ކާވެނީގައި އަމުރުވެރިކަމާއި އަމާނާތް

ޤިވާމަތަކީ ޝަރަފަކާއި އިމްތިޔާޒަކަށްވުމުގެ ކުރިން، ބޮޑުވެގެންވާ ޒިންމާއެއް -- ފޮޓޯ / ރޯޕިކްސެލް.ކޮމް

އިސްލާމްދީނުގައި ކާވެންޏަކީ ލޯތްބާއި ދެމަފިރިންގެ މެދުގައިވާ ޙައްޤުތަކާއި ޒިންމާތަކުގެ މައްޗަށް ބިނާވެފައިވާ މާތް ގުޅުމެކެވެ. ނަމަވެސް، މި މުޤައްދަސް ގުޅުމުގެ ވާހަކަ ދައްކާއިރު، އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިވާންޖެހޭ ވާހަކައާއި ފިރިމީހާއަށް ލިބިގެންވާ "ބާރު" ގެ ވާހަކަ އެކަނި ދެކެވޭނަމަ އެއީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ޝައްކެއްނެތް ގޮތުގައި، ހެޔޮކަންކަމުގައި ފިރިމީހާއަށް އަނބިމީހާ ކިޔަމަންވުމަކީ ވާޖިބެކެވެ. ހަމައެހެންމެ، ޢާއިލާގެ ތެރޭގައި ފިރިމީހާއަށް ޚާއްޞަ އިސްކަމެއް ދެއްވައި، އޭނާގެ މައްޗަށް ޚާއްޞަ ޒިންމާތަކެއް ވެސް އިސްލާމްދީނުގައި މަތިކޮށްފައިވެއެވެ.

ނަމަވެސް، މި ދެ މަފްހޫމު - ކިޔަމަންތެރިކަމާއި ފިރިމީހާގެ އިސްކަން - ކާވެނީގެ އެހެނިހެން އިސްލާމީ އުޞޫލުތަކުން ވަކިކޮށް މާނަކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ދެމަފިރިންގެ މެދުގައި އޮންނާންޖެހޭ އޯގާތެރިކަމާއި ޢަދުލާއި ހެޔޮގޮތުގައި އެކުގައި ދިރިއުޅުމާއި އަދި ދެފަރާތުގެ ޙައްޤުތަކާއި ޒިންމާތަކާ އެކުގައި މާނަކުރާންޖެހޭ މަފްހޫމުތަކެކެވެ.

ކާވެނީގެ އެންމެ އަސާސީ އެއް މަޤްޞަދު ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

﴿وَمِنْ آيَاتِهِ أَنْ خَلَقَ لَكُم مِّنْ أَنفُسِكُمْ أَزْوَاجًا لِّتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُم مَّوَدَّةً وَرَحْمَةً ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ﴾ (އައްރޫމު، 21).

މާނަ: "ތިޔަބައިމީހުންނަށްޓަކައި ހަމަތިޔަބައިމީހުންގެ ނަފުސުތަކުން އަނބިން ހެއްދެވިކަމީ، އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތުމަށްޓަކައެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ މެދުގައި ލޯތްބާއި، އޯގާވެރިކަން ލެއްވިއެވެ. ހަމަކަށަވަރުން، ފިކުރު ހިންގާ ބަޔަކަށް އެކަމުގައި ހެކިތަކެއްވާކަން ކަށަވަރެވެ."

އެހެންކަމުން، އައް-ސަކީނާ (ހިތްހަމަޖެހުން) އާއި މަވައްދާ (ލޯބި) އަދި ރަޙްމާ (އޯގާތެރިކަން) އަކީ ޤުރުއާނުގައި ކާވެނި ސިފަކޮށްދީފައިވާ ގޮތުގެ އެންމެ މައިގަނޑު އަސާސްތަކެވެ.

ނަމަވެސް، އިސްލާމްދީނުގައި ފިރިމީހާއާއި އަނބިމީހާއަށް ކޮންމެ ކަމެއްގައި އެއްގޮތް މަސްއޫލިއްޔަތުތަކެއް ލާޒިމެއް ނުކުރެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

﴿الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ﴾ (އައްނިސާ: 34).

މާނަ: "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި ޤާއިމުވެގެންތިބޭ ބަޔެކެވެ. (އެއީ) އެއުރެންގެ އެއްބަޔެއްގެ މައްޗަށް އަނެއްބަޔަކު ﷲ މާތްކުރައްވައި، އިތުރުކުރައްވާފައިވާ ކަމަށްޓަކައެވެ. އަދި، އެއުރެންގެ މުދަލުން ހޭދަކޮށްފައިވާ ކަމަށްޓަކައެވެ. ...".

