މައި އިދިކޮޅު އެމްޑީޕީން ވެސް ރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" މަޝްރޫއު ކުށްވެރިނުކުރާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޔާމީން އެފަދައިން ވިދާޅުވެފައި އެވަނީ ރަސްމާލޭގައި މަޝްރޫޢެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަޙްމަދު ނަސީމް ގަރާރެއް ހުށަހަޅުއްވާފައި ވަނިކޮށެވެ. އަދި އެ ގަރާރު ހުށަހަޅުއްވައިފައި ވަނިކޮށް ޕާޓީގެ ސިޔާސަތާ އެއްގޮތަށް ބަސްމަގު ބެހެއްޓުމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެ ޕާޓީގެ މަޖިލިސް މެންބަރުންނަށް ވަނީ އަންގަވައިފައެވެ.
ނަޝީދު މި މޭރުމުން އެންގެވި ނަމަވެސް، މަޖިލީހުގެ ތަޅުމުގައި މިހާތަނަށް އެމްޑީޕީގެ އެއްވެސް މެންބަރަކު ޕާޓީގެ ނިންމުމާ ޚިލާފަށް ވާހަކަދައްކަވާފައި ނުވާ ކަމަށް އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ވަނީ ވިދާޅުވެފައެވެ.
ކަން އެހެން ހިނގައިދިޔައިރު ޔާމީންގެ އަމިއްލަފުޅު ޕާޓީ ޕީއެންއެފުން ސިލްސިލާކޮށް ބާއްވަމުން އަންނަ ޓައުންހޯލް ޖަލްސާތަކުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އީގަލް ހިލްސްގެ މަޝްރޫއާ ދެކޮޅަށް އެއްވެސް ސިޔާސީ ޕާޓީއަކުން އެއްޗެއް މިހާތަނަށް އަދި ނުބުނާ ކަމަށާއި އެއްވެސް ބަހެއް ބުނަން ބޭނުންނުވާ ކަމަށެވެ. އެއާއެކު އެމްޑީޕީން ވެސް މި މަޝްރޫއު ކުށްވެރިނުކުރާ ކަމަށް ވިދާޅުވެ ޔާމީން ވަނީ އެ ޕާޓީއަށް ފާޑުވިދާޅުވެފައެވެ.
އެހެންވީމާ ދެން ކޮން ގައުމެއްގެ ވެރިކަމަށް އަންނަންތޯ މި މީހުން މި ވިސްނަނީ؟ ކޮން ގައުމެއްގެ ވެރިކަމަށް އަންނަންތޯ؟ ރާއްޖެއަށް މި ވަރުގެ ބޮޑު ކަމެއް ދިމާވީމާ ރައްޔިތުންގެ ހައްގުގައި މި މީހުން ވެސް ބޭނުމެއްނުވޭ ބަހެއް ބުނާކަށް. ދެން ރައީސް ނަޝީދު އެ އޮތީ ދުރާލާ ބުނެފައި މިއީ ތިމަންނަމެން ތާއީދުކުރާ ކަމެކޭ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
މި މަޝްރޫއަށް ޕީއެންއެފުން ތާއީދުނުކުރާ ކަމަށް ވިދާޅުވެ، ޕީއެންއެފްގެ ވެސް ރައީސްކަން ކުރައްވާ ޔާމީން ވަނީ އެ މަޝްރޫއު ކުރިއަށް ނުގެންދަން ގޮވައިލައްވައިފައެވެ.
21 އޯގަސްޓު 2025: ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ އުފެއްދެވި ޕީއެންއެފުން ބޭއްވި "ވޭކްއަޕް" ޖަލްސާގެ ތެރެއިން އެމަނިކުފާނު ވާހަކަފުޅުދައްކަވަނީ - ސަން ފައިލް ފޮޓޯ: މޫސާ ނަދީމްރަސްމާލޭގައި ތަރައްގީކުރާ "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މަރީނާ" މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ސެޕްޓެންބަރު މަހެވެ. ވިހި ބިލިއަން ޑޮލަރުގެ މި އިންވެސްޓްމަންޓުގެ ދަށުން ހޮޓާތަކާއި މެރީނާއެއްގެ އިތުރުން ވިޔަފާރިކުރާނެ ތަންތަން ހިމެނޭނެއެވެ. ނަމަވެސް، މި މަޝްރޫއުގެ ތެރެއިން އިސްރާއީލުގެ މީހުންނަށް އެ ސަރަހައްދުން ޕްރޮޕަޓީ ގަނެވިދާނެ ކަމުގެ ކަންބޮޑުވުން ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުން އަންނަނީ ފާޅުކުރަމުންނެވެ.
ނަމަވެސް އެފަދަ އެއްވެސް ނުރައްކަލެއް ނޯންނާނެ ކަމަށް ސަރުކާރާއި އީގަލް ހިލްސްއިން ވަނީ ބުނެފައެވެ.
މިފަހުން ޕީއެންއެފުން ބޭއްވި ގިނަ ޖަލްސާތަކުގައި ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅަށް ޔާމީން ވަނީ ވާހަކަފުޅުދައްކަވައިފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރީ މަޖިލީހުގެ މެންބަރަކަށް ހުންނަވައިގެން ޕާޓީގެ ސިޔާސަތާ އިދިކޮޅަށް ވާހަކަދައްކަވައިގެން ކަމަށެވެ. އަދި އީގަލް ހިލްސް ކުންފުންޏާ ގުޅޭގޮތުން ޕާޓީން މިހާރު ވެސް ރަސްމީ ބަޔާނެއް ނެރެފައިވާނެކަން މެންބަރުންގެ ސަމާލުކަމަށް ގެންނެވިއެވެ.
ބެލެވޭ ގޮތުގައި ރައީސް ނަޝީދު އެ މިސާލު ދެއްކެވީ، އީގަލް ހިލްސްގެ މައްސަލައިގައި މަޖިލީހުގެ ތަޅުމުގައާއި އާންމު ތަންތަނުގައި މެންބަރުން ވާހަކަދައްކަވާއިރު ޕާޓީގެ ރަސްމީ ނިންމުމާ ދެކޮޅަށް އެއްވެސް ވާހަކައެއް ނުދެއްކުމަށް ނުސީދާ ގޮތެއްގައި މެންބަރުންނަށް އިންޒާރުދެއްވައި، ސަމާލުކަން ދެއްވުމުގެ ގޮތުންނެވެ.