މެދު އާންމުންގެ މެދުގައި ނަފުރަތު އުފެދޭނެ ކަމަށާއި އިންވެސްޓަރުންގެ އިތުބާރު ވެސް ގެއްލޭނެ ކަމަށް ވިދާޅުވެ، އެ މަޝްރޫއުގެ ތަފުސީލު ހާމަކޮށްދެއްވުމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު މިރޭ ގޮވައިލައްވައިފިއެވެ.
'އެސްއެސްޓީވީ'ގެ "ބާރު ހަތަރެއް" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މިހާތަނަށް 800 މިލިއަން ޑޮލަރު ރަސްމާލެއަށް 'އަޅާފައި'ވާ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
ޝާހިދު ވިދާޅުވީ ރަސްމާލެއަށް ޚަރަދުކޮށްފައި ވަނީ އާންމުންގެ އަތުން ނަގާ ޓެކްސް ފައިސާއިން ކަމަށެވެ. އަދި އެ ތަނަކީ ބޯހިޔާވަހިކަން ދޭން ހިއްކާ ތަނެއް ކަމަށް ސަރުކާރުން ބުނެފައިވާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އެ ނޫން ގޮތަކަށް ރަސްމާލެ ބޭނުންކުރާނަމަ އާންމުންނަށް އެކަން އެނގެންޖެހޭ ކަމަށެވެ.
"800 މިލިއަން ޑޮލަރު އަޅަންވީ ފުށިދިއްގަރު ފަޅަކަށް ނޫނޭ. މި 800 މިލިއަން ޑޮލަރުގެ ތެރެއިން އެއްބައި އިންވެސްޓްކުރައްވަން ޖެހޭނީ މިހާރު ހިއްކައިފައިހުރި ތަންތަނުގައި ގެދޮރު ބިނާކުރުމަށް އިންފްރާސްޓްރަކްޗަރު އެޅުމަށް. އަދި ހަމަ އެއާއެކުގައި 10 ފޫޓު 12 ފޫޓު ގޮޅިއެއްގައި ތިން ޖީލު ތާށިވެފައި ތިބުމަކީ ހަމައެކަނި މާލޭގެ ހާލަތެއް ނޫނޭ. ރާއްޖޭގެ ގިނަ ރަށްރަށުގައި ބޯހިޔާވަހިކަމުގެ މައްސަލައަކީ ހަމަ ވަރަށް ބޮޑު މައްސަލައެއް،" ޝާހިދު ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުވާނީ ޝާހިދު ވިދާޅުވި ގޮތުގައި މީހުން ދިރިއުޅޭ ރަށްރަށަށް ވެސް އަމާޒުކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއާ ގިނަ ދިވެހީން ދެކޮޅު ހަދާނެއެވެ.
"ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު އެބަ ބޭނުންވޭ އެ ވިދާޅުވާ ޑީލެއްގައި އޮތް އެއްޗެއް ސާފުކޮށް [ސަރުކާރުން] ވިދާޅުވެދެއްވަން. އެކަން ނުކުރައްވަވާހާ ހިނދަކު މި ވާ ގޮތަކީ ރާއްޖެއަށް އަންނަ ބޮޑެތި އިންވެސްޓަރުންނާ މެދު، އެ މީހުންނާ ދޭތެރޭގައި ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދެނީ، އެ އުފެދުމުގެ ސަބަބުން ދެން އަންނަން ތިބޭ އިންވެސްޓަރުންނަށް ވެސް ރާއްޖެއާ މެދު އިތުބާރު ގެއްލިގެން ދަނީ،" ޝާހިދު ވިދާޅުވިއެވެ.
އެހެންކަމުން، އީގަލް ހިލްސްއާ އެކު ވެފައިވާ އެއްބަސްވުމުގެ ސަރުކާރުން ސާފުކޮށްދިނުމަށް ޝާހިދު ވަނީ ގޮވައިލައްވައިފައެވެ.
އާންމުންނަށް އެނގިގެން ނޫނީ ރާއްޖޭގެ އެއްވެސް ބައެއް ބޭރުގެ ބަޔަކަށް ދެވިގެން ނުވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ސެޕްޓެންބަރު މަހެވެ. ވިހި ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓުގެ ދަށުން ހޮޓާތަކާއި މެރީނާއެއްގެ އިތުރުން ވިޔަފާރިކުރާނެ ތަންތަން ހިމެނޭނެއެވެ. ނަމަވެސް، މި މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން އަންނަނީ ފާޅުކުރަމުންނެވެ.
ނަމަވެސް އެފަދަ އެއްވެސް ނުރައްކަލެއް ނޯންނާނެ ކަމަށް ސަރުކާރާއި އީގަލް ހިލްސްއިން ވަނީ ބުނެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ރަސްމާލޭގައި މަޝްރޫޢެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ވަނީ ގަރާރެއް ވެސް ހުށަހަޅުއްވައިފައެވެ. އެ ގަރާރު ހުށަހަޅުއްވައިފައި ވަނިކޮށް ޕާޓީގެ ސިޔާސަތާ އެއްގޮތަށް ބަސްމަގު ބެހެއްޓުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީގެ މަޖިލިސް މެންބަރުންނަށް ވަނީ އަންގަވައިފައެވެ.
ނަޝީދު މި މޭރުމުން އެންގެވި ނަމަވެސް، މަޖިލީހުގެ ތަޅުމުގައި މިހާތަނަށް އެމްޑީޕީގެ އެއްވެސް މެންބަރަކު ޕާޓީގެ ނިންމުމާ ޚިލާފަށް ވާހަކަދައްކަވާފައި ނުވާ ކަމަށް އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ވަނީ ވިދާޅުވެފައެވެ.