އެހެންކަމުން، ފިރިމީހާގެ ޤިވާމަތަކީ (ބަލަދުވެރިކަމަކީ) އިސްލާމީ ޢާއިލީ ޤާނޫނުގެ މުހިންމު ބައެކެވެ. ނަމަވެސް ޤިވާމަތަކީ ހަމައެކަނި، އިމްތިޔާޒެއް ނުވަތަ ހައްދުފަހަނައަޅާފައިވާ ބާރެއް (arbitrary power) ގެ ގޮތުގައި މާނަކޮށްގެންނުވާނެއެވެ. އޭގެ ބަދަލުގައި، ވަރަށް ބޮޑެތި ޒިންމާތަކެއް އެއާ ގުޅިފައިވާކަން ހަނދާނުގައި ބަހައްޓާންޖެހޭނެއެވެ.

ފިރިމީހާއަކީ ޚަރަދު ދިނުމާއި ރައްކާތެރި ކުރުމާއި ޢާއިލާ ބެލެހެއްޓުމާއި އަނބިމީހާގެ ޙައްޤުތައް ފުރިހަމަކޮށްދިނުމަށް ޒިންމާވާ ފަރާތެވެ. އިސްލާމްދީނުގައި ވެރިކަމާއި ބަލަދުވެރިކަމަކީ އަމާނާތެކެވެ؛ އެއީ މާތް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ ކަމެކެވެ.

ހަމައެފަދައިން، ކާވެނީގެ ޝަރުޢީ އިމުގެ ތެރޭގައި އަނބިމީހާގެ މައްޗަށް އޮންނަ ކިޔަމަންތެރިވުމުގެ (ޠާޢަތުގެ) ވާޖިބު ވެސް ޤަބޫލުކުރާންޖެހޭނެއެވެ. މި ޙައްޤުގެ ބޮޑުކަން ބަޔާންކުރައްވަމުން ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ.

((لَو كنتُ آمرًا أحدًا أن يسجدَ لأحدٍ لأمرتُ النِّساءَ أن يسجُدنَ لأزواجِهِنَّ لما جعلَ اللَّهُ لَهُم علَيهنَّ منَ الحقِّ)) (އަބޫދާއޫދު، 2140).

މާނަ: "އެއްވެސް މީހަކު އެހެން މީހަކަށް ސަޖިދަ ކުރާން ތިމަންކަލޭގެފާނު އަމުރު ކުރައްވާނެނަމަ އަނބީން އެކަނަބލުންގެ ފިރިންނަށް ސަޖިދަކުރާން އެންގެވީމުހެވެ. އެއީ ފިރިންނަށް ޓަކައި އެކަނބަލުންގެ މައްޗަށް ﷲ ތަޢާލާ ލައްވާފައިވާ ގިނަގުނަ ޙައްޤުގެ ސަބަބުންނެވެ".

ނަމަވެސް މީހުންނަށް ކިޔަމަންތެރިވުމުގައި ތަބާވާންޖެހޭ ޝަރުޢީ މައިގަނޑު އުޞޫލު ރަސޫލުﷲ ﷺ ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ((إنَّما الطَّاعةُ في المَعروفِ)) (މުސްލިމް، 1840). "ކިޔަމަންތެރިވުން އޮތީ ހެޔޮ ކަންކަމުގައެވެ." މިއީ އަމީރަކަށް ކިޔަމަންތެރިވުމާ ބެހޭގޮތުން އޮތް ބަސްފުޅެއްނަމަވެސް މި މަތިވެރި އުޞޫލު ކާވެނީގެ ޠާޢަތަށް ވެސް ތަޠުބީޤުވެއެވެ.

ވީމާ، ފާފައަކަށް އަރައިގަތުމަށާއި އަނިޔާވެރިވުމަށާއި ނާއިންސާފަކަށް ނުވަތަ ޝަރީޢަތުން ދެއްވާފައިވާ ޙައްޤެއް ނައްތައިލުމަށް އަމުރުކުރެވޭ ނަމަ އެއްވެސް މީހަކަށް ކިޔަމަންތެރިވުމެއް ނެތެވެ. އަދި އިސްލާމްދީނުން އަނބިމީހާއަށް ކަށަވަރުކޮށްދީފައިވާ ޙައްޤުތަކުން އޭނާ މަޙްރޫމު ކުރުމަށް "ޠާޢަތުގެ" މަފްހޫމް ޙުއްޖަތަކަށް ނުހެދޭނެއެވެ.

