ޑޮކްޓަރުންނާއި ނަރުހުން އަދި ލެބް ޓެކްނިޝަނުންވެސް ހިމެނޭހެން، ސިއްހީ ދާއިރާގެ ޓެކްނިކަލް މުވައްޒަފުންގެ ރޭގަނޑު ޑިއުޓީ އެލަވަންސް ކުޑަކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތެއް ކަމަށާއި، އެއްވެސް އެލަވަންސަކަށް ބަދަލު ނުގެންނަ ކަމަށް ހެލްތު މިނިސްޓްރީން މިރޭ ބުނެފިއެވެ.
ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ، 2023 ވަނަ އަހަރުގެ މެއި މަހު ބޮޑުކުރި ފަހުން ފިނޭންސް މިނިސްޓްރީން އާންމުކުރި ޕޭ ފްރޭމްވޯކުގައި ވާގޮތުން ސިއްހީ ދާއިރާގައި ޝިފްޓު އުސޫލުން މަސައްކަތްކުރާނަމަ ރޭގަނޑު ޑިއުޓީއަށް 100 ރުފިޔާގެ އެލަވަންސެއް ދޭންޖެހެއެވެ.
ނަމަވެސް މިދިޔަ އޮގަސްޓު މަހު ޕޭ ފްރޭމްވޯކަށް ގެނައި ބަދަލާއެކު، ރޭގަނޑު 12 އިން ހެނދުނު ހައެއް ޖެހުމާ ހަމައަށް މަސައްކަތްކުރާ ދުވަސްތަކަށް ދެމުން އައި އެލަވަންސް ކުޑަކޮށްފައިވާ ކަމަށް ދެކެވުނު ވާހަކަ ހެލްތް މިނިސްޓްރީން ވަނީ ދޮގުކޮށްފައެވެ.
'ސަން' އަށް މައުލޫމާތުދެމުން އެ މިނިސްޓްރީން ބުނީ އެއްވެސް އެލަވަންސެއް ކުޑަކޮށްފައި ނުވާނެ ކަމަށެވެ. އަދި ފަހުން ގެނައި ބަދަލަކީ ކުރިން އެ އެލަވަންސް ނުލިބޭ މުވައްޒަފުންނަށް އެ އެލަވަންސް ދޭން ފެށުން ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން މައުލޫމާތުދިން ގޮތުގައި އެލަވަންސް ކުޑަކުރިކަމަށް އެންމެ ފުރަތަމަ ދެކެވެން ފެށީ ހުޅުމާލެ ހޮސްޕިޓަލުން އެފަދަ އެންގުމެއް އަންގައިގެންނެވެ. ނަމަވެސް އެއީ 'އޮޅުމަކުން' ވީ ކަމެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.