އެހެންކަމުން، ޤިވާމަތާއި ޠާޢަތުގެ ވާހަކަ ދައްކާ އިރު، އެކަން ވަކިން އެކަހެރިކޮށް އޮންނަ ކަމެއްގެ ގޮތުގައި ދެކިގެންނުވާނެއެވެ. ދެމަފިރިންގެ މެދުގައި އޮންނާންޖެހޭ ޙައްޤުތަކާއި ވާޖިބުތަކުގެ އިންސާފުވެރި މިންގަނޑު ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.

﴿وَلَهُنَّ مِثْلُ الَّذِي عَلَيْهِنَّ بِالْمَعْرُوفِ ۚ وَلِلرِّجَالِ عَلَيْهِنَّ دَرَجَةٌ﴾ (އަލްބަޤަރާ، 228).

މާނަ: "އަދި ޝަރުޢީ ހަމައިން (ފިރިންނަށް އަދާކުރުން) އެކަނބަލުންގެ މައްޗަށް ވާޖިބުވެގެންވާފަދަ ކަންތައްތައް (ފިރިންގެ ފަރާތުން) އެކަނބަލުންނަށްވެސް ޙައްޤުވެގެން ވެއެވެ. އަދި އެކަނބަލުންގެ މައްޗަށް ފިރިހެނުންނަށް ދަރަޖައެއް ލިބިގެންވެއެވެ."

މި އާޔަތުގެ ދެބަޔަށް ވެސް ފުރިހަމަ ސަމާލުކަމެއް ދޭންޖެހެއެވެ. އެކަކު އަނެކަކަށް އޮންނަ ޙައްޤުތަކުގެ ވާހަކަ ދައްކާފައި، ފިރިމީހާގެ ދަރަޖައަށް (ދަރަޖަތަކަށް) ބެލުމެއްނެތި ދޫކޮށްލުމަކީ ފުރިހަމަގޮތެއް ނޫނެވެ. ހަމައެފަދައިން، އޭގެ ކުރިން ބަޔާންކުރައްވާފައިވާ ދެމަފިރިންގެ ޙައްޤުތަކުގެ މަތީން ހަނދާންނައްތާލާފައި، ހަމައެކަނި ފިރިމީހާގެ ދަރަޖައިގެ މައްޗަށް އެކަނި ބުރަވުމަކީ ވެސް ރަނގަޅު ގޮތެއްނޫނެވެ. ޤުރުއާނުގައި މި ދެކަންތައް ވެސް ބަޔާންކޮށްދީފައިވަނީ އެއް އޮނިގަނޑެއްގެ ތެރޭގައެވެ.

އަދި މިއާ ގުޅިގެންވާ މައިގަނޑު އެހެން އުޞޫލެއް ބަޔާންކުރައްވައި ﷲ ވަޙީކުރައްވާފައިވެއެވެ.

﴿ ۚوَعَاشِرُوهُنَّ بِالْمَعْرُوفِ﴾‏ (އައްނިސާ، 19).

މާނަ: "އަދި، ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ!"

"އަލް-ޢިޝްރާ ބިލް-މަޢްރޫފް" (ހެޔޮގޮތުގައި އެކުގައި އުޅުން) ގެ މާނައަކީ ރީތިކޮށް އެކުގައި އުޅުމާއި، އެކަށީގެންވާ ގޮތަށް ޚަރަދުދީ ބެލެހެއްޓުމާއި، ރީތި ބަހުން ވާހަކަދެއްކުމާއި، ޙައްޤުތައް ފުރިހަމަކޮށްދިނުމާއި އަދި އަނިޔާއިންނާއި ގެއްލުމުން ރައްކާތެރިކުރުމެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ.

((خيرُكُم خَيرُكُم لأَهْلِهِ وأَنا خيرُكُم لأَهْلي)) (އައްތިރުމިޛީ، 3895).

މާނަ: "ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮކަން ބޮޑީ ތިމާގެ އަހުލުވެރިންނަށް (އަނބިދަރިންނަށް) އެންމެ ހެޔޮކޮށް ހިތާ މީހުންނެވެ. އަދި ތިމަންކަލޭގެފާނީ ތިޔަބައިމީހުންގެ ތެރެއިން އަހުލުވެރިންނަށް އެންމެ ހެޔޮ މީހާއެވެ."

އެހެންކަމުން، ޒަވާޖީ ގުޅުމާމެދު ދެކެވޭ ވާހަކައިގައި، ދެމަފިރީންގެ ޙައްޤުތަކާއި ޒިންމާތަކުގެ ވާހަކަ ދޫކޮށްލާފައި، "އަމުރުވެރިކަމާއި، ކިޔަމަންތެރިކަމުގެ ވާހަކަ" އެކަނި ގެނެވޭނަމަ އެއީ ކާވެންޏާމެދު އިސްލާމްދީން ހުށަހަޅައިދޭ ޝާމިލު (comprehensive) އޮނިގަނޑާ ބީރައްޓެހި ބަހުސެކެވެ. އެއީ ކާވެންޏާ ބެހޭ އިސްލާމީ އޮނިގަނޑުގެ އެއްބައި ނަގައިފައި އަނެއްބައި ދޫކޮށްލުމެވެ.

ގޭތެރޭގެ ދިރިއުޅުމުގައި ވެސް އޮތީ މިފަދައިންނެވެ. ތިމާގެ ބައިވެރިޔާއަށް އެހީތެރިވުމަކީ ފިރިމީހާގެ ދަރަޖަ ކުޑަވާކަމެއް ނުވަތަ އޭނާގެ މަޤާމާ ނުގުޅޭ ކަމެއް ކަމުގައި ދެކިގެންނުވާނެއެވެ.

އާއިޝާ ރަޟިޔަﷲ ޢަންހާއާ ސުވާލުކުރެވުނެވެ؛ "ކީރިތި ރަސޫލާ ﷺ އެކަލޭގެފާނުގެ އަހުލުވެރިންގެ މެދުގައި (ގޭތެރޭގައި) ކުރައްވަނީ ކޮންކަމެއްތޯއެވެ؟"

އެކަމަނާ ވިދާޅުވިއެވެ.

"އެކަލޭގެފާނު އުޅުއްވަނީ އަހުލުވެރިންގެ ޚިދުމަތުގައެވެ (ގޭތެރޭގެ ކަންކަމުގައި އެހީތެރިވެވަޑައިގަތުމުގައެވެ). ފަހެ، ނަމާދު ވަގުތު ޖެހުމުން (ނަމާދަށް) ނުކުމެވަޑައިގަންނަވައެވެ". (ޞަޙީޙުލް ބުޚާރީ: 538).

"ވުމާއެކު، ގޭތެރޭގައި އެކަކު އަނެކަކަށް އެހީތެރިވެ އެއްބާރުލުން ދިނުމަކީ ފިރިމީހާގެ ޤިވާމަތާ ފުށުއަރާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ މާތް އަޚްލާގާއި ނަބަވީ ސުންނަތުގެ ރީތި ނަމޫނާ ހާމަކޮށްދޭ – އަދި ކިއެއްތަ؟ ޤިވާމަތުގެ ތެރޭގައި ހިމެނޭ – ކަމެކެވެ."

ވީމާ، ކާވެންޏާމެދު ބައެއް ފަހަރު ގެންގުޅޭ ހަނި ވިސްނުންތައް ދޫކޮށްލައި، ޝަރުޢީ ނުޞޫޞުތައް މާނަކުރުމުގައި ފުޅާ އަދި އިންސާފުވެރި މިންގަނޑެއް ގެންގުޅުމަކީ މުހިންމު ކަމެކެވެ. އެގޮތުން، ޤިވާމަތާއި ޠާޢަތުގެ އަސާސްތައް ނެގެހެއްޓުމާއެކު، އިސްލާމްދީން އެ ކަންކަމަށް ދީފައިވާ އަސްލު މަޤާމުގައި އެ ކަންކަން ބަހައްޓާންޖެހޭނެއެވެ.

ދެމަފިރިންނަކީ މާތްވެގެންވާ ވަރުގަދަ ޢަހުދަކުން ގުޅިފައިވާ ދެ ބައިވެރިންނެވެ. ޤިވާމަތަކީ ޝަރަފަކާއި އިމްތިޔާޒަކަށްވުމުގެ ކުރިން، ބޮޑުވެގެންވާ ޒިންމާއެކެވެ. އަދި ޠާޢަތު (ކިޔަމަންތެރިކަން) ހިނގަނީ ހެޔޮކަމާއި މަޢްރޫފްގެ އިމުގެ ތެރޭގައެވެ. އެންމެ ފަހުން، އެކަކު އަނެކަކާމެދު ކަންތައް ކުރި ގޮތާމެދު ފިރިމީހާއާއި އަނބިމީހާ ވެސް މާތް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް